"ކްރިޝް 4" ގައި ވެސް ޕްރިޔަންކާ ޗޯޕްޅާ އުޅޭނެ: ރާކޭޝް ރޯޝަން

ރިތިކް ރޯޝަން ސުފަހީރޯއެއްގެ ރޯލް ކުޅޭ ފިލްމް "ކްރިޝް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމަށް މިހާރު ތައްޔާރުވަމުން އަންނަ އިރު، އޭގެ ބަތަލާގެ ރޯލުން ވެސް ކުޅޭނީ ޕްރިޔަންކާ ކަމަށް ޑައިރެކްޓަރު ރާކޭޝް ރޯޝަން ބުނެފި އެވެ.


ޕްރިޔަންކާ ވަނީ ކްރިޝް (2006) އާއި ކްރިޝް 3 (2013) ގައި ބަތަލާގެ ރޯލް ކުޅެފަ އެވެ. މިއީ 2003 ގައި ރާކޭޝް ގެނެސް ދިން ރިތިކާއި ޕްރިތީ ޒިންތާގެ "ކޮއި...މިލް ގަޔާ" ގެ ފޮލޯއަޕްތަކެވެ.

މީގެ ހަތަރު ވަނަ ބައިގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ފަށަން ރިތިކްގެ ބައްޕަ ރާކޭޝް މިހާރު ތައްޔާރީތައްވަމުން އަންނަ އިރު، ސިނަމާތަކަށް އަންނާނީ 2020 ގަ އެވެ.

އޭނާ ބުނި ގޮތުގައި "ކްރިޝް 4" ގެ ބަތަލާގެ ރޯލުން ވެސް ޕްރިޔަންކާ ފެންނާނެ ކަމުގެ ޔަގީންކަން މިހާރު ވެސް ދެވިދާނެ އެވެ. އެކަމަކު އޭނާގެ ރޯލާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް ބުންޏެވެ.

"ޕްރިޔަންކާއަކީ ވަރަށް ވެސް މޮޅު ބަތަލާއެއް. އަހަރެން ވަރަށް ގަޔާވި ކްރިޝްގެ އެންމެ ފަހުގެ ދެ ފިލްމްގައި ވެސް އޭނާއާ އެކު މަސައްކަތް ކުރަން،" ރާކޭޝް ބުންޏެވެ. "އެކަމަކު އަހަރެން ހިއެއް ނުކުރަން ޕްރިޔަންކާ ހޮލީވުޑަށް ގޮސް ބޮޑު މަޝްހޫރު ކަމެއް ހޯދާނެ ކަމަކަށް."

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ ސަލްމާން ހާންގެ "ބާރަތު" އަށް ޕްރިޔަންކާ ސޮއިކޮށްފައިވާ އިރު، އޭނާގެ ދެވަނަ ހޮލީވުޑް ފިލްމް "އަ ކިޑް ލައިކް ޖޭކް" ވަނީ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފަށައިފަ އެވެ.

"ކްރިޝް 3" ގެ ލަވައެއް.

"ކްރިޝް 4" ގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ތާވަލުކޮށްފައިވާ އިރު، ރިތިކް މިހާރު އަންނަނީ ވިކާސް ބާލްގެ "ސުޕަ 30" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.

އަންނަ އަހަރުގެ އޮކްޓޯބަރުގައި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ ފިލްމަކުން ވެސް ރިތިކް ފެނިގެން ދާނެ އެވެ. އަދި ނަން އިއުލާންކޮށްފައި ނުވާ، ސިދާތު އާނަންދު ޑައިރެކްޓް ކުރާ އެ ފިލްމްގެ ކާސްޓުންގެ ތެރޭގައި ޓައިގާ ޝްރޮފާއި ވާނީ ކަޕޫރް ވެސް ހިމެނެ އެވެ.

"ކްރިޝް" ގެ ފިލްމްތަކުގެ އިތުރުން ޕްރިޔަންކާ އާއި ރިތިކް ވަނީ 2012 ގައި ރިލީޒް ކުރި "އަގްނީޕަތު" ގައި ވެސް އެކުގައި މަސައްކަތްކޮށްފަ އެވެ.