ލޭޑީ ގާގާ އެންގޭޖްވެއްޖެ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ލޭޑީ ގާގާ ލޯބިވެރިޔާ ކްރިސްޓިއަން ކެރީނޯއާ އެންގޭޖްވެއްޖެ އެވެ.


އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. ކްރިސްޓިއަންއަކީ ހޮލީވުޑްގެ ޓެލެންޖް އެޖެންޓެކެވެ. ގާގާ ބުނި ގޮތުގައި އޭނާ އާއި ކްރިސްޓިއަން މާ ލަސްތަކެއް ނުވެ ކައިވެނި ވެސް ކުރާނެ އެވެ.

ގާގާ އާއި ކްރިސްޓިއަން އެންގޭޖްވިކަން ރަސްމީކޮށް އިއުލާން ކުރީ އެލްގެ 25 ވަނަ އެނުއެލް ވިމެން އިން ހޮލީވުޑް ސެލެބްރޭޝަންގަ އެވެ. އީނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާގާގެ އެންގޭމަންޓް އަނގޮޓީގެ އަގު 400،000 ޑޮލަރަށް އަރަ އެވެ. އަދި އެ އަނގޮޓި ފަރުމާކޮށްފައި ވަނީ ހަތް ކެރަޓްގެ ފިޔާތޮށި ސަފާޔާއި ހަތަރު ކެރަޓްގެ ޖަވާހިރުންނެވެ.

ގާގާ ވަނީ މީގެ ކުރިން "ޝިކާގޯ ފަޔާ" ގެ އެކްޓަރު ޓޭލާ ކިނީއާ ވެސް އެންގޭޖްވެފަ އެވެ. އެކަމަކު ފަހުން ވަނީ ފަސް އަހަރުވީ އެ ގުޅުން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ނިމުމަކަށް ގެނެސް އެންގޭޖްމަންޓް ރޫޅާލައިފަ އެވެ.

ލޭޑީ ގާގާގެ އެންގޭޖްމަންޓް ރިންގް: މީގެ އަގު 400،000 ޑޮލަރަށް އަރާ.

ގާގާ އެންގޭޖްވި ކްރިސްޓިއަން، 49، އަކީ މީގެ ކުރިން ކައިވެންޏެއްކޮށް ދަރިއަކު ވެސް ލިބިފައިވާ މީހެކެވެ. އޭނާ 1997 ގައި ކުރި ކައިވެނި ރޫޅުނީ 2015 ގަ އެވެ.

މިހާތަނަށް ހަ ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ 32 އަހަރުގެ ގާގާ އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކުރި އިރި، އޭނާ ބަތަލާއެއްގެ ގޮތުގައި ތައާރަފުވި ފިލްމު "އަ ސްޓާ އިޒް ބޯން" ސިނަމާތަކުގައި އަންނަނީ ދައްކަމުންނެވެ. މި މަހުގެ 5 ގައި ރިލީޒް ކުރި ފިލްމުގައި ބަތަލުގެ ރޯލު ކުޅެފައި ވަނީ މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ވެސް އޭނަ އެވެ.