ސާރާ އާއި ސައިފް "ކޮފީ ވިތު ކަރަން " ސީޒަންގެ ހައެއްގެ ސެޓްގައި.
05 އޮކްޓޯބަރ 2018 - 06:48
ސައިފް އަލީ ހާނާއި އޭނާގެ ދޮށީ އަންހެން ދަރިފުޅު ސާރާ އަލީ ހާން އެކުގައި ޝޯއަކުން ފެނިގެން ދާނެ ފުރަތަމަ ޝޯއަކަށް ކަރަން ޖޯހަރުގެ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން ވެއްޖެ އެވެ.
މި މަހުގެ 21 ގައި ސްޓާ ވޯލްޑުން ދައްކަން ފަށާ މި ޝޯގައި ދެބަފައިން ބައިވެރިވާ އެޕިސޯޑް މިހާރު ވަނީ ޝޫޓް ވެސްކޮށްފަ އެވެ. އަދި ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ކަރަން އާއި ސާރާ ވަނީ އިންސްޓަގްރާމްގައި ހިއްސާ ވެސް ކޮށްފަ އެވެ.
ބައެއް ނޫސްތަކުން ބުނި ގޮތުގައި ޝޯގެ ރެޕިޑް ފަޔާ ރައުންޑް ކާމިޔާބުކޮށްގެން ސާރާ ވަނީ ކަރަން ދޭ އަގުބޮޑު ހަދިޔާ ހިމެނޭ ހެމްޕާ ވެސް ކާމިޔާބުކޮށްފަ އެވެ. ސައިފާއި ސާރާ ބައިވެރިވާނީ "ކޮފީ ވިތު ކަރަން 6" ގެ ކިތައް ވަނަ އެޕިސޯޑުން ކަމެއް އަދި ނޭނގެ އެވެ.
ސައިފާއި ސާރާ "ކަރަން ކޮފީ ވިތު ކަރަން" ގެ ސެޓްގައި.
ބައްޕައާ އޮންނަ ގުޅުމާއި ދޮންމަންމަ ކަރީނާ އާއި ހަގު ކޮއްކޮ ތައިމޫރާއި މަންމަ އަމްރިތާ ސިންގް އާއި ކޮއްކޮ އިބްރާހީމް އަލީ ހާނާ ބެހޭ ގޮތުން ސާރާ ވާހަކަތަކެއް ހިއްސާ ކުރާނެ ކަމަށް ޔަގީން ކުރެވެ އެވެ. އަދި އޭނާގެ ފިލްމީ ދަތުރުގެ ވާހަކަތައް ވެސް ޝޯގެ ތެރެއިން އިވިގެން ދާނެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ސާރާ ބޮލީވުޑަށް ނެރެން މަސައްކަތް ފެށި ފިލްމު "ކެދަރްނާތު" އަށް އެކި މަރުހަލާތަކުގައި އެކި ކަހަލަ މައްސަލަތައް ދިމާވެގެން، އަންނަ އަހަރަށް ފިލްމު މިހާރު ފަސްކޮށްފައިވާ ކަމެވެ. އަބީޝެކް ކަޕޫރް ޑައިރެކްޓްކުރާ އެ ފިލްމުން ކުރިން ރިލީޒްކުރާ ގޮތަށް އޮތީ އަންނަ މަހުގެ 30 ގަ އެވެ.
Lights!!! Camera!!! Koffee!!!!! The shoot for season 6 begins today!!!! @StarWorldIndia @hotstartweets pic.twitter.com/ahGApx1wRO
— Karan Johar (@karanjohar) October 3, 2018
"ކޮފީ ވިތު ކަރަން 6" ފަށާނީ މި މަހުގެ 21 ގައި.
ސާރާ، 24، ބޮލީވުޑަށް ތައާރަފުވާ ފިލްމު "ސިމްބާ" އަންނަ ޑިސެމްބަރު މަހުގެ 28 ގައި ސިނަމާތަކަށް އަންނަ އިރު، ސައިފް މިހާރު ވަނީ ބްލެކް ނައިޓް ފިލްމްސް ކިޔާ އަމިއްލަ ފިލްމު ކުންފުންޏެއް ލޯންޗްކޮށް، އޭގެ ދަށުން ހަދާ ފުރަތަމަ ފިލްމު ވެސް އިއުލާންކޮށްފަ އެވެ. އެއީ "ޖަވާނި ޖާނެމަން" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނިތިން ކައްކަރް ޑައިރެކްޓް ކުރާ މި ފިލްމުން ސައިފާ އާއި ސާރާ އެކުގައި ފެނިގެން ދާނެ އެވެ. "ޖަވާނި ޖާނެމަން" އަކީ ބައްޕައަކާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ އާއިލީ ކޮމެޑީއެކެވެ.
"ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަންގެ ފުރަތަމަ މެހުމާނުންނަކީ ދީޕިކާ ޕަދްކޯނާއި އާލިއާ ބަޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy