ފަތިސްހަނދުވަރު

ބުދަ ދުވަހާ ގުޅޭ


ޖިނާއަށް އެ ބާލީސް ފެންނަނީ ރޯވެ އަނގުރަށްވެފައިވާ ދަރުގަނޑެއްގެ ސިފައިގައެވެ. "ޖިނާ" ހިތަށްއެރިއެވެ. ޖިންނިއަކަށް ވުމަކީ ކުށެއް ހެއްޔެވެ؟ އިންސާނަކަށް ވުމަކީ ފަޚުރެއް ހެއްޔެވެ؟ އިންސާނުންގެ ފަރާތުން ޒޫނާއަށް ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟ ޒޫނާއަށް އެ ވަރު ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟ ކެހިވެރި އިންސާނަކާއި ތެދުވެރި ޖިންނިއެއްގެ ތެރެއިން ރަނގަޅީ ކާކު ހެއްޔެވެ؟ އެނދުގައި ދެވަނައަށް އޮތް ބާލީސް ނަގައިގެން ޖިނާ ތަޅުންގަނޑުމަތީގައި އޮށޯވެލިއެވެ. ޒޫނާ މޫނުދޮވެގެން ނިކުތްއިރު ޖިނާ ތަޅުންގަނޑުގައި އޮތުމުން، އަނެއްކާ ވެސް ޒޫނާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. ތަންކޮޅެއް ގާތަށް ގޮސް ބަލައިލިއިރު ޖިނާ އޮތީ ނިދައިފައެވެ. ޖިނާ އެނދުގައި އޮންނަން ބޭނުން ނުވީ ކީއްވެގެން ހެއްޔެވެ؟

"ޖިނާ!" ޒޫނާ މަޑުމަޑުން ގޮވައިލިއެވެ.

ޖިނާ ޖަވާބެއް ނުދިނެވެ. ޒޫނާއަށް އޮތީ ދެގޮތެވެ. ޖިނާ ހޭލައްވައިފައި ސުވާލުކުރުމެވެ. ނުވަތަ އަޅާނުލުމެވެ. ޖެނީ އޮތީ ނިދައިފައެވެ. ނިދީގެތެރޭގައި ބިއްދޮށަށް ފުރޮޅިއެވެ. އެ ވަގުތު ޖެނީގެ ކޮޓަރީގެ ދޮރަށް ތަޅުދަނޑިޖެހި އަޑު އިވުނެވެ. ޖެނީއަކަށް ނުހޭލެވެއެވެ. ދޮރު ހުޅުވުނެވެ. ކޮޓަރިއަށް ވަނީ ޒޫނާއެވެ. ދޮރު ހުޅުވީ ޒޫނާ އަތުގައި އޮތް ދެވަނަ ތަޅުދަނޑިންނެވެ. އެތެރެއަށް ވަދެފައި ޒޫނާ ދޮރު ލެއްޕިއެވެ. ކޮޓަރިތެރޭގައި ހުރީ ވަރަށް ފަނޑު އައްޔެކެވެ. ސިއްރުސިއްރުން ހިނގައިފައި އައިސް ޖެނީގެ އެނދުގައި ޒޫނާ އިށީނދެލިއެވެ.

"ޖެނީ!" ޒޫނާ ގޮވައިލިއެވެ.

ޖެނީ ފުރޮޅިލިއެވެ. އެކަމަކު ލޮލެއް ނުހުޅުވައެވެ. ޖެނީގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިގަނޑު ޒޫނާ މަޑުމަޑުން އެއްފަރާތްކޮށްލިއެވެ. ކަރުގައި އަޅައިފައިވާ ފަށް ފެނޭތޯ ބެލިއެވެ. ފަނޑު އަނިދިރީގެ ތެރެއިން ޒޫނާއަށް ހީވަނީ ޖެނީގެ ކަރުގައި ފަށެއް ނެތްހެންނެވެ. ކުއްލިއަކަށް ޖެނީއަށް ހޭލެވުމާއެކު ހަޅޭއްލަވައިގަތެވެ. ޖެނީގެ އަނގަމަތީގައި ޒޫނާ އަތްއެޅިއެވެ.

"މަށޭ މަށޭ!" ވައިއަޑުން ޒޫނާ ބުނެލިއެވެ.

ޖެނީގެ ނިދި ފިލިއެވެ. ތަންމިނަށް ދެ ލޯ ހުޅުވައިލައިފައި ޒޫނާއަށް ބަލައިލިއެވެ.

"ކިހިނެއްވީ؟" ޖެނީ ސުވާލުކުރިއެވެ.

އޭރު ވެސް ޒޫނާގެ މަސައްކަތަކީ ޖެނީގެ އިސްތަށިގަނޑު އެގޮތްމިގޮތަށް އެއްފަރާތްކޮށްގެން ފަށް ފެނޭތޯ ބެލުމެވެ.

"ކޯއްޗެއް ތި ހޯދަނީ؟" ޖެނީ މަޑުމަޑުން އެހިއެވެ.

"ތެދަށް ބުނޭ ޖެނީ!" ރާގު ހަރުކަށި ނަމަވެސް މަޑުމަޑުން ޒޫނާ ބުންޏެވެ. "ކޮބާ ފަށް؟"

ޖެނީއަށް ލިބުނީ ސިހުމެކެވެ. ބުނަންވީ ތެދުތޯ ނުވަތަ ހަދަންވީ ދޮގުތޯ ނިންމުމަށް ޖެނީއަށް ލިބުނީ ފަޅި ސިކުންތެކެވެ.

"ބައްޕަ އަތުގަ ވީ!" ޖެނީ ބުންޏެވެ.

ކުއްލިއަކަށް ޒޫނާ ގައިގައި ޖެނީ ބައްދައިލިއެވެ.

"އަހަންނަށް މާފުކުރޭ މަންމާ!" ޖެނީ ރޮއިގެންފައި ބުންޏެވެ. "މަންމައަށް ހާދަ ގިނަ ކަމެއް ސިއްރުކުރެވިއްޖޭ!"

އިރުކޮޅެއްވަންދެން ޒޫނާ އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިލައިގެން އިނެވެ. ޒޫނާގެ ހިތް ހީވަނީ މޭފަޅައިފައި ބޭރަށް ނުކުމެދާނެހެންނެވެ. ގޭތެރޭގައި އުޅެނީ ޒޫނާ ކައިވެނިކުރި މީހާ ނޫންހެން ކިތައް ފަހަރު ޒޫނާއަށް ހީވި ހެއްޔެވެ؟

"ޖެނީ ތި ކުރީ ވަރަށް ގޯސްކަމެއް،" ޒޫނާ މަޑުމަޑުން ބުންޏެވެ. "ވަރަށް ވަރަށް ގޯސްކަމެއް. އަހަރެން ހީކުރީ އޮޅުވާލުމާ މަކަރުހަދަން އެނގެނީ ޖެނީގެ ބައްޕައަށް އެކަނިކަމަށް. އެކަމަކު އޭނަގެ ދަރި ވެސް ސަހަލެއް ނުވި. ބައްޕަގެ ފިޔަވަޅު ފުހެމުން ތި ގެންދިޔައީ ވަރަށް ކުޅަދާނަކޮށް. މަންމަ މޮޔަހައްދައި ނިންމައިފި. ރަނގަޅަށް ބަދަލުހިފައިފި."

ޖެނީ މަޑުމަޑުން ޒޫނާގެ އަނގަމަތީގައި އަތްއެޅިއެވެ.

"އަހަރެން ބަދަލުހިފަންޖެހޭ ވަރުގެ ކަމެއް މަންމައެއް ނުކުރޭ!" ގިސްލަމުން ޖެނީ ބުންޏެވެ. "އަހަރެން ބޭނުންވީ މަންމަ މޮޔަހައްދާކަށް ވެސް ނޫން. އަހަރެން ބޭނުންވީ މަންމަގެ ލޯބި. ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް، މަންމަގެ ލޯބި ނޫން އެހެން އެއްޗެއް އަހަރެން ބޭނުމެއް ނޫން. ދޮގުހަދަންޖެހުނީ އެހެންވެ. އޮޅުވާލަންޖެހުނީ ވެސް އެހެންވެ. މަންމަ އަހަންނަށް މާފުކުރާނަންތަ؟"

އާނއެކޭ ބުނަން ޒޫނާއަކަށް ފަސޭހައެއް ނުވިއެވެ. ޒޫނާއަށް އިހުސާސްކުރެވުނީ ޒޫނާ މޮޔަހެއްދީކަމަށެވެ. އަނދިރީގައި ބެހެއްޓީ ކަމަށެވެ. ދެބަފައިން ރާވައިގެންނެވެ.

"މަންމާ!" ޒޫނާގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގެންފައި ޖެނީ ބުންޏެވެ.

"މޮޔަވެފަ ހުރި ގޮތަށް ހުރި ނަމަ މާ ރަނގަޅުވީސް. މާ ރަނގަޅުވީސް،" ގަބުވެފައި އިނދެގެން، ޖެނީއަށް ނުވެސް ބަލައި ތަސްބީހައެއްހެން ޒޫނާ ކިޔެވެ. "މާ ރަނގަޅުވީސް. މާ ރަނގަޅުވީސް."

ޒޫނާގެ ލޮލުން ކަރުނަ ފާއްދައިލި ތަން، އެ ފަނޑު އަލީގައި ޖެނީއަށް ފެނުނެވެ. ޖެނީގެ ހިތް ކުދިކުދިވި ކަހަލައެވެ. ކުރިޔަށް ވުރެ ބާރަށް މަންމަ ގައިގައި ބައްދައިލިއެވެ.

"ތިހެން ނުބުނޭ މަންމާ!" ޖެނީ އެދުނެވެ. "ހެޔޮނުވާނެ!"

"ދެން ކީކޭ މަންމަ ބުނާނީ ޖެނީ،" ލޮލުން އޮހޮރެމުންދިޔަ ކަރުނަޔަށް ފަރުވާލެއް ނެތި ޒޫނާ މަޑުމަޑުން ބުނެލިއެވެ. "މިހާރު މަންމައަކަށް ނޭނގެ މަންމަޔާ ކައިވެނިކުރީ ކާކުކަމެއް ވެސް. އެ މީހާ ވީ ކޮންތާކު ކަމެއް ވެސް. އަނެއްކޮޅުން ބަލާލަބަލަ މި ގޭ ކުދިންނަށް ލިބުނު ނިކަމެތިކަން. އެ ކުދިންގެ ކުށަކީ ކޮބާ؟ އަހަންނަށް މި ގެއަށް ނާދެވުނު ނަމަ ގައިމުވެސް މިހެނެއް ނުވީސް. އަހަންނަކީ ކިހާ ސުންޕާ މީހެއް. އާއިލާއަކާ ވައިއެޅިލިޔަސް މުޅި އެ އާއިލާގެ ދުވަސް އެބަދޭ. އަހަންނާ ހެދި ކިތައް މީހުން މަރުވެއްޖެ! އިހުސާން. ސާޖިދު. އެންމެ ފަހުން ސުހެއިލު ވެސް."

"ބޭބެ އެކްސިޑެންޓެއްނު ވީ!" ޖެނީ ހައިރާންވެފައި ބުންޏެވެ.

"އެކްސިޑެންޓެއް ނަމަ އެ ވަގުތު އެ ތަނުގަ ޖެނީގެ ބައްޕަ ހުރީ ކީއްވެ؟" ޒޫނާ ބުންޏެވެ. "އޭނަ ކީއްވެ ސުހެއިލަށް އަޅާނުލީ؟ ސުހެއިލަކީ ކޮންމެ ގޮތެއް ވަރިހަމަވެގެން ހުންނަ ކަހަލަ ކުއްޖެއް ނޫން. ނުފެންނަންވާ ކޮންމެވެސް އެއްޗެއް އޭނަޔަށް ފެނުނީކަމަށް ވެސް ވެދާނެ. އެހެންވެ ޖެނީގެ ބައްޕަ އޭނަ ފަހާ ދުވީކަމަށް ވާނީ."

އެ ވަގުތު ޖެނީގެ ޚިޔާލަށް އައީ ޖެނީ ގާތުގައި ބައްޕަ ބުނި ވާހަކައެކެވެ. ބައެއް މީހުން ބޯހަރުވާނެކަމާއި، އެ ކަހަލަ މީހުންނަށް ވިސްނައިދޭން އުނދަގޫވާނެ ވާހަކަ ބުންޏެވެ. އެއީ ކާކުތޯ ސުވާލުކުރުމުން ބައްޕަ ވަކި ނަމެއް ނުބުނެއެވެ. ޖެނީ ރުޅިއައިސްފައި ފުންމައިގެން ތެދުވިއެވެ. އެނދުން ފޭބުމާއެކު ޖެނީގެ އަތުގައި ޒޫނާ ހިފޭއްޓިއެވެ. އެނދުގައި ބޭންދިއެވެ.

"ކޮންތާކަށް ތި ދަނީ؟" ޒޫނާ އެހިއެވެ.

"އަހަރެން ބޭނުން ބައްޕަ ގާތުގަ އަހާލަން ކީއްވެގެންހޭ މަށަށް އޮޅުވާލީ." ޖެނީ ރުޅިއައިސްފައި ބުންޏެވެ.

"އޮޅުވާލުމަކީ ކިހާ ރުޅިއަންނަ ކިހާ ފޫހިވާކަމެއްކަން މިހާރު ޖެނީއަށް ވިސްނޭނެ. ދެން ވިސްނާލަބަލަ މަންމައަށް ވާނެ ގޮތް." ޒޫނާ ހަނދާންކޮށްދިނެވެ.

"މަ ހަމަ ބޭނުން ބައްޕަ ކުރިމައްޗަށް ހުއްޓިފަ އެ ސުވާލުކޮށްލަން." ޖެނީ އަނެއްކާ ވެސް ތެދުވަމުން ބުންޏެވެ.

ޖެނީގެ އަތުގައި ހިފައި ޒޫނާ ލުތްކެއްޖެހިއެވެ.

"ޖެނީ މޮޔަވީތަ؟" ޖެނީ އެނދުގައި ބައިންދަމުން ޒޫނާ ބުންޏެވެ. "މި ތަނުން ސަލާމަތްވާން މަންމައަށް ލިބޭ ހަމައެކަނި ދަނޑިވަޅޭ މީ. އޭނަ ހޭލުމުގެ ކުރިން އަހަރުމެން އެބަޖެހޭ މަންމަ ގެއަށް ދާން. އެ ކޮޅުގަ ހުރިހާކަމެއް ރެޑީވެފަ ހުންނާނީ. ހެދުން ބަދަލުކޮށްގެން ހިނގާ! އަވަސްކުރޭ!"

ޖެނީގެ ވިސްނުން ތަފާތެވެ.

"މަންމަމެން ދޭ!" ޖެނީ އެދުނެވެ. "އަހަރެން ދާނީ ބައްޕަޔާ އެ ސުވާލުކޮށްފަ. އަބަދުވެސް ބައްޕަ ބުނާނެ އަހަރެން ދެކެ ލޯބިވެޔޭ. އަހަރެންނާ ހެދިޔޭ އެވެނިކަމެއް ކުރަނީ މިވެނިކަމެއް ކުރަނީ. އެކަމަކު ބައްޕަ ހުރިހާ ކަމެއް ވެސް ކުރީ ބައްޕަގެ ހިތްހަމަޖައްސަންކަން ކޮންމެވެސް މީހަކު އެބަޖެހޭ ބުނަން."

"އަހަންނަށް އެނގޭ ޖެނީއަށް ކަމެއްކުރާކަށް ބައްޕައަކަށް ނުކެރޭނެކަން،" ޒޫނާ ތެދުވަމުން ބުންޏެވެ. "އެކަމަކު ވެސް ބަލައިގެން އުޅޭތި. އޭނައަކީ އޭނަކަން ދަންނާތި!"

ޖިނާ ލޯ ހުޅުވައިލިއެވެ. އޭނަ އޮތީ ނިދާފައެއް ނޫނެވެ. އޭނައަށް ވާނުވާ އެނގެއެވެ. ގޭގެ ދޮރާށި ހުޅުވުނެވެ. ފުރަތަމަ ނުކުތީ ޒޫނާއެވެ. ޒޫނާގެ ފަހަތުން ޝާޒްލީއާއި، ފަޒޭލާއި، އަޒީޒާ ވެސް ނުކުތެވެ.

"ކޮބާ ޓެކްސީ؟" ޝާޒްލީ ބުންޏެވެ.

"ބުނީ މި ކައިރިކުރަނީ ޔޯ!" ފަޒޭލު ބުންޏެވެ.

ކަންބޮޑުވެފައި އެކަކުއަނެކަކަށް ބަލަންތިއްބައި ޓެކްސީ އަންނަ ތަން ފެނުނެވެ. އާދަޔާޚިލާފު މަޑު ދުވެއްޔެއްގައެވެ. ޓެކްސީ ފެނުމާއެކު ވެސް ޒޫނާއަށް ޝައްކުވިއެވެ. ހިތަށްއެރިއެވެ. އެއީ ހަމަ ރަނގަޅު ޓެކްސީއެއްބާއެވެ؟ ޓެކްސީގެ ބިރުވެރި އެތަކެއް ތަޖުރިބާއެއް ޒޫނާއަށް ވަނީ ކުރެވިފައެވެ. ފަޒޭލާއި ޝާޒްލީގެ އަތުގައިހިފައިފައި މަޑުމަޑުން ޒޫނާ ގާތްކޮށްލިއެވެ. އެއިން އެއްވެސް ކުއްޖަކަށް ދެރަގޮތެއްވާކަށް ޒޫނާ ބޭނުމެއް ނޫނެވެ.

"އަހަރުމެން ޓެކްސީއަކަށް ނާރާނަން." ޒޫނާ ބުންޏެވެ.

ޓެކްސީ ވަކި ހިސާބަކަށް ކައިރިވުމުން ދުއްވަންއިން މީހާ ޒޫނާއަށް ފެނުނެވެ. އޭނަގެ ބެލުމާ ދޭތެރޭގަ ވެސް ޒޫނާއަށް ޝައްކެވެ.

"ދެން ހިނގާބަލަ އަރަމާ!" ޝާޒްލީ އެދުނެވެ. "ވާރޭވެހެން ކަންނޭނގެ އެ އުޅެނީ."

ޒޫނާ ހުރި ފިޔަވަޅުމަތިން ގުޑައެއްނުލިއެވެ. ޝާޒްލީ ގޮސް ކާރުގެ ދޮރު ހުޅުވައިލިއެވެ. ކާރަށް އެރިއެވެ. ޑުރައިވަރު އިނީ ޒޫނާޔާ ހަތަރުކަޅި ހަމަކޮށްގެންނެވެ. އެހެން ދިމާއަކަށް ނުވެސް ބަލައެވެ.

"ހިނގާ ޒޫނާ!" އަޒީޒާ އެދުނެވެ.

އަޒީޒާ ގޮސް ކާރަށް އެރިއެވެ. ޖެނީ ކޮޓަރިން ނުކުމެގެން ގޮސް ބައްޕަގެ ކޮޓަރިއަށް ވަނެވެ. ބައްޕަ އޮތީ ލޯމަރައިގެންނެވެ. ޒޫނާ މަޑުމަޑުން ފަޒޭލުގެ އަތުން ދޫކޮށްލިއެވެ. އޭނަ ވެސް ކާރަށް އެރިއެވެ. ޒޫނާ ކުރިޔަށް ހިނގައިގަތެވެ. އަދި ކާރުގެ ކުރީ ސީޓުގެ ދޮރު ހުޅުވައިލިއެވެ. ކާރަށް އަރައިފައި ދޮރު ލެއްޕުމާއެކު އެ ހިސާބުން އެންމެން ބަންދުވީއެވެ. ޒޫނާއަށް އެ ކަން އެނގެއެވެ. ދޮރަކީ ތަޅުލެވޭ އެއްޗެކެވެ. ނުކުމެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ޒޫނާ ކާރަށް އެރިއެވެ. ދޮރު ލެއްޕިއެވެ. ފަހަތަށް ވުރެ ރަނގަޅީ ކުރީ ސީޓެވެ. ފަހަތުގައި ޖާގަ ނެތީމައެވެ. ޑުރައިވަރުގެ ޚަރަކާތްތަކަށް ފާރަލެވޭނެތީއެވެ. ކުރި ބަލަން ފަސޭހަވާނެތީއެވެ. ކުއްލިއަކަށް ކާރުގެ އިންޖީނު ނިވުނެވެ. ގުގުރައިލި އަޑު އިވުނެވެ.

"ބައްޕާ!" ޖެނީ ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ.

ޓެކްސީ އިސްޓާޓުކުރުމަށް ޑުރައިވަރު މަސައްކަތް ފެށިއެވެ. ޖިނާގެ ގޭގެ ގޯތިތެރެއިން ކުއްލިއަކަށް މަޒްލާން ފާޅުވިއެވެ. މި ދުވަސް އަންނާނެކަން މަޒްލާން މާ ކުރިއްސުރެ ބައްޕައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ޓެކްސީ އިސްޓާޓުވިއެވެ. ކުރިޔަށް ދުއްވައިލިއެވެ. ޒޫނާ ނޭވާ ހިފަހައްޓައިލައިގެން އިނެވެ.

ނުނިމޭ