"ޑިޓިއުން ބޭންޑް" ލަންޑަންގެ ޝޯއަކަށް މާދަމާ ފުރާނެ.
21 އޯގަސްޓް 2018 - 17:58
މި ބޮޑު އީދާ ދިމާކޮށް ރާއްޖޭގެ ވަރަށް ގިނަ ބޭންޑުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ އިރު، މަޝްހޫރު ބޭންޑް ޑިޓިއުން އިނގިރޭސި ވިލާތުގެ ލަންޑަނުގައި ޝޯއެއް ދޭން އެ ގައުމަށް މާދަމާ ފުރަން ތައްޔާރުވެއްޖެ އެވެ.
ފަސް މެމްބަރުން ހިމެނޭ ބޭންޑު ލަންޑަނަށް ފުރާނީ މާދަމާ ހެނދުނެވެ. ބޭންޑުގެ ޝޯ އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ. މިއީ، ލަންޑަންގައި އިންތިޒާމު ކުރާ ބޮޑު ކައިވެނީގެ ހަފުލާއެއްގައި ޕާފޯމް ކުރުމަށް، ޑިޓިއުން ބޭންޑަށް ލިބުނު ދައުވަތަކަށް ކުރާ ދަތުރެކެވެ.
ބޭންޑުގައި ހިމެނޭ ހަމައެކަނި އަންހެން މެމްބަރު ފާތުމަތު (ފެޒޫ) ފެޒްލީން ބުނީ ރާއްޖެ ތަމްސީލު ކުރަން ލަންޑަން ކަހަލަ ބޮޑު ސިޓީ އަކަށް ދެވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"އަހަރެމެން އެންމެން މިތިބީ މި ޓްރިޕާ ދޭތެރޭ ވަރަށް އުފަލުން. އެންމެ ބޮޑު އުފަލަކީ ބޭރު ގައުމެއްގައި ރާއްޖެ ރިޕްރެޒެންޓް ކޮށްލަން ފުރުސަތު ލިބުން،" މީގެ އަހަރުތަކެއް ކުރިން ވެސް ލަންޑަންގައި ޑިޓިއުން ޕާފޯމް ކުރިކަން ފާހަގަކޮށް އޭނާ ބުންޏެވެ.
ރާއްޖޭގެ ރިސޯޓްތަކުގައި ގަވައިދުން މިއުޒިކް ކުޅޭ އެންމެ މަގުބޫލް ބޭންޑްތަކުގެ ތެރޭގައި ހިމެނޭ ޑިޓިއުންގައި ފެޒޫއާ އެކު ދެން ހިމެނޭ މެމްބަރުންނަކީ އަހުމަދު (ފުޖީ) ފުރްގާން، ހަސަން (ފާތީ) ފާތިހް، އަލީ (އައްޔަ) ޝާފިއު އަދި އަހުމަދު (އައްމަޑޭ) އާސިފް އެވެ.
މިހާތަނަށް ވަރަށް ހިތްގައިމު އެތައް ދިވެހި ލަވަތަކާއި އިނގިރޭސި ލަވަތަކެއް ވެސް އެހުންތެރިންނަށް ދޫކޮށްލައިފައިވާ ޑިޓިއުން އަކީ ވަރަށް ތަފާތު ވީޑިއޯ ލަވަތަކެއް ވެސް ބެލުންތެރިންނަށް ގެނެސް ދީފައިވާ ބޭންޑެކެވެ.
ލަންޑަންގައި ވަރުގަދަ ޝޯއެއް ދޭން ޑިޓިއުން ފުރާއިރު، އެ ބޭންޑުގެ 12 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މާލޭގައި އަންނަ ނޮވެމްބަރު މަހު ޝޯތަކެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.
ޑިޓިއުންގެ އަހަރީ ދުވަހަކީ ފެބްރުއަރީ 18 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy