އަހާން: އޭނާ ބޮލީވުޑަށް ނެރޭނީ ސާޖިދު ނަދިއަދްވާލާ.
26 ސެޕްޓެމްބަރ 2018 - 06:35
"ދަޅްކަން" ފަދަ ފިލްމުތައް ކުޅުނު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ 2015 ގައި ބޮލީވުޑަށް ތައާރަފުކުރުމަށް ފަހު ދެން އޮތީ، އޭނާގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ފިލްމީ ދުނިޔެ އަށް ދޫކޮށްލުމުގެ މަސައްކަތެވެ.
އާތިޔާ ބޮލީވުޑަށް ނެރެދިނީ ސަލްމާން ހާން ޕްރޮޑިއުސް ކުރި "ހީރޯ" އިންނެވެ.
ނަމަވެސް 22 އަހަރުގެ އަހާން ބޮލީވުޑަށް ނެރުމުގެ ޒިންމާއާ ހަވާލުވެފައި ވަނީ ޖެކީ ޝްރޮފްގެ ފިރިހެން ދަރިފުޅު އަދި ބޮލީވުޑްގައި މިހާރު ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި ލޭބަލްވެފައިވާ ޓައިގާ ޝްރޮފް ވެސް ތައާރަފުކޮށް ދިން މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އެވެ.
އަހާން ޝެޓީ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އަހާންގެ ފުރަތަމަ ފިލްމަކީ މި އަހަރުގެ ޖުލައިގައި ރިލީޒް ކުރި ތެލެގޫ ފިލްމް "އާރްއެކްސް 100" ގެ ހިންދީ ރިމެކިން އެވެ.
އެ ފިލްމްގެ ރައިޓްސް ސާޖިދު ގަތުމަށް ފަހު، ހިންދީ އޯޑިއަންސަށް އިތުރަށް ހެޔޮވަރު ކުރުމުގެ ގޮތުން އޭގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެ އެވެ.
އަހާން ޝެޓީ.
"އާރްއެކްސް 100" ގައި ކިޔައި ދެނީ އާއިލާ ނުގަބޫލުވުމުން ވަކިވާ ދެ ލޯބިވެރިންގެ ހަޔާތުގެ ވާހަކަ ވަރަށް އުންމީދު ނުކުރާ ކަހަލަ ޓްވިސްޓްތަކަކާ އެކު އެވެ.
އެންމެ 1.5 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 31 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ. އަޖޭ ބޫޕަތީ ޑައިރެކްޓް ކުރި "އާރްއެކްސް 100" ގައި ލީޑް ރޯލް ކުޅުނީ ކަރްތިކެޔާ ގުއްމަކޮންޑާ އާއި ޕާޔަލް ރާޖްޕޫތެވެ.
މި ފިލްމުގެ ހިންދީ ރިމެކިން ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ "އާޝިގީ 2" އާއި "އޭކް ވިލަން" ފަދަ ކާމިޔާބު ފިލްމްތައް ގެނެސް ދިން މޯހިތު ސޫރީއާ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ އަރްޖުން ކަޕޫރާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅެ، މިދިޔަ އަހަރު ނެރުނު "ހާފް ގާލްފްރެންޑް" އެވެ.
"އާރްއެކްސް 100" ގެ ހިންދީ ރިމެކިންގެ ޝޫޓީން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި މި ފިލްމްގައި އަހާންއާ އެކީ ބަތަލާގެ ރޯލުން ފެންނާނީ ކާކު ކަމެއް އަދި ނޭނގެ އެވެ.
ނަމަވެސް އަހާންގެ ފުރަތަމަ ފިލްމް އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުހުދާ ޕޯސްޓް
26 September 2018
މަވެސް ބޭނުން ފިލްމް ކުޅެން......