ކަރަން، ކާޖޮލް އާއި އަޖޭއާ އެކު: "ކޮފީ ވިތު ކަރަން" އިން ފެންނާނެ.
19 ނޮވެމްބަރ 2018 - 07:22
ހިންދީ ސިނަމާ އަށް ލޯބިކުރާ މީހުންނަށް މި މަހުގެ 29 ވަނަ ދުވަސް ވެގެން ދާނީ ބޮޑު ދުވަހަކަށެވެ. ސަބަބަކީ ވަރުގަދަ ދެ ސުޕަޓާރުން ފެނިގެންދާ، ބޮޑު ފިލްމެއް ސިނަމާ އަށް އަންނާތީ އެވެ. އެއީ އިންޑިއާގައި މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމު "2.0" އެވެ. މިއީ 543 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
ޝަންކަރު ޑައިރެކްޓްކޮށްފައިވާ މި ސައިންސް ފިކްޝަންގެ ފިލްމުގެ މައި ތަރިންނަކީ ރަޖްނީކާންތާއި އަކްޝޭ ކުމާރެވެ. ފިލްމުގެ ބަތަލާއަކީ އެމީ ޖެކްސަން އެވެ. "2.0" އަކީ ޝަންކަރު 2010 ގައި ގެނެސްދިން ފިލްމު އެންދިރަމް (ރޮބޮޓް) ގެ ސީކްއެލްއެކެވެ.
މި ފަހަރު ހިންދީ އޯޑިއަންސަށް މި ފިލްމު އެންމެ ހާއްސަވާ ސަބަބަކީ އަކްޝޭ މީގެ ކުރިން ފިލްމަކުން ނުފެންނަ ކަހަލަ ތަފާތު ކެރެކްޓާއަކުން ފެނިގެން ދާނެތީ އެވެ. އޭނާއަކީ "2.0" ގެ ވިލަން އެވެ.
އަކްޝޭ "2.0" ގައި ފެނިގެން ދާނީ އިންސާނަކަށް ވުރެ ބޮޑު އެހެން މަގުލޫގަކާ ވައްތަރު ކެރެކްޓާއަކުންނެވެ. އޭނާ ބުނި ގޮތުގައި މިއީ މިހާތަނަށް ފިލްމެއްގައި ކުޅެން ލިބުނު އެންމެ އުނދަގޫ އަދި އެންމެ ޗެލެންޖިން ރޯލެވެ.
My look in #2Point0 is nothing short of a technological wonder! Watch to know how it was brought to life.@2Point0Movie @shankarshanmugh @DharmaMovies @LycaProductions #2Point0FromNov29 pic.twitter.com/NfUfUPb2L1
— Akshay Kumar (@akshaykumar) November 16, 2018
އަކްޝޭގެ ޓްވީޓް.
އަނެއްކޮޅުން އަކްޝޭ ކުޅުނު ކެރެކްޓާ އަށް ވަރުގަދަ މޭކަޕެއް ވެސް ކުރަން ޖެހުނެވެ.
މި ފަހަރު އޭނާގެ މޭކަޕް ރޫމަށް ވަދެލައިގެން ކެރެކްޓާ އަށް ކުރި ބައެއް މަސައްކަތްތައް ތަޖުރިބާކޮށްލާނީ އެވެ. ޓްވިޓާގައި އަކްޝޭ ވަނީ މޭކަޕްގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ފޭނުންނާ ހިއްސާކޮށްފަ އެވެ.
ސަލްމާން ހާން މިހާރު ކުޅެމުން އަންނަ ފިލްމި "ބާރަތު" ގެ ޝޫޓިންގެ ތެރޭގައި އަނިޔާވެއްޖެ އެވެ.
Journey of a man & nation together @Bharat_TheFilm @BeingSalmanKhan #KatrinaKaif @WhoSunilGrover @DishPatani pic.twitter.com/BIuN5fk9DD
— ali abbas zafar (@aliabbaszafar) November 15, 2018
ޑައިރެކްޓަރު އަލީގެ ޓްވީޓެއް.
މީޑިއާތަކުން ބުނި ގޮތުގައި ސަލްމާނަށް އަނިޔާވި ފިލްމުގެ މަންޒަރުތަކެއް ޕަންޖާބުގެ ލޫދިއާނާގައި ޝޫޓް ކުރަމުން ދަނިކޮށެވެ. އެހެންވެ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން މިހާރު ވަނީ އެނބުރި މުމްބާއީ އަށް ގޮސްފަ އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފުސީލެއް މީޑިއާތަކުން ހާމައެއް ނުކުރެ އެވެ.
"ބާރަތު" އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމެކެވެ. އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމުގެ މަންޒަރުތަކެއް މީގެ ކުރިން ވަނީ މޯލްޓާ އާއި އަބޫދާބީގައި ވެސް ނަގައިފަ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް، ޖެކީ ޝްރޮފް، ތައްބޫ، ނޯރާ ފަތެހީ، ސުނިލް ގްރޯވާ އަދި ޑިޝާ ޕަޓްނީ ހިމެނެ އެވެ.
މިދިޔަ ހަފުތާގައި އިޓަލީގައި ކައިވެނި ކުރި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން އެނބުރި މުމްބާއީ އަށް ގޮސްފި އެވެ.
ދެ ތަރިން މުމްބާއީ އިންޓަނެޝަނަލް އެއާޕޯޓްގައި ހޮނިހިރު ދުވަހުގެ ރޭ ފޭނުންނާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުގައި ވެސް ޖަހާފައިވެ އެވެ.
ދީޕިކާ އާއި ރަންވީިރު އެއާޕޯޓްގައި.
އިޓަލީގެ ލޭކް ކޯމޯގައި ކައިވެނި ކުރުމަށް ފަހު، ދެ ތަރިން އެނބުރި ގައުމަށް ގޮސްފައިވާ އިރު، ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރަންވީރު ވަނީ ދީޕިކާ އަށް މުމްބާއީން 50 ކްރޯޑް ރުޕިސްގެ ގެއެއް ވެސް ގަނެ ދީފަ އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ދެ މީހުން ދިރިއުޅޭނީ އެ ގޭގައި ކަމަށްވެ އެވެ.
ކައިވެންޏަށް ފަހު ދީޕިކާ އާއި ރަންބީރު މުންބާއީގައި ބާއްވާ ހާއްސަ ރިސެޕްޝަން މި މަހުގެ 28 ވަނަ ދުވަހު މުމްބާއީގެ ގްރޭންޑް ހަޔަޓު ހޮޓެލްގައި އޮންނާނެ އެވެ. އަދި އަންނަ މަހުގެ 28 ގައި ރަންވީރުގެ އެންމެ ފަހުގެ ފިލްމު "ސިމްބާ" ސިނަމާތަކަށް އަންނާނެ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ކަރަން ޖޯހަރުގެ ފިލްމު "އޭ ދިލް ހޭ މުޝްކިލް" އާއި އަޖޭ ދޭވްގަންގެ "ޝިވާއޭ" އެއް ދުވަހެއްގައި ރިލީޒް ކުރަން ޖެހި، އުފެދުނު ހާޖާނުގަނޑުގެ ތެރޭގައި ގުޅުން ވަރަށް ބޮޑަށް ގޯސްވި ކަރަން އާއި އަޖޭގެ ގުޅުން ފިނިވެ އަަލުން އެއްގަލަކަށް އަރައިފި އެވެ.
Koffee times!!!! Coming soon!!!! @ajaydevgn @KajolAtUN #KoffeeWithKaran @StarWorldIndia @hotstartweets pic.twitter.com/ypqclK2gu3
— Karan Johar (@karanjohar) November 15, 2018
ކަރަންގެ ޓްވީޓެއް.
ކަރަންގެ އެންމެ ގާތް މީހުންގެ ތެރޭގައި ހިމެނޭ ކާޖޮލްގެ ފިރިމީހާ އާއި ކަރަންއާ ދެމެދު މައްސަލަ ހޫނުވީ އަޖޭގެ ފިލްމާ ދެކޮޅަށް ކަރަން އެންޓި ކެމްޕޭން ކުރި ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވުމުންނެވެ.
މިކަމާ ގުޅިގެން ކަރަން އާއި ކާޖޮލްގެ ޒަމާންވީ ގުޅުމުގައި ވެސް ކުނި ޖެހި، ހަތުރުންނަށް ބަދަލުވި އެވެ. ނަމަވެސް ފަހުން ކާޖޮލް އާއި ކަރަން ވަނީ އަލުން އެކުވެރިކަން ރުޖޫއަކޮށްފަ އެވެ.
އުފާވެރި ހަބަރަކީ ކަރަން އާއި އަޖޭގެ ގުޅުން އަލުން އިޔާދަވެ، މިހާރު ގެނެސްދޭ ކަރަންގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަނަށް ވެސް އަޖޭ އަންނަން ގަބޫލުވުމެވެ. އަދި އޭނާ އަންނާނީ މި ފަހަރު ކާޖޮލްއާ ވެސް އެކުގަ އެވެ. އަޖޭ ކުރިން ވަނީ މި ޝޯގެ ކުރީގެ ސީޒަނެއްގައި އެކަނި ބައިވެރިވެފަ އެވެ.
ކާޖޮލް އާއި އަޖޭ އެކީގައި ފެނިގެންދާ އެޕިސޯޑް މިހާރު ޝޫޓް ވެސްކޮށްފައިވާ އިރު، ކަރަން ވަނީ ދެ ތަރިންނާ އަކު ނަގާފައިވާ ފޮޓޯއެއް ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy