މީގެ ކުރިން ވެސް ރާއްޖޭގެ މަޝްހޫރު ބައެއް ފިލްމީ ތަރިންގެ ނަމުގައި ފޭސްބުކް ފޭކް އައިޑީތައް ހަދައިގެން، މީހުންނާ ޗެޓްކޮށްގެން މައްސަލަތަކެއް ދިމާވެފައި އެބަ ހުއްޓެވެ. މިއީ މިހާރު ހުއްޓޭނެ ކަމެއް ވެސް ނޫނެވެ.
އެކްޓަރު އަލީ ސީޒަން މިހާރު ވެސް އެ އުޅެނީ މިކަހަލަ މައްސަަލަގަނޑެއްގެ ތެރޭގަ އެވެ. އޭނާ ބުނީ ފޭސްބުކާއި ސްނެޕް ފަދަ ޕްލެޓްފޯމްތަކުގައި އޭނާގެ ނަމުގައި ފޭކް އައިޑީ ހަދައިގެން ބަޔަކު ނާޖާއިޒު ފައިދާތައް ނަގާ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޒާތީ ދިރިއުޅުމަށް ވެސް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުންޏެވެ.
"ފާއިތުވި ދެ މަހަށް ބަލާ އިރު ވެސް މިކަހަލަ ކަންތައްތަކަކާ ހެދި ވަރަށް ބޮޑު ކަންބޮޑުވުމަކާއި ނުތަނަވަސްކަމެއްގެ ތެރޭގައި އުޅެން ޖެހިފައި މި ވަނީ،" ސީޒަންގެ ނަން އެކި ގޮތްގޮތަށް ބޭނުންކޮށްގެން ހަދާފައިވާ ފޭކް އެފްބީ އައިޑީތަކުން އަންހެނުންނާ ބަޔަކު ޗެޓް ކުރާ މައްސަލަ އަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.
ސީޒަން ބުނި ގޮތުގައި މިހާރު ވެސް އޭނާގެ ނަމުގައި ހަދާފައިވާ ފޭސްބުކް ހަތް ފޭކް އައިޑީއެއްގެ މައްސަލަ ރިޕޯޓްކޮށްފައި ވާނެ އެވެ.
"އަހަންނަށް އަހަރެންގެ އަސްލު ޕްރޮފައިލް ވެސް ގެންގުޅެން މިކަމާ ހެދި ދަތިވާ ހިސާބަށް ގޮސްފައި މިއޮތީ. ނަން އިންނަ ގޮތަށް ނަން އެބަ ބޭނުން ކުރޭ. ފްރޮފައިލަށް ފޮޓޯއެއް ލާ އިރަށް އެ ފޮޓޯ އެބަ ލާ މި ބުނާ ކަހަލަ ފޭކް އައިޑީތަކުގެ ޕްރޮފައިލްތަކަށް،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ.
ސީޒަން ބުނި ގޮތުގައި އޭނާގެ ނަމުގައި ޗެޓްކޮށްގެން ބައެއް އަންހެން ކުދިންގެ ފޮޓޯ ހޯދައި، ބައެއް ކުދިން ބްލެކްމެއިލްގެ ޝިކާރަކަށްވެފައިވާކަން ބައެއް މީހުންގެ ފަރާތުން އެނގިފައިވެ އެވެ.
"ނުވަ ވަރަކަށް އަހަރު ވެދާނެ އަހަރެން އެފްބީ ބޭނުން ކުރާތާ. އަހަންނަކީ ދުވަހަކު ވެސް އަންހެން ކުދިން ފޮނުވާ ފްރެންޑް ރިކްއެސްޓް އެކްސެޕްޓްކޮށްގެން އެކަހަލަ ގޮތަކަށް އެއްވެސް އިރެއްގައި ވާހަކަ ދައްކައި ހަދާ މީހެއް ނޫން،" އޭނާ ބުންޏެވެ. "އެބަޖެހޭ މި ކަހަލަ މަޅީގައި ޖެހޭ އަންހެން ކުދިން ވެސް މިހާރަށް ވުރެ ބޮޑަށް ހުށިޔާރު ވާން. އަދި އަހަރެން ބޭނުން މިކަން ވީހާ ވެސް ބޮޑަށް ގިނަ ބައެއްގެ ސަމާލު ކަމަށް ގެންނަން ވެސް. މިކަހަލަ ކަންކަން ކުރަންޏާ ހަގީގަތުގައި އެތައް ބައެއްގެ ދިރިއުޅުން ހަލާކު ވެދާނެ."
ސީޒަން ކިޔައި ދިން ގޮތުގައި މީގެ ދެ އަހަރު ކުރިން ރޯދަ މަހެއްގައި އަންހެން ނުވެސް ދަންނަ ކުއްޖަކު އޭނާ އަށް ގުޅުމުން ކަމުގެ ސީރިއަސްކަން ވަރަށް ބޮޑަށް އިހުސާސް ކުރެވުނެވެ.
Mee ummeedhuge Hulhukolhe noon, ummeedhuge Alifaan gadeh "ministry of Arts and Culture" thank you raees @ibusolih adhi raees @MohamedNasheed
— SeaxanAli (@seaxanali) November 13, 2018
"މި ބުނާ ފޭކް އައިޑީތައް ބޭނުން ކުރާ މީހުން މިކަން ކުރަނީ އަހަރެންގެ ވަރަށް ޕާސަނަލް އިންފޮމޭޝަން ވެސް ހޯދައިގެން. އެހެންވީމާ ވާގޮތަކީ ޗެޓް ކުރެވޭ އަންހެން ކުއްޖާ އަށް ހަމަ މިއީ އަސްލު މީހާ ނޫންކަން ރޭކާ ވެސް ނުލަނީ،" އޭނާ ބުންޏެވެ. "މި ބުނާ ދުވަހު އަހަރެންގެ ނަމްބަރަށް ގުޅި ކުއްޖާ މި އަހަނީ ތިމަންނަ ފޮނުވި ފޮޓޯ ލިބުނުހޭ. ދެން އަހަންނަށް އަސްލު ވަރަށް ބޮޑު ޝޮކަކަށްވީ. ފުރަތަމަ ވެސް ކޮން ފޮޓޯއެއްތޯ އަހާލެވުނީ. ދެން އެ ދުވަހު ވަރަށް ރަނގަޅަަށް ކިޔައި ދިނިން އަހަރެން ޗެޓް ނުކުރާކަމާއި ފޮޓޯ ވެސް ހޯދާފައި ނުވާނެ ކަމަަށް."
ސީޒަން ބުނީ ވަރަށް ފަހަކާ ޖެހެންދެން އޭނާ ސްނެޕްޗެޓް ވެސް ބޭނުން ނުކުރާ ކަމަށެވެ. އެކަމަކު އޭގައި ވެސް ފޭކް އައިޑީއެއް ހަދައިގެން ފިލްމީ ދާއިރާގެ ބައެއް ބަތަލާއިންނާއި ބައެއް މީސްމީހުންގެ އަނބިންނާ އޭނާގެ ނަމުގައި ވާހަކަ ދައްކާފައިވާ ކަމަށް ބުންޏެވެ.
"އެހެންވެ މިހާރު އިންނާނެ ސްނެޓްޗެޓްގެ އަމިއްލަ އައިޑީއެއް،" އޭނާ ބުންޏެވެ. "އަދި އަހަންނަކީ މިހާރު ފޭސްބުކްގެ ޕްރޮފައިލުން ވާހަކަ ދައްކާ މީހެއް ވެސް ނޫން. އޭގެ ބަދަލުގައި އަހަރެންގެ ނަމުގައި އިންނަ ރަސްމީ ޕޭޖުން ކޮމިއުނިކޭޓްކޮށް ހަދާނީ."
ރާއްޖޭގެ ފިލްމީ ތަރިންގެ ތެރެއިން ފޭސްބުކްގައި އެންމެ ގިނައިން ފޭން ޕޭޖް ހުންނަ އެއް އެކްޓަރަކީ ވެސް ސީޒަނެވެ.
"ފޭން ޕޭޖްތައް ހުންނާނީ ހަމަ އަހަންނަށް އެނގިގެން ހަދާފައި. އަދި އެ ޕޭޖްތައް ހުންނާނީ ވެސް ފޭން ޕޭޖްތައްކަން އެނގޭ ގޮތަށް ޑިސްކްރިޕްޝަން ލިޔެފައި،" އޭނާ ބުންޏެވެ. "އޭގެ ތެރޭގައި އުޅޭނެ ތަންކޮޅެއް އެކްޓިވް ޕޭޖްތަކާއި އެއްގޮތަކަށް ވެސް އެކްޓިވް ނޫން ޕޭޖްތައް ވެސް. އެއީ ދެން އެކަން ކުރާ ބަޔަކަށް އެކަން ކުރެވެން އޮންނަ ގޮތް ކަންނޭނގޭ."
ސީޒަން އޭނާގެ ފޭނުންނަށް ބުނަން އޮތް ވާހަކައަކީ ފޮނުވާ ކޮންމެ ފްރެންޑް ރިކްއެސްޓަކަށް އިޖާބަ ނުދޭށޭ އެވެ. އަދި ވާހަކަ ދެއްކެނީ ކާކާތޯ ޔަގީން ކުރުން ވަރަށް މުހިއްމު ކަމަށް ބުންޏެވެ.
"ތިމާގެ ޕާސަނަލް ކަންކަން ހިއްސާކުރާ އިރު ހަގީގަތުގައި އެބަޖެހޭ ކަށަވަރު ކުރަން ކާކާތޯ މި ވާހަކަ ދެއްކެނީ ބަލަން،" ސީޒަން ބުންޏެވެ.