"މާމުއި" އަޅުވާނީ އަންނަ އަހަރުގެ އެޕްރީލް 5 ގައި

ބޮޑު ކާސްޓެއް ހިމަނައިގެން ޑާކް ރެއިން އެންޓަޓައިންމަންޓުން ހަދާ ކޮމެޑީ ފިލްމް "މާމުއި" އަންނަ އަހަރުގެ އެޕްރީލް 5 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.


ޑާކް ރެއިން އަކީ އާންމުކޮށް އެޕްރީލް 5 ގައި ފިލްމްތައް އަޅުވަން މަޝްހޫރު ސްޓޫޑިއޯއެކެވެ. އެކަމަކު މި އަހަރުގެ އެޕްރީލް 5 އަށް ތާވަލު ކުރި ފިލްމް "ގޮށްރާޅު" ވަނީ މި އަހަރުގެ ޑިސެމްބަރަށް ފަސްކޮށްފަ އެވެ.

ޑާކް ރެއިނުން ބުނި ގޮތުގައި އެ ފިލްމް ޑިސެމްބަރަށް ފަސްކޮށްލީ މާޗް 5 ގައި "ވަކިން ލޯބިން" ގެނެސްދޭން ޖެހުމުން، ސްޓޫޑިއޯ މާ ބޮޑަށް ބިޒީވެގެންނެވެ.

އެ ސްޓޫޑިއޯ އިން ވަނީ ފާއިތުވި ތިން އަހަރު ވެސް އެޕްރީލް 5 ގައި ވެސް ވަރަށް ކާމިޔާބު ފިލްމްތަކެއް ގެނެސް ދީފަ އެވެ.

އެއީ މިދިޔަ އަހަރު ރިލީޒް ކުރި "މީ ލޯތްބަކީ" އާއި 2016 ގައި ރިލީޒް ކުރި "ވާށޭ މަށާއެކީ" ގެ އިތުރުން 2015 ގެ އެޕްރީލް 5 ގައި ރިލީޒް ކުރި "އެންމެ ފަހު ވިންދާ ޖެހެންދެން" އެވެ. މި ފިލްމްތަކުގެ އިތުރުން ވެސް ޑާކް ރެއިނުން ވަނީ އެޕްރީލް 5 ގައި ފިލްމްތަކެއް ގެނެސް ދީފަ އެވެ.

ރޯދައިގެ ފަހުން ޝޫޓިން ފަށާ "މާމުއި" އަކީ އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓް ކުރާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޗިއްޕެ އާއި އައިޝަތު ފުއާދު ތައުފީގެވެ.

"މާމުއި" ގެ ކާސްޓުންގެ ތެރޭގައި ރާއްޖޭގެ މިހާރުގެ މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.

މިހާރު އިއުލާންކޮށްފައިވާ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް، ނުޒުހަތު (ނުޒޫ) ޝުއައިބް، އިބްރާހީމް (ފުބޫ) ޝާފިއު، އިސްމާއިލް (ޖުމާ) ޖުމައިހް، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް (ރެކްސް) ރިޒްވީ، އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ.

މީގެ އިތުރުން "މާމުއި" ގެ ކާސްޓުންގެ ތެރޭގައި ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް ހިމެނެ އެވެ.

ޑާކް ރެއިނުން ބުނާ ގޮތުގައި "މާމުއިވެގެން ދާނީ ވަރަށް ތަފާތު" ފިލްމަކަށެވެ. މި ފިލްމްގެ އިތުރުން ވެސް އަންނަ އަހަރު ޑާކް ރެއިނުން ފިލްމްތަކެއް ގެނެސް ދޭން ވަނީ އަމާޒު ހިފައިފަ އެވެ.