ޖޭމްސް ގަން: "ގާޑިއަންސް އޮފް ދަ ގެލެކްސީ 3" އޭނާ ޑައިރެކްޓެއް ނުކުރާނެ.
23 ޖުލައި 2018 - 06:28
ޑިޒްނީގެ ކާމިޔާބު ސުޕަހީރޯ ފިލްމް ފްރެންޗައިޒް "ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ ޑައިރެކްޓަރު ޖޭމްސް ގަން އެ ސީރީޒްގެ ތިން ވަނަ ފިލްމްގެ ޑައިރެކްޝަނުން ބޭރުކޮށްލައިފި އެވެ.
އޭނާ ލައްވައި "ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" ޑައިރެކްޓް ނުކުރަން ނިންމީ ރޭޕް ކުރުމާއި އެކި ކަހަލަ ޖިންސީ ވާހަކަތަކާ ބެހޭ ގޮތުން މީގެ އަހަރުތަކެއް ކުރިން ޖޭމްސް ކޮށްފައިވާ ޓްވީޓްތަކެއް އަލުން ތިލަވެ، ގިނަ ބައެއްގެ ފާޑު ކިޔުންތައް އޭނާ އަށް އަމާޒުވުމުންނެވެ.
ޖޭމްސް 2008-2011 އާ ދޭތެރޭ ކޮށްފައިވާ ޓްވީޓްތަކެއްގައި، ރޭޕަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ދޭހަވާ ކަހަލަ އިބާރާތްތައް ބޭނުންކޮށްފައިވެ އެވެ.
އޭނާގެ މި ޓްވީޓްތަކާ ގުޅިގެން، ފިލްމްގެ ތިން ވަނަ ބައިގެ ޑައިރެކްޓަރުގެ ގޮނޑި އަތުލިކަން ހާމަކޮށް، ޑިޒްނީ ސްޓޫޑިއޯސްގެ ޗެއާމަން އެލަން ހޯން ނެރުނު ބަޔާނެއްގައި ބުނީ ޖޭމްސް ދައްކައިފައި ހުރީ ގަބޫލު ކުރެވޭ ކަހަލަ ވާހަތަކެއް ނޫން ކަމަށެވެ. އަދި އޭނާގެ ޓްވީޓްތަކުގައި ފާޅުކޮށްފައިވާ ޝުއޫރުތަކަކީ ބަލައި ގަންނަން އުނދަގޫ މުޑުދާރު ވާހަކަތަކެއް ކަމަށް ބުންޏެވެ.
އެލަން ބުނި ގޮތުގައި ޑިޒްނީގެ ދަށުން މަސައްކަތް ކުރާ މީހުންނަކީ ސުލޫކީ މިންގަނޑިތަކަކަށް ތަބާވާން ޖެހޭ ބައެކެވެ. އަދި އުސޫލްތައް ދޫކޮށްލާ މީހުންނާ އެކު، މަސައްކަތް ކުރެވެން ނޯންނާނެ ކަމަށް ބުންޏެވެ.
"ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" ޖޭމްސްގެ ބަދަލުގައި ޑައިރެކްޓް ކުރާ މީހަކު ޑިޒްނީން އަދި ހާމައެއް ނުކުރެ އެވެ.
1. Many people who have followed my career know when I started, I viewed myself as a provocateur, making movies and telling jokes that were outrageous and taboo. As I have discussed publicly many times, as I’ve developed as a person, so has my work and my humor.
— James Gunn (@JamesGunn) July 20, 2018
ޖޭމްސްގެ ޓްވީޓެއް.
މިކަމާ ގުޅިގެން ޖޭމްސް ކުރި ޓްވީޓްތަކެއްގައި ބުނީ އޭނާ ޓްވީޓްތަކުގައި ދައްކާފައި ހުރި ގިނަ ވާހަކަތަކަކީ ސަމާސާއަކަށް ދައްކާފައި ހުރި ވާހަކަތަކެއް ކަމަށެވެ. އަދި އޭނާއަކީ ކަންކަމަށް އަބަދު ވެސް ޖޯކު ޖަހާ މީހެއް ކަމަށާއި ޓްވީޓްތަކުގައި ވެސް ހުންނާނީ މަޖަލަށް ދެއްކި ވާހަކަތަކެއް ކަމަށް ބުންޏެވެ.
މީގެ ކުރިން ބައެއް މީހުން އޭނާގެ ޓްވީޓްތަކާ ދޭތެރޭ ހިތްހަމަނުޖެހުނީމަ އެކަމަށް ތަކުރާރުކޮށް މައާފަށް ވެސް އެދިފައި ވާނެ ކަމަށް 51 އަހަރުގެ ޑައިރެކްޓަރު ބުންޏެވެ. އެހެންވެ މާ ކުރިން ދައްކާފައި ހުރި ވާހަކަތަކަކާ ގުޅިގެން ޑިޒްނީން އޭނާއާ ދޭތެރޭ އެޅި ފިޔަވަޅަކީ އިންސާފެއް ނޫން ކަަމަށް ޖޭމްސް ބުންޏެވެ.
"ގާޑިއަންސް އޮފް ދަ ގެލެކްސީ" އަކީ 2014 އިން ފެށިގެން ޖޭމްސް ޑިޒްނީ އާއި މާވެލްއާ ގުޅިގެން ގެނެސްދޭ ސީރީޒެކެވެ. މީގެ ދެވަނަ ބައި ރިލީޒްކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އަދި ތިން ވަނަ ބައި އޮތީ 2020 އަށް ތާވަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy