ދުންފަތުގެ މައްސަލައެއްގައި "ބަދާއީ ހޯ" ގެ ޓީމަށް އިންޒާރެއް

ސިނަމާތަކުގައި މިހާރު ވަރަށް ކާމިޔާބުކޮށް ހިނގަމުން އަންނަ ފިލްމު "ބަދާއީ ހޯ" ގައި ދުންފަތް އިޝްތިހާރުވާ ގޮތަށް ގިނަ މަންޒަރުތަކެއް ހިމަނާފައިވާ ކަމަށް ބުނެ އެ މަންޒަރުތައް ފިލްމުން އުނިކުރަން އަންގައި، އެގޮތަށް އަމަލު ނުކުރާ ނަމަ ދައުވާ ކުރާނެ ކަމުގެ އިންޒާރު ނިއު ދިއްލީގެ ޕަބްލިކް ހެލްތު އެންޑް ސްޓޭޓް ޓޮބޭކޯ ކޮންޓްރޯލުން ފިލްމުގެ ޓީމަށް ދީފި އެވެ.


ޕަބްލިކްގެ ހެލްތުގެ އެޑިޝަނަލް ޑިރެކްޓަރު އެސްކޭ އަރޯރާ އާދީއްތަ ދުވަހު ފޮނުވި ނޯޓިސް ރައްދު ވަނީ "ބަދާއީ ހޯ" ގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރާއި އެކްޓަރުންނަށެވެ.

އޭގައި ބުނެފައި ވަނީ ދުންފަތު މަނާކުރާ ގާނޫނުގެ ފަސް ވަނަ މާއްދާއާ ފިލްމުގެ ޓީމުން ހިލާފުވެފައިވާ ކަމަށެވެ. އަދި ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރު ދައްކައި، ސީދާކޮށާއި ނުސީދާކޮށް ފިލްމުން ވަރަށް ބޮޑަށް ދުންފަތް އިޝްތިހާރުވާ މަންޒަރުތައް ދައްކުވައިދޭ ކަމަށް ބުންޏެވެ.

އެހެންވެ އެފަދަ މަންޒަރުތައް ފިލްމުން އުނިކުރަން ވަނީ އެދިފަ އެވެ.

"އެހެންވީމާ ވީހާ ވެސް އަވަހަކަށް އެ މަންޒަރުތައް ފިލްމުން އުނި ކުރަން" އިންޒާރުގެ ނޯޓިހުގައި ބުންޏެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން "ބަދާއީ ހޯ" ގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މީގެ ކުރިން ވެސް ބައެއް ފިލްމުތަކަށް މިފަދަ މައްސަލަތައް ކުރިމަތިވެފައިވެ އެވެ.

"ބަދާއީ ހޯ" ގެ ޓްރއއ

މި މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރި "ބަދާއީ ހޯ" އަކީ ވިނީތު ޖެއިން ޕްރޮޑިއުސްކޮށް، އަމިތު ރަވިންދުރަނާތު ޑައިރެކްޓްކޮށްފައިވާ ފެމިލީ ޑްރާމާއެކެވެ. މީގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އަޔޫޝްމަން ކުރާނާ އާއި ސާނިޔާ މަލްއުތުރާ އާއި ނީނާ ގުޕްތާގެ އިތުރުން ގަޖްރާޖް ރާއޯ އެވެ.

"ބަދާއީ ހޯ" އަކީ ދަރިން ބޮޑެތިވާ ފަހުން ބަލިވެ އިންނަ އުމުރުން ދުވަސްވީ މައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ކްރިޓިކުންނާއި ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ މި ފިލްމަށް އާދީއްތަ ދުވަހާ ހަމައަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 113.99 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ.