ނަހުލާގެ ވެބް ސީރީޒް "ހުވާ" ދެން މާ ލަހެއް ނުވާނެ

ފާތުމަތު ނަހުލާ ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ހުވާ" އާންމުންނަށް ދޫކޮށްލަން ދެން މާ ގިނަ ދުވަހެއް ނަގާނެ ކަމަކަށް ނުބެލެވެ އެވެ. ކުރިން ދިން މުއްދަތަށް ވުރެ މި ފެނުން ލަސްވެގެން ދިޔަ ނަމަވެސް، މިހާރު މި ވަނީ "ހުވާ" ގެ ބައެއް ކާސްޓުންގެ ލުކް ވެސް ދައްކާލައިފަ އެވެ.


މީގެ ފަސްޓްލުކް ޓީޒާއެއް ވެސް ވަނީ ދައްކާލައިފި އެވެ.

"ހުވާ" އަކީ ހުރިހާ ރަހަތަކެއް ހިމެނޭ ގޮތަށް ނަހުލާގެ އަމިއްލަ އަސަރު ގަދަ ސްކްރިޕްޓަކަށް ހަދާފައިވާ ރާއްޖޭގެ ފުރަތަމަ ރަސްމީ ވެބް ސީރީޒެވެ.

މައިގަނޑު ކާސްޓުންނަކީ ރަވީ ފާރޫގް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އާރިފާ އިބްރާހީމް އެވެ.

"ހުވާ" ޑައިރެކްޓް ކުރި ޔޫސުފް (ޔޫއްޕެ) ޝަފީއު އާއި މުހައްމަދު ފައިސަލް ވެސް މީގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ޝޫޓިން ފަށައި ޖުލައި މަހުގެ ތެރޭގައި ޝޫޓިން ނިންމައިލި "ހުވާ" ގެ މަންޒަރުތައް ނަގާފައި ވަނީ މާލެ/ވިލިމާލެ އަދި ކ. ގުރައިދޫގަ އެވެ.

ނަހުލާ ބުނެފައިވާ ގޮތުގައި މި ވެބް ސީރީޒަކީ މަސްތަތަކަށް ދިގުދެމިގެން ދާނެ ވަރަށް ވެސް އިބުރަތްތެރި ހާދިސާތަކެއް ފެނިގެން ދާނެ އެއްޗެކެވެ. "މީގެ ސްޓޯރީ ވަރަށް ފުޅާ ވާނެ. އާއިލީ އިޖުތިމާއީ ވަރަށް ގިނަ އިޝޫސްތަކަކަށް މީގެ އެޕިސޯޑްތައް ބޭސްވެފައި ހުންނާނެ. ކުރުކޮށް ބުނަންޏާ މި އެއްޗަކީ މަސާލާ އެއްޗެއް،" މިދިޔަ އަހަރު "ބޮސް" ގެނެސް ދިން ޕްރޮޑިއުސަރު ބުންޏެވެ.