އައިޝްވާރިޔާ ރާއީ އަށް މި ފަހުން ކުޅެން ލިބޭ ކޮންމެ ފިލްމެއްގައިހެން އެކުގައި މަސައްކަތް ކުރަން ޖެހެނީ އޭނާ އަށް ވުރެ ހަގު އެކްޓަރުންނާ އެކުގަ އެވެ.
ކަރަން ޖޯހަރް 2016 ގައި ގެނެސް ދިން "އޭ ދިލް ހޭ މުޝްކިލް" ގައި ރަންބީރް ކަޕޫރާ އެކު މަސައްކަތް ކުރުމަށް ފަހު، އަންނަ ޖުލައި 13 ގައި ރިލީޒް ކުރާ "ފޭން ހާން" ގައި އައިޝްވާރިޔާ ފެނިގެން ދާނީ ޒުވާން އެކްޓަރަކާ އެކުގަ އެވެ.
އަނިލް ކަޕޫރް ވެސް މުހިއްމު ރޯލެއް ކުޅޭ މި ފިލްމްގައި އައިޝްވާރިޔާގެ ލޯބިވެރިޔާގެ ރޯލް ކުޅެފައި ވަނީ ނެޝަނަލް އެވޯޑް ވެސް ހާސިލްކޮށްފައިވާ 33 އަހަރުގެ އެކްޓަރު ރާޖްކުމާރް ރާއޯ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކްރިއާޖް އެންޓަޓައިމަންޓުން ގެނެސްދޭ ކުރީގެ ކްލަސިކް "ވޯ ކޯން ތީ" ރިމެކިން އިން ވެސް ފެނުމުގެ ފުރުސަތު ބޮޑީ އައިޝްވާރިޔާ އާއި އޭނާ އަށް ވުރެ ހަގު ޝާހިދު ކަޕޫރެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ރޯހަން ސިއްޕީ އަލަށް ފަށާ ފިލްމްގެ ލީޑް ރޯލަށް ނަގަން ބޭނުން ވަނީ އައިޝްވާރިޔާ އާއި ކަރްތިކް އާރިޔަންއާ އެވެ. މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިން ވިދާލި ކަރްތިކްއަކީ 29 އަހަރުގެ އެކްޓަރެކެވެ.
ފިލްމް ފެއާ އިން ބުނީ ރޯހަންގެ ތުރިލާ އަށް އައިޝްވާރިޔާ މިހާރު ސޮއިކޮށްފައިވާ އިރު، ފިލްމްގެ ކާސްޓަށް ކަރްތިކް ގެންނަން މިހާރު އަންނަނީ ވާހަކަ ދައްކަމުން ކަމަށެވެ. އަދި މި ޖޯޑު ސްކްރީނުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައިވެ އެވެ.
އެ ފިލްމްގެ ނަމާއި ފިލްމްގެ މަސައްކަތް ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ. ރޯހަންގެ ފުރަތަމަ ފިލްމް ކުޗް ނާ ކަހޯ (2003) ގައި ލީޑް ރޯލް ކުޅުނީ އައިޝްވާރިޔާ އާއި އަބީޝެކް އެވެ.
ރޯހަން އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2013 ގައި އަޔޫޝްމަން ކުރާނާ ލީޑް ރޯލް ކުޅުނު "ނޯޓަންކީ ސާލާ" އެވެ.