ދީޕިކާ އާއި ރަންވީރު ހުކުރު ދުވަހުގެ ރޭ މުމްބާއީ އެއާޕޯޓްގައި.
11 ނޮވެމްބަރ 2018 - 20:56
މަދޫރީ ޑިކްސިޓް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެން ދިޔަ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރީ މަރާޓީ ފިލްމު "ބަކެޓްލިސްޓް" އިންނެވެ. ކުރިން އޮތް ގޮތުން އޭނާގެ ހިންދީ ފިލްމެއް ވެސް މި އަހަރު ސިނަމާ އަށް އަންނާނެ އެވެ. އެއީ "ޓޯޓަލް ދަމާލް" އިންނެވެ.
އެކަމަކު ޑިސެމްބަރު 7 އަށް ތާވަލު ކުރި ފިލްމު މިހާރު ވަނީ އަންނަ އަހަރުގެ ފެބުއަރީ 22 އަށް ފަސްކޮށްފަ އެވެ. އިންދަރު ކުމާރު ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އިން މަދޫރީ ފެނިގެން ދާނީ އަނިލް ކަޕޫރާއި އަޖޭ ދޭވްގަންއާ އެކު އެވެ.
އެ ފިލްމުގެ އިތުރަށް އަންނަ އަހަރު ރިލީޒް ކުރާ އަބީޝެކް ވަރުމަންގެ ޕީރިއަޑް ޑްރާމާ "ކަލަންކް" އިން ވެސް މަދޫރީ ފެނިގެން ދާނެ އެވެ. އަންނަ އަހަރުގެ އެޕްރީލް 19 ގައި ރިލީޒް ކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރު ހިމެނެ އެވެ.
މަދޫރީ އާއި އޭނާގެ ފިރިމީހާ ޑރ. ސްރީރާމް ނޭނާ ގުޅިގެން އުފައްދާފައިވާ ފިލްމު ކުންފުނި އާރްއެންއެމް އިން ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމު "ފިފްޓީންތު އޮގަސްޓް" ނެޓްފްލިކްސް އިން ސްޓްރީމް ކުރާ ގޮތަށް ހަމަޖެހިއްގެ އެވެ.
♥️✨ pic.twitter.com/9MQh9PfdAS
— Madhuri Dixit Nene (@MadhuriDixit) November 9, 2018
މަދޫރީ ނެޓްފްލިކްސްގެ އިވެންޓްގައި.
މަދޫރީ ބުނީ އެކަމާ ވަރަށް އުފާ ވެސް ވާ ކަމަށެވެ. ސަބަބަކީ ވަރަށް ބޮޑު އޯޑިއަންސަކަށް ފިލްމު ފެނިގެން ދާނެތީ އެވެ. ސްޓްރީމިން ސާވިސްގައި އެންމެ މުރީގައި އުޅޭ ނެޓްފްލިކްސްއަކީ މިހާރު ދުނިޔޭގެ 190 ގައުމެއްގެ އެތަކެއް ކަސްޓަމަރުން ތިބި ކުންފުންޏެވެ. އަދި އެތައް ބަހަކުން އުފެއްދުންތައް ގެނެސްދޭތީ، ގިނަ ބަޔަކަށް އެކި ގައުމުތަޖުގެ މުއްސަނދި ކޮންޓެންޓްތައް ތަޖުރިބާކޮށްލަން މަގުފަހިވެފައިވެ އެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ޝޫޓިން ފެށި "ފިފްޓީންތު އޮގަސްޓް" އަކީ ޔޮގޭޝް ވިނާޔަކު ލިޔެ، ސްވަޕްނީލް ޖަޔަކަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓުންނަކީ ރުމައްޔީ ދޭޝްޕާންޑޭ އާއި އަދިނާތު ކޮތަރީ އެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރުގެ ފިރިހެން ދަރިފުޅު ޒައިން ކަޕޫރުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.
ޒައިން ކަޕޫރު.
ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ވިހޭ ޒައިންގެ ފޮޓީ ޝާހިދުގެ އަންހެނުން މީރާ ރާޖުޕޫތު ވަނީ އިންސްޓަގްރާމްގައި ދައްކާލައިފަ އެވެ. ފޮޓޯގެ ކެޕްޝަނަކަށް ޖަހާފައި އިނީ "ހެލޯ ވޯލްޑް" އެވެ. ދެހާސް ފަނަރައިގައި ކައިވެނި ކުރި ޝާހިދާއި މީރާ އަށް ފުރަތަމަ ލިބުނީ އަންހެން ދަރިއެކެވެ. އެއީ މި ތިން އަހަރަށް އަޅާފައިވާ މީޝާ ކަޕޫރެވެ.
ޝާހިދު މިހާރު އަންނަނީ ފިލްމު "ކަބީރު ސިންގް" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމަކީ ތެލުގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ރިމެކެވެ.
މި މަހުގެ 15 ވަނަ ދުވަހު ކައިވެނި ކުރާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި ރަންވީރު ސިންގް ކައިވެނީގެ ހަފުލާތަކަށް އިޓަލީ އަށް ފުރައިފި އެވެ.
— Deepika Padukone (@deepikapadukone) October 21, 2018
ދީޕިކާގެ ޓްވީޓެއް.
ދެ ތަރިން ހުކުރު ދުވަހުގެ ރޭ ފުރަން މުމްބާއީ އިންޓަނެޝަނަލް އެއާޕޯޓްގައި ތިއްބައި ނަގާފައިވާ ފޮޓޯތަކެއް ވެސް މީޑިއާތަކުގައި ޖަހާފައިވެ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކައިވެނީގެ ރަސްމިއްޔާތުތައް އިޓަލީގެ ލޭކް ކޯމޯގައި ކުރިއަށް ދާނީ 14 އާއި 15 ވަނަ ދުވަހު އެވެ. ދެ ތަރިންގެ ކައިވެނީގެ ހަފުލާގައި ބައިވެރި ވާނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ބޮލީވުޑުން ހޮވައިލެވޭ މަދު އަދަދެއްގެ ބައެކެވެ.
އޭގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީ، ޝާހްރުކް ހާން، ފަރާ ހާން، ކަރަން ޖޯހަރު، ރޯހިތު ޝެޓީ އަދި އަދިތިޔާ ޗޯޕްޅާ ހިމެނެ އެވެ. ރަންވީރާއި ދީޕިކާގެ ކައިވެނި އިއުލާން ކުރީ މިދިޔަ މަހުގެ 21 ގަ އެވެ.
"ހަމް ތުމް" އާއި "ފަނާ" ފަދަ ރީތި ހިންދީ ފިލްމުތަކެއް ގެނެސް ދިން ޑައިރެކްޓަރު ކުނާލް ކޯލީ ފުރަތަމަ ފަހަރަށް ތެލެގޫ ފިލްމެއް ގެނެސް ދޭން ނިންމައިފި އެވެ.
From the director of #Fanaa and #HumTum... First look posters of Kunal Kohli's first #Telugu film #NextEnti... Stars Tamannaah Bhatia and Sundeep Kishan... Filmed in London and Hyderabad... Produced by Raina Joshi and Akshai Puri... Dec 2018 release... #NextEntiFirstLook pic.twitter.com/TT4xbrSQ6v
— taran adarsh (@taran_adarsh) November 9, 2018
ފިލްމު ކްރިޓިކް ތަރަންގެ ޓްވީޓެއް.
އޭނާގެ މި ފިލްމަށް ދީފައިވާ ނަމަކީ "ނެކްސްޓް އެންޓި" އެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ދައްކާލައިފައިވާ އިރު، މީގެ ކާސްޓުންނަކީ ހިންދީ ފިލްމުތަކުން ވެސް ފެން ސައުތުގެ ބަތަލާ ތަމަންމާ ބާޓިއާ އާއި ސަންދީޕު ކިޝަން އެވެ.
ކުނާލް ޑައިރެކްޓް ކުރާ މި ފިލްމުގެ މަންޒަރުތައް ލަންޑަނާއި ހައިދަރުއާބާދުގައި ނަގަން ނިންމާފައިވާ އިރު، މީގެ ޕްރޮޑިއުސަރުންނަކީ ރައިނާ ޖޯޝީ އާއި އަކްޝާއީ ޕޫރީ އެވެ. ބެލެވޭ ގޮތުން "ނެކްސްޓް އެންޓި" އަންނަ މަހުގެ ތެރޭގައި ރިލީޒް ކުރާނެ އެވެ. ކުނާލްގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ އަންނަ އަހަރަށް ތާވަލުކޮށްފައިވާ "ރާމްޔުގް" އެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2012 ގައި ޕްރިޔަންކާ ޗޯޕްޅާ އާއި ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅުނު "ތޭރީ މޭރީ ކަހާނީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy