19 ސެޕްޓެމްބަރ 2018 - 07:40
އާދިއްތަ ދުވަހާ ގުޅޭ
"ބޭބެއަށް ހަމަ ހަންރެޑް ޕަސަންޓް ދޯ؟" ޝާޒްލީ އެހިއެވެ.
"އަހަރެންނަށް ހީވި ގޮތެއް ނޫނޭ އެއީ،" ހިތްހަމަނުޖެހިފައި ސުހެއިލު ބުންޏެވެ. "ކީއްކުރަން ވާހަކައެއް ހަދަންވީ؟ އެންމެ ރަނގަޅު. އެ ވާހަކަތައް ގަބޫލުނުކުރެވެނީ. ދެން ގޭގަ މިހާރު މި ހިނގާ ކަންތައްތަކޯ؟ އަހަރުމެންގެ ބައްޕަ އަހަރުމެންނަށް އެ ގޮތަށް ކަންތައްކުރާނެ؟ ނޯ! ހީ ނީޑް ހެލްޕް! އަހަންނަށް ހީވޭ ޝަޒޫއާ ޖެނީ ވެސް ޑެޑްއަށް އޮޅެނީހެން. އަލްޒައިމަރ؟"
"ދެން ނޯ!" ޝާޒްލީއަކަށް އެއްބަހެއް ނުވެވުނެވެ. "ވެދާނެ ޑެޑް ތަންކޮޅެއް ހަނދާންބަލިވީކަމަށް. އެކަމަކު ނޮޓް އަލްޒައިމަރ. އެހާ ބޮޑު ވަރެއް ނުވޭ!"
"އަހަރުމެން އެންމެން މަތިން ޑެޑް ހަނދާންނެތުމުގެ ކުރިން އެންމެން އެއްކޮށް އެބަޖެހޭ ކަންނޭނގެ ފެމެލީ ފޮޓޯއެއް ވެސް ނަގަން. ސީރިޔަސްކޮށް،" ސުހެއިލު ބުންޏެވެ. "ބްލެކްމެޖިކް ވެސް ޓްރައިކޮށްލަން ވެއްޖެ! ހުންނާނެ އެ ކަހަލަ ކަންތައް ކުރާ ފްރެންޑެއް. ޑީމަންއެއްގެ ކަމަކަށް ވެސް ވެދާނެއްނު!"
ޖިނާއާ ދޭތެރޭގައި އެކި ދަރިންގެ ހިތުގައި އުފެދުނީ އެކި ކަހަލަ އިހުސާސްތަކެވެ. ޝާޒްލީއަށް ވާހަކަދެއްކެނީ ޖިނާއާ އެއްކޮޅަށެވެ. ފަޒޭލު އެއްވެސް އެއްޗެއް ނުބުނެއެވެ. ކަނޑައެޅިގެން ދެކޮޅަށް ވާހަކަދެއްކީ ސުހެއިލެވެ. ކިތަންމެ ދުރުގައި ހުއްޓަސް ޖިނާއަށް އެ ކަން އެނގެއެވެ. ޖިންނީންނަކީ ރޫޙާނީ ވަރުގަދަ ވިޔުގައެއް ގެންގުޅޭ ބަޔެކެވެ. ސުން ސިކުންތުން ޚަބަރު ފަތުރައި، ދަތުރުކޮށްއުޅޭ މަޚްލޫޤެކެވެ.
ޢަލީ ސައިކަލުގައި އައިސް ޝާޒްލީގެ ގޭގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ގޭގެ ނަންބޯޑަށް ބަލައިލިއެވެ. އެ ގެއަށް ވަނުމަކީ ޢަލީއަށް މާ ފަސޭހަކަމެއް ނޫނެވެ. ކަންތައް ކުރެވުނު ގޮތުންނެވެ. ޝާޒްލީއާ ދިމާއަށް ކިޔުނު އެއްޗެހިންނާއި، އާދެވުނު ރުޅިއާއި، ވީ ފޫހީގެ ސަބަބުންނެވެ. ޖެނީ ހުރީ ބޮޑުކޮޓަރީގައި ހުރި ފޮތްތަކެއް ތަރުތީބުކޮށް، ހިރަފުސް ފޮޅާށެވެ. ޓީވީ ބަހައްޓައިފައިހުރި ކުޑަ ކަބަޑުގެ ވަތްގަނޑު ސާފުކޮށްފައި، އޭގެ ތެރޭގައި ފޮތްތައް ބަހައްޓަނިކޮށް ފޮތެއްގެ ތެރެއިން ފޮޓޯއެއް ވެއްޓުނެވެ. އެއީ، ސާޖިދުގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެކެވެ. ޖެނީ އެ ފޮޓޯ ނެގިއެވެ. އެ ހިނދު ޖެނީގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ.
"އަހަރެން ހިއެއްނުކުރަން ބައްޕަ އެހާ ގޯސްވާނެކަމަކަށް،" މަޑުމަޑުން ޖެނީ ބުނެލިއެވެ. "އަހަންނަށް މާފުކުރާތި!"
ދޮރެއް ހުޅުވައިލި އަޑު އިވިގެން ޖެނީ އަވަސްއަވަހަށް ފޮތް ތެރެއަށް ފޮޓޯގަނޑު ކޮއްޕައިލިއެވެ. ކޮޓަރިން ނުކުތީ ޒޫނާއެވެ. ވަރަށް ހެވިފައި ދެ އަތް ފުރަގަހަށް ލައިގެން ޒޫނާ އައިސް ޖެނީ ގާތުގައި ހުއްޓުނެވެ.
"ކިހިނެއްވީ؟" ޖެނީ ސުވާލުކުރިއެވެ.
"ތެދުވެބަލަ!" ޒޫނާ އެދުނެވެ.
ޖެނީ ތެދުވިއެވެ. ޒޫނާގެ ދެއަތުން ޖެނީގެ ދެ ލޯ މެރުވިއެވެ. ޒޫނާ ފޮރުވައިގެންހުރި ހެދުން ޖެނީގެ ގައިގައި ޖެއްސިއެވެ.
"ލޯ ހުޅުވާ!" ޒޫނާ އެދުނެވެ.
ޖެނީ ލޯ ހުޅުވިއެވެ. ހެދުމަށް ބަލައިލިއެވެ. ހެދުން ރީތިކަމުން ބުނާނެ އެއްޗެއް ވެސް ޖެނީއަކަށް ނޭނގުނެވެ.
"ތެންކިޔޫ ތެންކިޔޫ!" ތަކުރާރުކޮށް އެތައް ފަހަރަކު ޖެނީ ބުންޏެވެ.
ޒޫނާ އިރުކޮޅެއްވަންދެން ޖެނީގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
"ޖެނީ މި ގޭގަ ހަމަ ވަރަށް ހެޕީތަ؟" ޒޫނާ އެހިއެވެ.
"ކީއްވެ ތިހެން ތި އެހީ؟" ޖެނީ ހެދުން ބާއްވައިފައި ޒޫނާ ގައިގައި ބައްދައިލަމުން ބުންޏެވެ. "އަހަރެން ވަރަށް އުފާވޭ މަންމަ ކައިރީގަ ހުރެވޭތީ."
ޖެނީ ގަޔާ ދުރުކޮށްލައިފައި ހަތަރުކަޅި ހަމަކުރަމުން ޖެނީގެ ބޮލުގައި ޒޫނާ ފިރުމައިލިއެވެ.
"ބައެއްފަހަރު ޖެނީ ފެންނައިރު ހީވާނެ ކަމަކާ ހިތްހަމަނުޖެހިފަހުންނަހެން،" ޒޫނާ ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "ރަނގަޅަށްތަ މަންމައަށް މި ބުނީ؟"
ޖެނީ އިސްޖަހައިލިއެވެ. މޫނުމައްޗަށް ވެރިވި ހިތާމައިގެ އަސަރު ފޮރުވަން މަސައްކަތްކުރި ނަމަވެސް ޖެނީއަކަށް އެ ކަމެއް ނުވިއެވެ. ޖެނީގެ ދަތްދޮޅީގައި އިނގިލި ޖައްސައިލައިފައި ޒޫނާއަށް މޫނު ފެންނަ ވަރަށް ހިއްލައިލިއެވެ.
"އޭ!" ޒޫނާ މަޑުމަޑުން ބުނެލިއެވެ. "މަންމައަށް އިތުބާރުކޮށްފަ ބުނެބަލަ!"
"މަންމަ ކީއްވެގެންތަ މިހާރު އަހަންނަށް ދަ.." ޖެނީއަށް ބުނެވުނީ އެ ހިސާބަށެވެ.
"އައްސަލާމް އަލައިކުމް!" މީހަކު ބުނި އަޑު އިވުނެވެ.
ޒޫނާއާއި ޖެނީ އެކުގައި ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ޢަލީއެވެ. ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. ޒޫނާގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. އެހެންނަމަވެސް، ގަދަކަމުން ހިނިތުންވެލިއެވެ.
"ޖެނީ އިހަށް ދޭބަލަ އެތެރެއަށް އިނގޭ!" ޒޫނާ އެދުނެވެ.
ޢަލީއަށް ބަލަމުން ޖެނީ ގޮސް ކޮޓަރިއަށް ވަނެވެ.
"އާދެ އިށީންނަން." ޒޫނާ އެދުނެވެ.
ދެ ފިކުރެއްގައި ހުރެގެން ޢަލީ އައިސް ސޯފާގައި އިށީނެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ އައީތީ." ޒޫނާ ބުންޏެވެ.
ޢަލީއަށް ދަޢުވަތު ދިނީ ޒޫނާއެވެ. ދައްކަން ބޭނުންވި ވަރަށް ގިނަ ވާހަކަ ހުއްޓެވެ. އުނދަގޫވީ ފަށާށެވެ.
"ކޮން ހިސާބަކުންބާ ފަށާނީ؟" ޒޫނާއަށް ބުނެވުނެވެ.
ޢަލީ އިނީ ވަރަށް ގިނަ ޝަކުވާތައް ހިތުގައި ފޮރުވައިގެންނެވެ. އަނގަ ހުޅުވައިލައިފިއްޔާ ރަނގަޅު އެއްޗެއް ނުބުނެވޭނެކަން ޢަލީއަށް އެނގެއެވެ. އެކަމަކު ޒޫނާ ފުރުޞަތުދިނުމުން ދެން ނީނދެވުނެވެ.
"އަހަރެންގެ ބައްޕަ ފޭރިގަތް ހިސާބު ކިހިނެއްވާނެ؟" ޢަލީ ބުންޏެވެ.
ޒޫނާގެ މޫޑު ބަދަލުވިއެވެ. ނަފުރަތުގެ އަނގުރު އަލިފާނުން އޯގާތެރިކަމުގެ ކުލަވަރު އަންދައި އަޅިއަށް ހަދައިލިއެވެ. ޢަލީ ބުނި އެއްޗެއް ބުނީ ދެކޮޅަށް ނުވިސްނައިކަން ޒޫނާއަށް އެނގެއެވެ.
"ކޮންމެ މީހަކު ވެސް އުޅޭނީ އަމިއްލައެދުމައިގެން،" އަޑު ކޮންޓުރޯލުކުރަމުން ޒޫނާ ވާހަކަދެއްކިއެވެ. "މި ކުޅިގަނޑު މި ހިސާބަށް އައިއިރު، ހަމައެކަނި އައްޔަގެ މަންމައެއް ނޫނޭ މި ދުނިޔެއިން ވަކިވީ."
ކިތަންމެ ހަރުކަށިކޮށް ވާހަކަދައްކަން އުޅުނު ނަމަވެސް ޒޫނާގެ ލޮލަށް ކަރުނަ ޖަމާވުމަކަށް ހުރަހެއްނޭޅުނެވެ. މާޒީގެ ސަފުހާތައް ނިއުޅާލުމާއެކު ފޮނި ހަނދާންތަކާއި، ރީތި މަންޒަރުތައް ލޯ ކުރިމަތީގައި ސިފަވާން ފެށިއެވެ. އިހުސާންގެ އޯގާތެރި ބެލުންތަކެވެ. ސާޖިދުގެ މާސޫމު ހިނިތުންވުމެވެ.
"އަހަރެންގެ ދަރިފުޅު ސާޖިދާ، އަހަރެންގެ ފިރިމީހާ ވެސް ވަކިވެގެން ހިނގައްޖެ!" ޒޫނާ ބުންޏެވެ. "އިހުސާނަކީ މީހެއްގެ ފިރިއެއްކަމާ، އޭނަގެ ދެ ދަރިން ތިބޭކަން އަހަންނަށް އެނގުނީ އިހުސާން ވަކިވުމުގެ ހަމަ ކުޑަކުޑަ އިރުކޮޅެއް ކުރިން. ހެއްކެއް ދެއްކެން ނެތަސް މާތް ކަލާނގެ އެ ކަމަށް ހެކިވެވޮޑިގަންނަވާނެ. އަހަރެން އިހުސާނަށް އިތުބާރުކުރީ ހިތުގެއަޑިން. އެކަމަކު.. އެކަމަކު އިހުސާންގެ ހަގީގަތް އެނގުނީމަ ވެސް.. މިއަދު ވެސް، އިހުސާންގެ ދަރިންނާ ދޭތެރޭ އަހަރެންގެ ހިތަކު އެއްވެސް ރުޅިވެރިކަމެއް، ޝަކުވާއެއް ނެތް. ހުރިހާ ދެރައެއް ލިބުނީ އަހަންނަށް. އަހަރެންގެ ދަރިފުޅަށް."
ޒޫނާ ދެއްކި ވާހަކަތައް ޢަލީއަށް ގަބޫލުކުރެވުނެވެ. ޢަލީ ދައްކަން އައި ވާހަކަތައް ހަނދާންނެތި، އިސްޖަހައިލެވުނެވެ. ހިތްވަރުކޮށްފައި ނަމަވެސް އެއް ސުވާލުގެ ޖަވާބު ޢަލީ ބޭނުންވެއެވެ.
"އެކަމަކު ހުރިހާ އަދަބެއް މި ލިބެނީ ޝާޒްލީއަށް،" ގިސްލެވިފައިވާ އަޑަކުން ޒޫނާ ބުންޏެވެ. "އަހަރެން ހިތަށްއަރާ އެއީ ކީއްވެގެންބާއޭ؟ އޭނަގެ ކުށަކީ ކޮބައިބާއޭ؟"
ޢަލީ ހިތަށްއެރިއެވެ. ދަނޑިވަޅު ރަނގަޅެވެ.
"ބައްޕަ މަރާލަން ފަންޑިތައެއް ނަހަދަން؟" ޢަލީ އެހިއެވެ.
ޒޫނާއޭ ކިޔައިގެން އެކި މީހުން އެކި ކަހަލަ ވާހަކަ ހަދައިގެން ދެއްކިކަން ޒޫނާއަށް އެނގެއެވެ. އެހެންނަމަވެސް ޢަލީ އެ ސުވާލު ކޮށްފާނެކަމަކަށް ޒޫނާ ހިއެއްނުކުރެއެވެ.
"ކީއްކުރަން؟" ރުޅިއައިސްފައި ޒޫނާ ބުންޏެވެ. "ކޯޗެއް ހޯދަން؟ އައްޔައަށް ތި ވާހަކަ ކިޔައިދިން މީހާގެ ބޭނުމަކީ ދޭތެރެޖެއްސުން. އެ މީހަކަށް އެ ކަން ވެއްޖެ!"
ޢަލީ ތެދުވިއެވެ. ޒޫނާގެ ކުށްހީ ފިލުވައިލަދޭން ޢަލީ ބޭނުންވިއެވެ.
"އެހެން ނަމަ އަހަރެން މި ވަގުތު މި ތާކު ނުހުރީސް،" ޢަލީ ބުންޏެވެ. "އަހަރެންނަކީ މޮޔައެއް ނޫން. އޭރު ފޯނުން ދެއްކި ވާހަކަތައް ވެސް އަހަންނަށް ގަބޫލުކުރެވުނު. އެކަމަކު މަންމަ ނިޔާވުމާ، ކޮއްކޮގެ ޒިންމާ އަހަރެންގެ ބޮލުގައެޅިފަ އޮތީމަ ހިތަށްއެރީ ހަމަ މި ގެއަށް އައިސް ބައްދަލުކޮށްފަ އެ ސުވާލު އަހާނަމޭ. މި ގެއަށް ވަނުމުގެ ކުރިން ދެ ފަހަރަށް އަހަރެން ވިސްނިން. ހިތަށްއެރި ނުވަދެ ދާންވީއޭ. މިހާރު ހިތަށްއަރާ ނަސީބެކޭ ވަދެވުނުކަން. ހިތް ސާފުވެއްޖެ!"
ޢަލީއަށް ވިސްނުނީތީ ޒޫނާގެ ހިތަށް ވަރަށް ބޮޑު ފިނިކަމެއް ލިބުނެވެ.
"އަހަންނަކަށް ނޭނގެ އަހަރެން ކިޔަންޖެހޭނީ ކޮން ނަމެއްކަމެއް،" ގުޅުމަށް ނަމެއް ދިނުމުގެ ނިޔަތުގައި ޢަލީ ބުންޏެވެ. "ޝަޒޫ ކިޔަނީ ދައްތަ! އަހަންނަށް އެ ނަން ފަސޭހަ. މީހަކު ވާހަކަދައްކާއިރު އޭނަގެ އަޑަށް ވުރެ އަހަންނަށް މުހިންމުވާނީ އޭނަގެ ދެ ލޯ. ދައްތަގެ ދެ ލޯ އަހަންނަށް ހެކިދީފި."
ޝާޒްލީއާއި ޢަލީގެ މައްސަލަ ހައްލުވިއެވެ. ޢަލީ މާފަށްއެދުނެވެ. ޝާޒްލީ އެ މާފު ގަބޫލުކުރިއެވެ. ލޯބީގެ އާ ސަފުހާއެއް ހުޅުވުނެވެ. ގޮތް ހުސްވީ މަޒްލާނަށެވެ. ބައްޕަގެ އަމިއްލައެދުންބޮޑު އުސޫލުތަކުގެ ހުރަގޭގައި މަޒްލާން ހައްޔަރުވީއެވެ. މުއްދަތެއް ނެތިއެވެ. ސަލާމަތްވާނެކަމުގެ އުންމީދެއް ވެސް ނެތެވެ.
"އަދި އެއްފަހަރު ގޮސް ބުނޭ މަ ބުންޏޭ.." މަޒްލާންގެ ވާހަކަ ކުރިޔަކަށް ނުގެންދެވުނެވެ.
"ދެން އަހަންނަކަށް ނުކެރޭނެ!" ހަމްރާއު ބުންޏެވެ. "މަޒްލާންގެ ބައްޕަ ބޭނުމެއް ނޫން އެއްވެސް ވާހަކައެއް އަޑުއަހާކަށް. އަންހެނުންނާ ދަރިފުޅު ގޮވައިގެން ބައްޕަ ހާދަ ހަމަޖެހިފައޭ ހުންނަނީ. ބައްޕައެއް ހުރިކަން މަޒްލާން ހަނދާންނައްތާލާ! އެއީ ދެން އެންމެ ރަނގަޅު ގޮތަކީ."
މަޒްލާން ޚިޔާލަކަށް ގެއްލިފައި ހުރެގެން ގޮސް ދަނޑުން ނުކުތެވެ. ނުކުންނައިރަށް، ނުފެންނަ ބާރަކުން މަޒްލާން ދަނޑު ތެރެޔަށް ދަމައިގަތެވެ. އިނދަޖެހުނު ގޮތަކުން ތެދުވަން ބޭނުން ނުވެފައި މަޒްލާން އިނެވެ.
"ހަމްރާއުއަށް ނުކެރެންޏާ ދެން ދާންޖެހޭނީ އަހަރެން،" މަޒްލާން ބުންޏެވެ. "އަހަރެން މި ބުނާ އެއްޗެހި ކޮންމެވެސް ތާކުން ހޯދައިގެން ގެނޭ. އޭރުން ގައިމުވެސް އެއްދުވަހަށް އަހަންނަށް މި ތަނުން ސަލާމަތްވެވޭނެ."
މަޒްލާން ދިގު ލިސްޓެއް ކިޔެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ވައްތަރެއްގެ ގަހެއްގެ މަލާއި، ކަށްޓާއި، މުލެވެ. ތޭރަ ވައްތަރެއްގެ މަލެއްގެ އޮށާއި، ގަހު ތޮށްޓާއި، ތިން ކަނޑެއްގެ ލޮނެވެ. ހޯދަން އެންމެ ވަގުތުނަގާ އެއްޗަކަށް މަޒްލާން ބުނީ ނުވަދިހަ ނުވަ ވައްތަރެއްގެ ފިނިފެންމަލުގެ ކަރުގަނޑެވެ.
"މިރޭ ދަންވަރު ބާރަޖެހުމުގެ ކުރިން ބޭނުންވާނެ." މަޒްލާން ދިނީ ކުޑަ ވަގުތުކޮޅެކެވެ.
މަޒްލާނަކީ ބޯހަރު ދަރިޔެކެވެ. ފަސޭހައިން ބަލި ގަބޫލެއް ނުކުރާނެއެވެ. އެ ކަން ހަނދާންނެތުނީތީ އަމިއްލަ ނަފުސާ ސުވާލުކުރަމުން ހަމްރާއު އުދުހިގަތެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީކާއިލް
26 September 2018
މަޒްލާނަކީ ބޯހަރު ދަރިޔެކެވެ
ޕްރިންސެސް
21 September 2018
ރަގަޅަށް ތިބުނީ މަޒްލާން އަވަހަށް ސަލާމަތް ވެެެެެެެއްޖެއްޔާ ރަގަޅީ
ޔަމަން
20 September 2018
މަޒްލާން ސަލާމަތްވެއްޖެއްޔާރަނގަޅޫ! އޭރުން ޖިންނި ޖިނާއަށް ހަމަޖެހިގެން ނޫޅެވޭނެތާ!
ސިނޮނިމްސް
19 September 2018
އެބަ ރަނގަޅުވޭ. ޒޫނާއާ ދޭތެރޭގަ އެންމެންގެން ހިތް ސާފުވާންޖެހޭ. ހަގީގަތް އެނގުނީމަ ރުޅިގަދަ އައްޔަވެސް ގޮތްދޫކޮށްފަ ގަބޫލުކުރީތާ. އައްޔަ ވާންޖެހޭނެ ޒޫނާ ޖިންނިގެ ކިބައިސް ސަލާމަތް ކޮށްދޭން މަސައްކަތް ކޮށްދޭންޖެހޭނެ މީހަކަށް.ސަބަބަކީ އައްޔަބަޕަ ވެސް މަރުވީ ޖިންނިގެ ސަބަބުން. މަޒުލާންގެ ބައި ވާހަކައިގަ ހިމެނުނީމަ ވަރަށް ޝައުގުވެރި. މަޒްލާންވެސް އައްޔަކަހަލަ ރުޅިގަދަ މީހެއް. މަޒްލާނަށްވެސް ވިސްނޭ މިހާރު ގޯހީ ޖިންނި ޖިނާ ކަން
÷ޒޫނާ
19 September 2018
އަހަރެން އެއްވެސް އިރެއްގަ ޖިންނި ޖިނާ ދެކެ ލޯތްބެއް ނުވަން.. އެންމެ ފުރަތަމަ ވެސް ހިތްކިޔީ އަސްލު ޖިނާ ދެކެ.. އަސްލު ޖިނާގެ އިންތިޒާރުގަ މި ހުރީ.. މި ޖިންނި ޖިނާ އުޅޭ ގޮތުން މިހާރު އަހަރެންނަށް ވެސް ޝައްކު..
ބަކުރުބޭ
20 September 2018
އޯކޭ އޯކޭ. އެކަމަކު ކުރިންވެސް ލިބުނީ ޖިންނި ޖިނާ. ދެންވެސް އިނީ ޖިންނި ޖިނާ. ތީ ހަމަ ޖިންނި ޖިނާގެ ޒޫނާ. ކިތައްމެ ކަޑަވިޔަސް ހެޔޮ. މީ ރިއަލިޓީ!
އީނު (ކެބިންކުރޫ)
19 September 2018
ޔޭ.. މަލްޒާން އިޒް ބެކް...
ބުނލީ
19 September 2018
ނިކަން ޖެނީ އާ އަސްލު ޖިނާ ގެ ފިރިހެން ދަރިއަކު އިޝްގު ގައި ޖައްސާލައި ބަލަ! އަދި މަޒްލާނަށް ވެސްބޯޅަދަނޑު ކައިރިން ފެނުނު އަންހެން ކުއްޖަކު ދެކެ ލޯބި ވެވޭގޮތް ވެއްޖެނަމަ އެއޮތީ ހަތަރެސްކަން ހަމަވެފަ! ވަރަށް ސަޅި ވާނެ!
ފޭންބޯއި
19 September 2018
ޖިންނިން ވެސް ފަންޑިތަ ހަދާތަ؟ #ޕްލޮޓްޓްވިސްޓް
ރރރރރ
19 September 2018
އިބްރަތްތެރިކޮށް ނިންމަ ބަލަ. މިވާހަކަ ދިގުުކުރާވަރުން ހީވަނީ ރަނުގައި ކިސަޑު އުގުޅަން އުޅޭހެން. ކުރިވާހަކަ ނެޗުރަލް މީ ކަސޯޓީ. އާ ވާހަަކައެއްގޮތަށް ހަމަ ގެނެސްދެވޭނެތާ. ކަޑަ އޭބުރޯ
ބޮޑު ވަރު
19 September 2018
މިފަހަރު ވެސް ވަރަށް ވަރަށް ދިގު! ކިޔާ ކިޔާ ދޫ ވަރުބަލި ވީފަހުން އެނިމުނީ! ދެން ފަހަރަކު މިއަށް ވުރެން ކުރުކޮށް ގެނެސްދީ! އަހަރުން ހިތަށް އަރާ މިވާހަކަ ލިޔުންެތެރީން ހާދަހާ ވާ ދީލަތިކަމާއި ހިތް ދަމައިގަންނަ ގޮތް ގަނޑު ބޮޑޭ! ވާސަރީ! ??