އާލިއާ ބަޓް
05 ސެޕްޓެމްބަރ 2018 - 07:32
އާއިލީ ފިލްމް ކުންފުންޏެއް އޮތަސް، ޒުވާން ބަތަލާ އާލިއާ ބަޓް ބޮލީވުޑްގައި ނަން ހިނގާ ކާމިޔާބު ބަތަލާއަކަށް ވެގެން ދިޔައީ، ދުރުން ލިބުނު ފުރުސަތުތަކުންނެވެ. މިހާތަނަށް އަދި ބައްޕަ މަހޭޝް ބަޓްގެ ހިއްސާ އޮތް އެއްވެސް ފިލްމެއްގައި އޭނާ މަސައްކަތެއް ނުކުރެ އެވެ.
އެކަމަކު ބޮލީވުޑްގެ ރިޕޯޓްތައް މިހާރު ބުނާ ގޮތުން އާއިލީ ފިލްމް ކުންފުނި ވިޝޭޝް އިން އުފައްދަން ނިންމާފައިވާ "ސަޅަކް 2" ގެ މައި ބަތަލާއަކީ އާލިއާ އެވެ.
މި ފިލްމަކީ 1990 ގައި މަހޭޝް ލިޔެ، ޑައިރެކްޓްކޮށް، ޕޫޖާ ބަޓާއި ސަންޖޭ ދަތު ލީޑް ރޯލް ކުޅުނު ފިލްމް "ސަޅަކް" ގެ ދެވަނަ އެވެ.
ފިލްމްގެ ދެވަނަ ބައެއް ގެނެސްދޭކަން ކަށަވަރުކޮށް ދިނުމަށް ފަހު، ފިލްމުން މި ފަހަރު ވެސް ސަންޖޭ ފެންނާނެކަން ވެސް ވަނީ ޔަގީންވެފަ އެވެ. އަދި "ސަޅަކް 2" ގެ ސްކްރިޕްޓް ބިނާކޮށްފައި ވަނީ އާލިއާ ކުޅޭ ކެރެކްޓާގެ ވަށައިގެން އެނބުރޭ ގޮތަށް ކަމަށް ހަބަރުތައް ބުނެ އެވެ.
Viewed through the lens of our master @MaheshNBhatt under the watchful,wise gaze of Tagore,a special moment captured on 7/8/18 through which these words of ‘Gurudev’ resonate “Everything comes to us that belongs to us if we create the capacity to receive it.”#Sadak2 #visheshfilms pic.twitter.com/mtYNyBiSwg
— Pooja Bhatt (@PoojaB1972) August 8, 2018
ޕޫޖާ ބަޓްގެ ޓްވީޓެއް.
ސަންޖޭ އާއި އާލިއާ މިހާރު ވެސް އަންނަނީ އެކީގައި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ "ކަލަންކް" އެވެ. "ސަޅަކް 2" ގައި އާލިއާ ފެނިގެން ދާނީ ސަންޖޭގެ ދަރިއެއްގެ ރޯލުން ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ޕޫޖާ ޑައިރެކްޓް ކުރާ މި ފިލްމްގެ މުހިއްމު ރޯލަކުން އޭނާ ވެސް ފެނުމުގެ ފުރުސަތު އެބަ އޮތެވެ. އަދި "ސަޅަކް 2" ގެ ކާސްޓުންގެ ތެރޭގައި އަދިތިޔާ ރޯއި ކަޕޫރް ވެސް ހިމެނޭ ކަމަށްވެ އެވެ. އޭނާއަކީ ވިޝޭޝް އިން މި ފަހުން އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ 2013 ގެ "އާޝިގީ 2" ބަތަލެވެ.
"ސަޅަކް 2" އާ ބެހޭ ގޮތުން ފިލްމްގެ އެއް ޕްރޮޑިއުސަރު އަދި މަހޭޝްގެ ކޮއްކޮ މުކޭޝް ބަޓް ބުނި ގޮތުގައި މި ފިލްމު ވާނީ މިހާރުގެ ހާލަތަށް ފެތޭ ވަރަށް ޖަޒުބާތީ ފިލްމަކަށެވެ.
"ސަޅަކް" އަކީ ނާސިއެއްގައި ގެއެއްގައި ގެންގުޅޭ އަންހެން ކުއްޖަކާއި ޓެކްސީ ޑްރައިވަރެއްގެ ލޯބީގެ ވާހަކަ ކިޔައި ދިން ރޮމޭންޓިކް ތުރިލާއެކެވެ. މިއީ 1976 ގައި ރިލީޒް ކުރި ހޮލީވުޑް ފިލްމް "ޓެކްސީ ޑްރައިވާ" ގެ ޕްލޮޓަށް ބިނާކޮށް ހެދި ފިލްމެކެވެ.
މި މަހުގެ ފަހުކޮޅަށް ޝޫޓިން ރާވާފައިވާ "ސަޅަކް 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ނޮވެމްބަރު، 15، 2019 ގަ އެވެ.
އާލިއާ މި ވަގުތު އަންނަނީ އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އާއި އަބީޝެކް ވަރްމަންގެ "ކަލަންކް" ގެ މަސައްކަތް ކުރަމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ ފެބްރުއަރީ، 14، 2019 ގައި ރިލީޒް ކުރާ ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" އެވެ.
ސަންޖޭގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ތޯރްބާޒް،" "ކަލަންކް" "ޕަނިޕަޓް" އަދި "ޝަމްޝޭރާ" ފާހަގަކޮށްކެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy