ރިތިކާއި ސުޒޭން އަދި ސަންޖޭ.
07 ނޮވެމްބަރ 2018 - 07:35
ރިތިކް ރޯޝަނާއި ސުޒާން ހާންގެ ކައިވެނި ރޫޅުނުތާ މިހާރު ފަސް އަހަރެއްހާ ދުވަސްވެއްޖެ އެވެ. ކައިވެންޏަށް ދެ ފިރިހެން ދަރިން ވެސް ލިބިފައިވެ އެވެ. އެއީ ރިހާން ރޯޝަން، 12 އާއި ރިދާން ރޯޝަން، 10، އެވެ.
އެކަމަކު ސުޒޭން އާއި ރިތިކްގެ ގާތް އެކުވެރިކަމެއް މިހާރުވެސް އޮވެ އެވެ.
ވަކިން ހާއްސަކޮށް ދަރިންގެ ކަންކަމުގައި ދެ މީހުންގެ ހިއްސާ ހަމަ ކުރިއެކޭ އެއްވަރަށް އޮވެ އެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ދަރިން ގޮވައިގެން ދެ މީހުން ވަރަށް ގިނައިން ޗުއްޓީ ދަތުރުތަކަށް ވެސް ދިއުމެވެ.
ރިތިކާއި ސުޒާންގެ ކައިވެންޏަކީ ރޫޅިދާނެ ކަމަށް ބަޔަކު އުންމީދު ވެސް ކުރި ކައިވެންޏެއް ނޫނެވެ. ސުޒޭންގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ސަންޖޭ ހާނަކީ ވެސް އެގޮތަށް އެންމެ ބޮޑަށް ގަބޫލު ކުރި އެކެކެވެ.
ރިތިކާއި ސުޒޭންގެ ކައިވެނި ރޫޅުމުން އެންމެ ބޮޑަށް ދެރަވި މީހަކީ ވެސް ސަންޖޭ އެވެ. އެކަމަކު އޭނާ އަދިވެސް ހުރީ އެ ދެ މީހުން އަލުން ގުޅޭނެ ކަމުގެ އުންމީދުގަ އެވެ. އެ ވާހަކަ ސަންޖޭ ވަނީ މީޑިއާތަކަށް ވެސް ހިއްސާކޮށްފަ އެވެ.
ރިތިކް ދެ ދަރިންނާ އެކު.
"އަހަންނަކީ ސުޒޭން އާއި ރިތިކް ދެކެ އަބަދު ވެސް ވަރަށް ލޯބިވާ މީހެއް،" އޭނާ ބުންޏެވެ. "އަހަރެން އަދިވެސް އުންމީދުކޮށްގެން މި ހުންނަނި އެ ދެ މީހުން އަލުން ގުޅޭނެ ކަމަށް. ވަރިޔަވިޔަސް ދެ މީހުންގެ މެދުގައި އެކުވެރިކަން އޮންނާތީ އަހަރެން އެކަމާ ވަރަށް އުފާ ކުރަން."
އެކްޓަރު ޒައިދު ހާންގެ ބައްޕަ ބުނި ގޮތުގައި ރިތިކަކީ މިހާރު އޭނާގެ ދަނބިދަރިއެއް ނޫން ކަމަށް ބަޔަކު ހަނދާންކޮށް ދިނަސް، އޭނާއަކީ ދަރިފުޅުގެ ކުރީގެ ފިރިމީހާ އެވެ.
"އަދި ރިތިކަކީ އަހަރެންގެ ކާފަ ދަރިންގެ ބައްޕަ. އެއީ ދުވަހަކު ވެސް ބަދަލު ވާނެ ކަމެއް ނޫން." ދާދި ފަހުން "ދަ ބެސްޓް މިސްޓޭކްސް އޮފް މައި ލައިފް" ގެ ނަމުގައި ބައޮގްރަފީ ނެރުނު ސަންޖޭ ބުންޏެވެ.
ރިތިކާއި ސުޒާން މިދިޔަ ޖެނުއަރީ މަހު އެކީގައި.
އޭނާ ބުނި ގޮތުގައި މި ޒަމާނުގައި ކައިވެނިތައް ނުދެމެހެއްޓުމަކީ ވަރަށް ބޮޑު މައްސަލައެއް ވެސް މެ އެވެ.
"އަހަރެމެންގެ ޒަމާނުގައި އެކަން އޮތް ގޮތަށް މިހާރު އެކަން ނޯންނާތީ އެކަމާ ސުވާލު ވެސް އުފެދޭ. ކައިވެނީގެ ގުޅުމަކީ ވަރަށް ބަދަހި ގުޅުމަކަށް ވާން ޖެހޭނެ. އެއީ އިހުތިރާމު ކުރެވޭ ގުޅުމަކަށް ވާން ޖެހޭނެ،" އަބްދުﷲ (1980) އާއި އޭކް ޕޫލް ދޯ މާލީ (1969) ފަދަ ފިލްމުތައް ކުޅުނު 77 އަހަރުގެ އެކްޓަރު ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރިތިކާއި ސުޒާންގެ ކައިވެނި ރޫޅެން ދިމާވި މައިގަނޑު ސަބަބަކީ ރިތިކް 2010 ގައި ކުޅުނު ފިލްމު "ކައިޓްސް" ގެ މެކްސިކޯގެ ބަތަލާ ބާބަރާ މޯރީ އާއި ރިތިކްގެ ލޯބީގެ ގުޅުން ވަރަށް ސީރިއަސްވެ މައްސަލަގަނޑު ހޫނުވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy