އޮސްކާގެ 91 ވަނަ އެވޯޑް ހަފުލާ އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު.
10 އޮކްޓޯބަރ 2018 - 07:23
އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ފިލްމުތައް ހުށަހަޅަން ދިން ސުންޑިގަޑި ހަމަވި އިރު، 87 ގައުމަކުން ފިލްމުތައް ހުށަހަޅައިފި އެވެ.
އޮސްކާ އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސް (އޭއެމްޕީއޭއެސް) އިން ބުނި ގޮތުގައި މިއީ މި އަހަރުގެ ކުރީކޮޅު ބޭއްވި 90 ވަނަ އޮސްކާ އެވޯޑަށް ހުށަހެޅި ފިލްމުތަކަށް ވުރެ 5 ފިލްމު މަދު އަދެދެކެވެ. އެ އެވޯޑްގެ ފޮރިން ފިލްމު ލެންގްއޭޖް ކެޓަގަރީ އަށް 92 ފިލްމު ހުށަހެޅި އެވެ.
ނަމަވެސް އެވޯޑަށް ވާދަ ކުރަން ނޮމިނޭޓް ކުރަނީ އާންމުކޮށް އެންމެ މޮޅު 5 ފިލްމެވެ.
މި އަހަރު އަލަށް ދެ ގައުމަކުން ފިލްމުތައް ހުށަހަޅާފައިވެ އެވެ. އެއީ މަލާވީން ހުށަހެޅި "ދަ ރޯޑް ޓް ސަންރައިޒް" އާއި ނައިޖާ އިން ހުށަހެޅި "ދަ ވެޑިން ރިންގް" އެވެ.
މި ފަހަރުގެ އެވޯޑަށް ހުށަހެޅި ފިލްމުތަކުގެ ތެރޭގައި އެހެން ބައެއް އެވޯޑްތަކަށް ހުށަހަޅައިގެން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދި ފިލްމުތައް ވެސް ހިމެނެ އެވެ. އެވޯޑަށް ވާދަ ކުރާ ފިލްމުތަކުގެ ނޮމިނޭޝަންތައް އިއުލާން ކުރާނީ ޖެނުއަރީ، 22، 2019 ގަ އެވެ.
With tears of joy and a feeling of pride, I humbly accept this news. #VillageRockstars is India's official entry for the #Oscars ! Let that sink in 😃 https://t.co/CoprRkBT50
— rima das (@rimadasFilm) September 22, 2018
"ވިލެޖް ރޮކްސްޓާޒް" ގެ ޑައިރެކްޓަރުގެ ޓްވީޓެއް.
މި އަހަރު އިންޑިއާ އިން ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ހުށަހަޅާފައި ވަނީ އައްސާމީ ބަހުން ހަދާފައިވާ ފިލްމު "ވިލެޖް ރޮކްސްޓާޒް" އެވެ.
އޭޝިއާގެ އެހެން ގައުމުތަކަށް ބަލާ އިރު ޕާކިސްތާނުން "ކޭކް" ހުށަހަޅާފައިވާ އިރު، ބަންގްލަދޭޝް އިން ހުށަހަޅާފައި ވަނީ "ޑޫބް: ނޯ ބެޑް އޮފް ރޯސެސް" އެވެ. އަދި އަފްޢާނިސްތާނުން ހުށަހަޅާފައި ވަނީ "ރޯނާ އާޒިމްސް މަދާ" އެވެ.
ސިންގަޕޫރުން "ބަފަލޯ ބޯއިސް" ވާދަ ކުރާ އިރު، ޖަޕާނުން ހުށަހަޅާފައި ވަނީ "ޝޮޕްލިފްޓާޒް" އެވެ. ދެކުނު ކޮރެއާ އިން "ބާނިން" ހުށަހަޅާފައިވާ އިރު، ޓައިވާނުން "ދަ ގްރޭޓް ބުއްދާ +"، ތައިލެންޑުން "މަލީލާ: ދަ ފެއާވެލް ފްލާވާ"، ފިލިޕީންސުން "ދަ ސިގްނަލް ރޮކް" އަދި ނޭޕާލުން ހުށަހަޅާފައި ވަނީ "ޕަންޗަޔަޓް" އެވެ.
މި އަހަރުގެ މާޗް 5 ގައި ބޭއްވި 90 ވަނަ އޮސްކާ އެވޯޑްގެ އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމަކަށް ހޮވުނީ ޗިލީގެ "އަ ފެންޓާސްޓިކް ވުމަން" އެވެ.
އަންނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ ފެބްރުއަރީ 24 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
10 October 2018
ރާއްޖެއިން ހުށަހެޅީ އެބުރިޖު.
ޖޯން
10 October 2018
ރާއްޖޭން ހުށަހެޅީ ކޮން ފިލްމެއްތަ؟