މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޖޯން އަބްރަހަމް އާއި އަނީސް ބަޒްމީ.

31 އޮކްޓޯބަރ 2018 - 12:35

ޖޯން އަބްރަހަމް އަށް މި އަހަރުވީ ވަރަށް ކާމިޔާބު އަހަރަކަށެވެ. ރިލީޒް ކުރި އޭނާގެ ދެ ފިލްމަކީ ވެސް އަހަރުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުތަކެވެ. އެއީ މެއި މަހު ރިލީޒްކުރި "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އާއި އޮގަސްޓްގައި ރިލީޒް ކުރި "ސަތިޔަމޭވް ޖަޔަތޭ" އެވެ.

ބޮކްސް އޮފީހުގައި މި ދެ ފިލްމަށް ލިބުނު އާމްދަނީ އަށް ބަލާ އިރު، އަބީޝެކް ޝަރްމާ ޑައިރެކްޓް ކުރި ފިލްމަށް ޖުމްލަ 91.38 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ. ފިލްމު ހަދަން ހޭދަ ކުރީ އެންމެ 44 ކްރޯޑެވެ.

މިލަޕް މިލަން ޒަވޭރީ ޑައިރެކްޓް ކުރި "ސަތިޔަމޭވް ޖަޔަތޭ" 107 ކްރޯޑް ރުޕިސްގެ އާމްދަނީއެއް ހޯދި އިރު، ފިލްމު ހަދަން ހޭދަވީ 50 ކްރޯޑެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ އަހަރުގެ އެންމެ ހިޓް އެއް ލަވަ ކަމަށްވާ "ދިލްބަރު" އަކީ ވެސް ޖޯންގެ މި ފިލްމުގައި ހިމެނޭ ލަވައެއް ކަމެވެ.

ބަޒްމީގެ "ސާޅޭ ސާތީ" ގައި ޖޯން

މިހާރު ވެސް ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެމުން އަންނަ ޖޯން އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ. މި ފަހުން މުޅިންހެން އެކްޝަން ފިލްމުތަކުން ފެންނަ އެކްޓަރު މި ފަހަރު ސޮއި ކުރީ މިދިޔަ އަހަރު "މުބާރަކަން" ގެނެސް އަނީސް ބަޒްމީގެ ކޮމެޑީ ފިލްމު "ސާޅޭ ސާތީ" އަށެވެ.

މީގެ ކުރިން ޖޯން ވަނީ ބަޒްމީއާ އެކު 2015 ގެ ކޮމެޑީ ފިލްމު "ވެލްކަމް ބެކް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

"ސާޅޭ ސާތީ" އާ ބެހޭ ގޮތުން ބަޒްމީ ބުނީ މިއީ ފިރިހެނެއްގެ ހަޔާތުގައި ދިމާވާ އެކި ކަހަލަ މައްސަލަތަކަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. އަދި ފިލްމު ވަރަށް މަޖާ ވާނެ ކަމަށް "ނޯ އެންޓްރީ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

އޭނާ ބުނީ "ސާޅޭ ސާތީ" ގެ ސްކްރިޕްޓް ޖޯން އަށް ކިޔައި ދިނުމާ އެކު ފިލްމަށް ވަގުތުން އޭނަ އެއްބަސްވި ކަމަށެވެ. ކުމާރު މަންގަތު ޕްރޮޑިއުސް ކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އިލިއާނާ ޑި ކްރޫޒާއި އަރްޝަދު ވަރުސީ ވެސް ހިމެނެ އެވެ.

ޖޯންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އާއި ބަތުލާ ހައުސް ހިމެނެ އެވެ.

"2.0" ގެ ޓްރެއިލާ ނޮވެމްބަރު 3 ގައި

ނޮވެމްބަރު މަހުގެ 29 ގައި ރިލީޒް ކުރަން ނިންމާފައިވާ ސައިންސް ފިކްޝަން ފިލްމު "2.0" ގެ ޓްރެއިލާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

ފިލްމު ކްރިޓިކް ތަރަންގެ ޓްވީޓެއް.

ޝަންކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ރަޖްނީކާންތާ އެކު 2010 ގައި އޭނާ ގެނެސް ދިން ފިލްމު "ރޮބޮޓް" ގެ ދެވަނަ ބައެވެ. މި ފަހަރު ރަޖްނީކާންތާ އެކު ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެން ދާނީ އަކްޝޭ ކުމާރާއި އެމީ ޖެކްސަން އެވެ. އިންޑިއާގައި މިހާތަނަށް ހެދި އަގު ބޮޑު ފިލްމުގައި އަކްޝޭ ފެނިގެން ދާނީ އޭނާ މީގެ ކުރިން ފިލްމަކުން ނުފެންނަހާ ތަފާތު ރޯލަކުންނެވެ. "2.0" ގެ ވިލަންއަކީ އޭނަ އެވެ.

މި ފިލްމު ހަދަން ވަނީ 543 ކްރޯޑް ރުޕީސް (75 މިލިއަން ޑޮލަރު) ހަރަދުކޮށްފަ އެވެ.

"ތަގްސް" ގެ އެޑްވާންސް ބުކިން ނޮވެމްބަރު 3 ގައި

އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ތަގްސް އޮފް ހިންދުސްތާން" ގެ ޓިކެޓްގެ އެޑްވާންސް ބުކިންސް އަށް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހުޅުވައިލަން ނިންމައިފި އެވެ.

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ މި ފިލްމު އިންޑިއާގެ 5،000 އަށް ވުރެ ގިނަ ސިނަމާތަކުގައި އެއް ފަހަރާ ދައްކަން ފަށާ އިރު، އޭގެ ތެރެއިން 4،600 ސިނަމާއަކީ ހިންދީ އޯޑިއަންސަށް ފިލްމު ގެނެސް ދޭނެ ސިނަމާތަކެވެ. ބާކީ ހުރި ސިނަމާތަކުގައި ފިލްމު ދައްކާނީ ތަމަޅަ އާއި ތެލެގޫ ބަހުން ޑަބްކޮށްގެންނެވެ.

ފިލްމު ކްރިޓިކް ތަރަންގެ ޓްވީޓެއް.

ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާ ޑައިރެކްޓްކޮށްފައިވާ "ތަގްސް އޮފް ހިންދުސްތާން" ގައި ލީޑް ރޯލު ކުޅެފައި ވަނީ އާމިރު ހާނާއި އަމީތާބް ބައްޗަން އާއި ކެޓްރީނާ ކެއިފްގެ އިތުރުން ފާތިމާ ސަނާ ޝެއިހް އެވެ.

މި ފިލްމުގެ ދިގު މިނަކީ 2 ގަޑިރާއި 44 މިިނިޓާއި 30 ސިކުންތެވެ. މިއީ ވައިއާރްއެފުން މިހާތަނަށް ގެނެސްދޭ އެ ސްޓޫޑިއޯގެ އެންމެ އަގު ބޮޑު ފިލްމެވެ. ފިލްމު ހަދާފައި ވަނީ 300 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

އަރްޖުންގެ މަންމަ މަރުވެއްޖެ

އެކްޓަރު އަރުޖުން ރާމްޕާލްގެ މަންމަ ގްވެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެ އެވެ. އޭނާ މަރުވީ މި މަހުގެ 27 ވަނަ ދުވަހު އެވެ. ގްވެންގެ ޖަނާޒާ ބާއްވާފައި ވަނީ އަންގާރަ ދުވަހު އެވެ.

އަރްޖުން ވަނީ އޭނާގެ މަންމަ މަރުވުމާ ގުޅިގެން މަންމަގެ ހަނދާންތައް އާކޮށް، ހިތްވަރު ދިން އެންމެންނަށް އިންސްޓަގްރާމްގައި ޝުކުރު އަދާކޮށްފަ އެވެ. އަދި އެންމެ ފަހު ނޭވާއާ ހަމައަށް ވެސް މަންމަ އަށް ފަރުވާ ދިން ޑޮކްޓަރުންނަށް ވެސް އޭނާ ޝުކުރު އަދާކޮށްފައިވެ އެވެ.

އަރްޖުންގެ މަންމަ: އޭނާ މަރުވީ ކެންސަރު ބަލީގައި.

އަރްޖުންގެ މަންމަ މަރުވި އިރު، 45 އަހަރުގެ އެކްޓަރުގެ ކައިވެނި ވެސް ދާދި ފަހުން ވަނީ ރޫޅާލައިފަ އެވެ. އެ ކައިވެންޏަށް ލިބިފައިވާ ދެ އަންހެން ދަރިން މިހާރު ތިބީ ޒުވާން އުމުރަށް އަޅައިފަ އެވެ. އެއީ މާހިކާ، 16، އާއި މީރާ، 13، އެވެ.

ކުރީގެ މޮޑެލް މެހެރް ޖެސިއާ ވަކިވުމަށް ފަހު އަރްޖުން މިހާރު އަންނަނީ އެފްރިކާގެ މޮޑެލްއެއް ކަމަށްވާ ގެބްރިއެލް ޑެމެޓްރިއެޑެސްއާ ޑޭޓް ކުރަމުންނެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454