"ގޮށްރާޅު" ފެބްރުއަރީ 4 ގައި ސިނަމާ އަށް ގެންނަން ނިންމައިފި

މި މަހު އަޅުވަން ކުރިން ނިންމާފައި، އަންނަ އަހަރަށް ފަސްކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ގޮށްރާޅު" އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.


ޑާކް ރެއިނުން ވަނީ އެ ތާރީހުގައި ފިލްމު ޕްރިމިއާ ކުރަން ނިންމިކަން ސޯޝަލް މީޑިއާގައި ބުނެފަ އެވެ.

"ގޮށްރާޅު" އަކީ މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ކުރައިމް ތުރިލާއެކެވެ. މިހާރު މަސައްކަތްތައް އެެއްކޮށް ނިމިފައިވާ މި ފިލްމުގެ މުހިއްމު ތަރިއަކީ ޑާކް ރެއިންގެ އެންމެ އާންމު މޫނު، ޖުމައްޔިލް (ޖުމަލް) ނިމާލެވެ.

"ގޮށްރާޅު" އިން ތައާރަފުވާ ބަތަލާއެއް.

މި ފިލްމުން ފިލްމީ ދާއިރާ އަށް އަލަށް މޫނުތަކެއް ތައާރަފްވާނެ އެވެ.

"ގޮށްރާޅު" އަކީ 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމު "4426" ޑައިރެކްޓަރު ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ. މިއީ މި ފަހުން ޑާކް ރެއިނުން ބެލުންތެރިންނަށް ގެނެސް ދޭނެ އެންމެ ތަފާތު އެއް ފިލްމަށް ވާނެ އެވެ.

"ގޮށްރާޅު" ގެ ޕޯސްޓަރެއް.

"ގޮށްރާޅު" ހާއްސަވާ އަނެއް ސަބަބަކީ 2014 ގައި ސާކްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު ވެސް އަހަރުތަކަކަށް ފަހު، ފިލްމުން ފެނިގެން ދާނެތީ އެވެ.

މި އަހަރުގެ މިހާތަނަށް ހަތަރު ފިލްމެއް ސިނަމާ އަށް އައި އިރު، އޭގެ ތެރެއިން އެއް ފިލްމަކީ ޑާކް ރެއިންގެ "ވަކިން ލޯބިން" އެވެ. އަންނަ އަހަރު އެ ސްޓޫޑިއޯ އިން ގެނެސް ދޭން ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި އެޕްރީލް 1 ގައި އަޅުވާ ކޮމެޑީ ފިލްމު "މާމުއި" ހިމެނެ އެވެ.

އަންނަ އަހަރު އޮލިމްޕަސް ސިނަމާ އަށް އަންނާނެ ފުރަތަމަ ދިވެހި ފިލްމަކީ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އެވެ. މޫމިން ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާ އަށް އަންނާނީ ޖެނުއަރީ 3 ގަ އެވެ.

ސެލްމިން އެނިމޭޝަންގެ އެނިމޭޓެޑް ފިލްމު "ބަގީޗާ" މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ޝްވެކް ސިނަމާގައި ޕްރިމިއާ ކުރަން ތައްޔާރުވަމުން އަންނަ އިރު، މި އަހަރު "ވަކިން ލޯބިން" އާ އެކު އަޅުވާފައިވާ ފިލްމުތަކަކީ "ދެވަންސޫރަ"، "ރޭވުމުން" އަދި "ތިޔަ ލޯތްބާ ދުރަށް" އެވެ.