ޓައިގާ، ވާނީ އަދި ރިތިކް: ތިން ތަރިން އެކުގައި ކުޅޭ ފިލްމް 6 ގައުމެއްގައި ޝޫޓް ކުރާނެ.
22 ޖުލައި 2018 - 09:28
ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް އަދި ވާނީ ކަޕޫރް ލީޑް ރޯލް ކުޅޭ ޔާޝްރާޖް ފިލްމްސް (ވައިިއާރްއެފް) ގެ އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމް ދުނިޔޭގެ ހަ ގައުމެއްގެ އަގު ބޮޑު، ހިތްގައިމު ލޮކޭޝަންތަކުގައި ޝޫޓް ކުރާނެ ކަމަށް އެ ފިލްމްގެ ޑައިރެކްޓަރު ސިދާތު އާނަންތު ބުނެފި އެވެ.
"ސަލާމް ނަމެސްތޭ" އާއި "ބޭންގް ބޭންގް" ފަދަ ކާމިޔާބު ފިލްމްތައް ގެނެސް ދިން ޑައިރެކްޓަރު ބުނި ގޮތުގައި މި އެކްޝަން ތުރިލާ ޝޫޓް ކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން ސްވިޑްން، ޖޯޖިއާ، ސްޕެއިން، އިޓަލީ، ޕޯޗްގަލް ހިމެނެ އެވެ.
"އަހަރެމެން މި ފިލްމް ޝޫޓް ކުރާ ބައެއް ލޮކޭޝަންތަކަކީ ޗުއްޓީ މަންޒިލްތަކުގެ ގޮތުގައި އެންމެ އަގު ބޮޑު ތަންތަން. އޭގެ ތެރޭގައި ލޭކް ކޯމޯ އާއި އަމާލްފީ ކޯސްޓް ހިމެނޭ،" ސިދާތު ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިހާރު އަންނަ އަހަރުގެ އޮކްޓޯބަރު 2 އަށް ތާވަލުކޮށްފައިވާ މި ފިލްމްވެގެން ދާނީ ބޮލީވުޑްގެ ފިލްމަކުން މިހާތަނަށް ނުފެންނާ ވަރުގަދަ އެކްޝަންތަކާ އެކު، އެހާމެ ރީތި މަންޒަރުތަކެއް ފެނިގެން ދާނެ ފިލްމަކަށެވެ. މި ފިލްމް އެންމެ ފުރަތަމަ އިއުލާން ކުރީ ޖެނުއަރީ، 25، 2019 ގައި ރިލީޒް ކުރާ ގޮތަށެވެ.
ސިދާތު ބުނީ ވައިއާރްއެފްގެ މި ފިލްމަކީ ބޮލީވުޑް ފިލްމެއްގައި މިހާތަނަށް އިންޓަނެޝަނަލް އެންމެ ބޮޑު ޓެކްނިކަލް ޓީމް މަސައްކަތް ކުރާނެ ފިލްމަށް ވެސް ވާނެ ކަމަށެވެ.
"މުޅި ފިލްމަށް ބަލާ އިރު މިއީ ވަރަށް ވެސް ބިޔަ ޕްރޮޖެކްޓެއް. ވައިއާރްއެފުން މިހާތަނަށް ހަދާ އެންމެ ވަރުގަދަ އެކައްޗަށް މީތި ވާނެ،" ފިލްމް ވަރަށް ވެސް ތަފާތި ވާނެކަން ފާހަގަކޮށް އޭނާ ބުންޏެވެ. "ހަމަ ޔަގީނުން ވެސް ރިތިކާއި ޓައިގާގެ ވަރަށް ވެސް މޮޅު އެހާމެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފިލްމުން ދައްކުވައި ދޭނެ."
ސިދާތު: އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރީ 2015 ގައި ރިލީޒް ކުރި "ބޭންގް ބޭންގް".
އަންނަ މަހު ފިލްމްގެ ޝޫޓިން ފަށަން އޮތް ނަމަވެސް، ރިތިކް ހަށިގަނޑު ވަރުގަދަ ކުރަން ވަގުތު ދިނުމުގެ ގޮތުން މީގެ ޝޫޓިން އަހަރުގެ ފަހުކޮޅަށް ވަނީ ފަސްކޮށްފަ އެވެ. އޭނާ މިހާރު ކުޅެމުން އަންނަ "ސުޕަ 30" އަށް ވަނީ މަސްތައް ވިރުވާލައި، ސައިޒުން ކުޑަވެލައިފަ އެވެ.
މި އަހަރު ރިލީޒް ކުރި "ބާގީ 2" ކުޅެން ހަށިގަނޑު ވަރުގަދަ ކުރުމަށް ފަހު، އަންނަ ނޮވެމްބަރު މަހުގެ 23 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ" އަށް ޓައިގާ ވެސް މަސްތައް ވިރުވައިލި އެވެ. އެކަމަކު ފިލްމްގެ ޝޫޓިން މިހާރު ނިމުމަކަށް އައިސްފައިވާތީ އޭނާ ވެސް ވަނީ އަލުން ޖިމް ރޫޓިން ވަރުގަދަކޮށްފަ އެވެ.
ދެހާސް ވިހީގައި ރިލީޒް ކުރާ "ރާމްބޯ" ގެ ހިންދީ ރިމެކިންއަކީ ވެސް ޓައިގާ ވަރުގަދަކޮށް ފެންނާނެ ފިލްމެކެވެ. އެ ފިލްމަކީ ވެސް ސިދާތު ޑައިރެކްޓް ކުރާ ފިލްމެކެވެ. "ރާމްބޯ" ގެ ޝޫޓިން ފަށާނީ ވައިއާރްއެފްގެ ފިލްމް ނިމުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy