ޓްވިންކަލް: އޭނާ ސިފަ ކުރާ ގޮތުގައި އެއީ ފްލޮޕް ބަތަލާއެއް.
10 ސެޕްޓެމްބަރ 2018 - 08:20
ފިލްމީ ކެރިއަރުގައި ކުޅުނު އެއްވެސް ފިލްމެއް ސުޕަހިޓް ނުވާ ކަމަށާއި އެ ފިލްމްތައް އިންޑިއާގެ ޗެނެލްތަކުން ދެއްކުން ވެސް މަނާ ކުރަން ޖެހޭ ކަމަށް ކުރީގެ މަޝްހޫރު ބަތަލާ އަދި އެކްޓަރު އަކްޝޭ ކުމާރްގެ އަންހެނުން ޓްވިންކަލް ކަންނާ ބުނެފި އެވެ.
އަކްޝޭއާ 2001 ގައި ކައިވެނިކޮށް ފިލްމް ކުޅުން ހުއްޓައިލި ފަހުން، ޓްވިންކަލް ވަރަށް ގިނަ ފަހަރު، އޭނާ ކުޅުނު ފިލްމްތަކަށް ޖޯކް ޖަހާފައިވެ އެވެ. އެގޮތުން ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ އެންމެ ފަހު ސީޒަނުގައި ވެސް އޭނާ ވަނީ ކުޅުނު ފިލްމްތަކަށް ޖޯކް ޖަހައި، އޭނާއަކީ ވަރަށް ނާކާމިޔާބު ބަތަލާއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާޖޭޝް ކަންނާ އާއި ޑިމްޕަލް ކަޕާޑިއާގެ ދޮށީ އަންހެން ދަރިފުޅު ބޮލީވުޑަށް ތައާރަފުވީ ބޮބީ ޑިއޯލްއާ އެކު 1995 ގެ "ބަރްސާތު" އެވެ. އޭގެ ފަހުން އޭނާ ގިނަ ފިލްމްތަކެއް ކުޅުނެވެ.
އަނެއްކޮޅުން ޓްވިންކަލްއަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ހާނުން ކަމަށްވާ ޝާހްރުކް ހާނާއި އާމިރް ހާނާއި ސަލްމާން ހާނާ އެކު ފިލްމް ކުޅެން ލިބުނު މަދު ބަތަލާއިންގެ ތެރެއިން އެކެކެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ ލަވް ކޭ ލިޔޭ ކުޗް ބީ ކަރޭގާ (2001) އެވެ.
މިހާރު ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރު ޓްވިންކަލްގެ ތިން ވަނަ ފޮތް "ޕިޖާމާސް އާ ފޮގިވިން" ނެރެން ބޭއްވި ހަފުލާގައި އޭނާ ބުނި ގޮތުގައި ބޭނުން ވަނީ ކުޅުނު ފިލްމްތަކުގެ މަތިން އެއްކޮށް ހަނދާން ނައްތައިލާށެވެ.
"ޕިޖާމާސް އާ ފޮގިވިން" ނެރުމުގެ ހަފުލާގެ ތެރެއިން.
"އަދި އެ ފިލްމްތައް ޗެނެލްތަކުން ދެއްކުން ވެސް މަނާ ކުރަން ޖެހޭ. އޭރުން އެއްވެސް މީހަކަށް އެ ފިލްމްތައް ބެލުމުގެ ފުރުސަތެއް ވެސް ނުލިބޭނެ،" މިހާރު ދެ ކުދިން ވެސް ތިބި ޓްވިންކަލް ބުންޏެވެ.
ކުޅުނު ފިލްމްތަކުގެ ތެރެއިން އެއްވެސް ފިލްމެއްގެ ރިމެކިންއެއް ހަދާ ނަމަ ހޮވުމަކަށް ވާނީ ކޮން ފިލްމެއްތޯ ނޫސްވެރިން ސުވާލު ކުރުމުން އޭނާ ބުނީ ރިމެކިންއެއް ހަދަން ޖެހޭ ވަރުގެ ފިލްމެއް ކުޅެފައި ނެތް ކަމަށެވެ.
މިހާރު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ޓްވިންކަލް، 43، ކުޅުނު ފިލްމްތަކުގެ ތެރޭގައި "މޭލާ"، "ބާދްޝާހް،" "ޖާން"، "ޖަބް ޕިޔާރް ކިސީސޭ ހޯތާ ހޭ" އަދި "ޖޯރޫ ކާ ގުލާމް" ފަދަ ފިލްމްތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy