އިސްމާއީލް ވަޖީހާ އެކު "މާމުއި" ފަށައިފި

ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ އަހަރުގެ އެޕްރީލް 5 އަށް ތާވަލުކޮށްފައިވާ ކޮމެޑީ ފިލްމް "މާމުއި" ގެ ޝޫޓިން އިސްމާއީލް ވަޖީހާ އެކު ފަށައިފި އެވެ.


ކުރީގެ މަޝްހޫރު އެކްޓަރު މިހާރު ސިންގަޕޫރުގައި ދިރިއުޅުނަސް އޭނާ މި ވަގުތު ހުރީ "މާމުއި" ގެ ޝޫޓިން އަށް މާލޭގަ އެވެ. ވަޖީހާ އެކު ފިލްމްގެ ޝޫޓިން އާދިއްތަ ދުވަހު ފެށި އިރު، މިހާރު ކުރިއަށްދާ ޝޫޓިންގެ ފުރަތަމަ ލެގްގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަހު ކުރިއަށް ދާނެ ކަމަށް ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުންޏެވެ.

ވަޖީހް ވަނީ މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސް ދިން "މީ ލޯތްބަކީ" ގެ ހާއްސަ ފެނިލުމަކުން ވެސް ފެނިލައިފަ އެވެ. މޮގާ ބުނީ މި ފަހަރު ވެސް ވަޖީހުގެ ފެނިލުން ވަރަށް ހާއްސަވާނެ ކަމަށެވެ.

"އޭނަ އަށް ހަމަ ލިޔެފައި އިން ކެރެކްޓާއަކުން ފެނިގެން ދާނީ. އެކަމަކު ހަމަ ކުރިއެކޭ އެއްގޮތަށް ސްޕެޝަލް އެޕިއަރަންސެއް މިއީ،" އޭނާ ބުންޏެވެ.

މޮގާ ބުނީ ބޮޑު ކާސްޓެއް ހިމެނޭ "މާމުއި" ގެ ކާސްޓުން އެއްކޮށް ފައިނަލްކޮށް، ފިލްމްގެ ޝޫޓިން ދެން ކުރިއަށް ގެންދާނީ ރޯދައިގެ ފަހުން ކަމަށެވެ.

"އަހަރެމެން މިހާރު ކާސްޓުންގެ ފޮޓޯ ޝޫޓިން ސެޝަންތަކެއް ވެސް ބާއްވައިފިން. ދެން ރޯދަ މަހު ތެރޭގައި ނަމަވެސް، ކާސްޓް އެއްކޮށް ރިވީލްކޮށްލާނަން،" އޭނާ ބުންޏެވެ.

"މާމުއި" އަކީ މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި ޑައިރެކްޓަރު އަލީ (ޗިއްޕެ) ޝިފާއުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.

ކާސްޓުންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް، ނުޒުހަތު (ނުޒޫ) ޝުއައިބް، އިބްރާހީމް (ފުބޫ) ޝާފިއު، އިސްމާއިލް (ޖުމާ) ޖުމައިހް، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް (ރެކްސް) ރިޒްވީ، އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން "މާމުއި" އިން ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް ބައިވެރިވެ އެވެ.