"ކެޓްސް" ގެ ފީޗާ ފިލްމުގައި އޭ ލިސްޓް ތަރިންތަކެއް

މީގެ 37 އަހަރު ކުރިން އުފެއްދި އިނގިރޭސި މިއުޒިކަލް "ކެޓްސް" އަށް ބިނާކޮށް ހަދާ ފިލްމަށް އޭ ލިސްޓް ތަރިންތަކެއް ސޮއިކޮށްފި އެވެ.


މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމުގެ ކާސްޓުންގެ ތެރޭގައި އިދްރީސް އެލްބާ، ޖޫޑީ ޑެންޗް، އިއާން މެކްކެލެން، ޖެނިާ ހަޑްސަން، ޖޭމްސް ކޯޑެން އަދި ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ހިމެނެ އެވެ.

"ކެޓްސް" އަކީ 1981 ގައި އެންޑްރީ ލޮއިބް ވެބާ ގެނެސް ދިން ވަރަށް ކާމިޔާބު ސްޓޭޖް ޕްލޭއެކެވެ. އޭގެ ވާހަކަ ބިނާކޮށްފައި ވަނީ ޓީއެސް އެލިއޮޓް ލިޔެފައިވާ ވާހަކަ "އޯލްޑް ޕޮސަމްސް ބުކް އޮފް ޕްރެކްޓިކަލް ކެޓްސް" އަށެވެ.

ޔުނިވާސަލް ޕިކްޗާޒުން "ކެޓްސް" ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ނިންމާފައި ވަނީ މި އަހަރު ރިލީޒް ކުރި އެމީ ޝޫމާގެ ފިލްމު "އައި ފިލް ޕްރިޓީ" ގެ ޑައިރެކްޓަރު ޓޮމް ހޫޕާ ލައްވައި ޑައިރެކްޓް ކުރުވައިގެންނެވެ. މީގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ލީ ހޯލް އާއި ކޫޕާ އެވެ.

އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު "ކެޓްސް" 1983 އިން ފެށިގެން ބްރޯޑްވޭ މިއުޒިކަލްއެއްގެ ގޮތުގައި ވެސް 18 އަހަރު ވަންދެން ގެނެސް ދީފައިވެ އެވެ.