"ހުވާ" ބެލޭނީ އަލަށް ލޯންޗްކުރާ ބައިސްކޯފު އެޕުން

ފާތުމަތު ނަހުލާގެ ވާހަކައަކަށް ހަދާ، ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "ހުވާ" ބެލޭނީ މި މަހުގެ ފަހުކޮޅު ލޯންޗްކުރަން ތައްޔާރުވަމުން އަންނަ "ބައިސްކޯފު" އެޕުން ކަމަށް، އެޕްގެ ކްރިއޭޓިވް ޑައިރެކްޓަރު ބުނެފި އެވެ.


މުނިފޫހި ފިލިވުމުގެ ދާއިރާ އަށް ހާއްސަކޮށްގެން "ބައިސްކޯފު" ގެ މަސައްކަތް ފަށައިގަތުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، ހުވާއަކީ އެ ކުންފުނިން ޕްރޮޑިއުސް ކުރި ފުރަތަމަ ވެބް ސީރީޒް ވެސް މެ އެވެ.

"ބައިސްކޯފު" ގެ ކްރިއޭޓިވް ޑައިރެކްޓަރު އަބްދުﷲ (ހާއްޕެ) ހާފިޒު ބުނީ އެޕް ލޯންޗްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ އިރު، އެޕަލް އާއި އެންޑްރޮއިޑަށް ވެސް އެޕް ލިބޭނެ ކަމަށެވެ.

"ހުވާ" ގެ މަންޒަރެއްގައި އައްޒަ.

"ސީދާ ޑޭޓެއް ބުނަން އަދި ދަތި. އެކަމަކު މި މަހުގެ ނިމޭ ހިސާބުގައި ބައިސްކޯފު އެޕް ލޯންޗް ކުރެވޭނެ،" އޭނާ ބުންޏެވެ.

ހާއްޕެ ބުނި ގޮތުގައި މުނިފޫހިފިލުވުނަށް މުޅިން ހާއްސަ "ބައިސްކޯފު" ފަށައިގަންނަ އިރު، ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒަކަށް ނަހުލާގެ އުފެއްދުނެއް ގެނެސް ދެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. "ހުވާ" ގެ މަންޒަރުތަކެއް ނަގަން "ބައިސްކޯފު" އިން ވަނީ ހިތްގައިމު ބޮޑު ސެޓެއް ވެސް ތައްޔާރުކޮށް ދީފަ އެވެ. މީގެ ބޮޑު ބައެއް އެ ސެޓްގައި ޝޫޓްކޮށްފައިވެ އެވެ.

"ހުވާ" ގެ މަންޒަރެއްގައި ފައިސަލް.

"އަޅުގަނޑުމެންނަށް ވަރަށް ޔަގީން މީތި ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް. ނަހުލާއަކީ ފިލްމީ ދާއިރާގައި ހުރި، ރާއްޖޭގެ އޯޑިއަންސް އެންމެ ޓްރަސްޓް ކުރާ އެންމެ ވަރުގަދަ އެކަކު. އެހެންވީމަ ހުވާ އަށް ކުރެވޭ އެކްސްޕެކްޓޭޝަންތައް ވެސް ވަރަށް ބޮޑު،" އޭނާ ބުންޏެވެ.

ނަހުލާ އާއި މުހައްމަދު ފައިސަލް ޑައިރެކްޓްކޮށްފައިވާ "ހުވާ" އަކީ ނަހުލާ ބުނި ގޮތުގައި ހުރިހާ ރަހައެއް އެކުލެވޭނެ، ވަރަށް ކަންތައްގަނޑު ބޮޑު ސީރިޒަކަށް ވާނެ އެވެ.

އޭނާ ބުނީ ސާޅީހަކަށް އެކްޓަރުންނާ އެކު، މިދިޔަ ފެބްރުއަރީ މަހުގައި މަސައްކަތް ފެށި "ހުވާ" އަކީ ބޮޑު ހަރަދެއްކޮށް ވެސްކޮށްގެން ކޮށްފައިވާ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ.

ކުރިން ވެސް، ކާމިޔާބު ޓީވީ ޑްރާމާ ސިލްސިލާތަކެއް ގެނެސްދީފައިވާ ނަހުލާ ބުނީ މުޅިން ތަފާތު ގޮތަކަށް ބެލުންތެރިންނަށް މި ފަހަރު ސީރީޒެއް ގެނެސްދޭ އިރު، މިއީ މި ޒަމާނަށް އަންނަ ކުރިއެރުމުގެ ތެރެއިން ކޮށްލާ ކަމެއް ކަމަށެވެ.

"އަހަންނަށް ހީވަނީ އެޕަކުން ސީރީޒެއް ބަލާލުމަކީ ހަމަ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެހެން. ޔަގީނުން ވެސް މީގެ ވާހަކަ އާއި ހިނގާ ހާދިސާތައް ވަރަށް ވަރުގަދަ ވާނެ. މާނައަކީ ވަރަށް ޝައުގުވެރި އެއްޗަކަށޭ މީތި ވާނީ، ކޮންމެ އެޕިސޯޑެއް ވެސް ނިންމައިލާނީ ޝައުގުވެރިކަން އިތުރުކޮށްލާ ވަރުގެ ކަމަކާ އެކު. މީގެ ސްޓޯރީ ވެސް ރާވާފައި އޮތީ އެގޮތަށް،" އޭނާ ބުންޏެވެ. "އަހަންނަށް ގަބޫލު ކުރެވޭ ބައިސްކޯފު އެޕުން ހުވާ ގެނެސް ދޭން ފެށީމަ ޑިޖިޓަލްކޮށް މި ކަހަލަ ދިވެހި އުފެއްދުންތަކަށްތަކަށް ބެލުންތެރިން ދޭ ޝައުގުވެރިކަން ވެސް ބޮޑުވެގެން ދާނެ ކަމަށް."

ނަހުލާ ބުނި ގޮތުގައި "ހުވާ" ހަދާފައި ވަނީ ބެލުންތެރިން މިއަށް ދެވިހިފާނެ ގޮތަށެވެ.

"ރިޕީޓްކޮށް ވެސް ބަލާލަން ބޭނުންވާ އަދި މިއީ މިކަހަލަ އުފެއްދުންތަކަަށް ބެލުންތެރިން އިތުރަށް ޝައުގުވެރިކަން އުފައްދައި، މިކަހަލަ އިތުރު އުފެއްދުންތަކަކަށް އިންތިޒާރު ކުރާ ވަރުގެ އެއްޗަކަށް ހުވާވެގެން ދާނެ." އޭނާ ބުންޏެވެ.

"ހުވާ" ގެ ރޯލްތަކުން ފައިސަލް އާއި ޔޫއްޕެ ފެންނާނެ އެވެ. އަދި އިތުރު ކާސްޓުންގެ ތެރޭގައި މަރިޔަމް އައްޒަ، ޝީލާ ނަޖީބު، އަލީ (ދޮންއައްޔަ) އާޒިމު، އައިމިނަތު ރިޝްފާ، އިބްރާހީމް (ޖިމީ) ޖިހާދު އަދި ރަވީ ފާރޫގް ފަދަ ތަރިން ހިމެނެ އެވެ.