ނަފީސާ: އޭނާ އަންނަނީ ކެންސަރަށް ފަރުވާ ހޯދަމުން.
19 ނޮވެމްބަރ 2018 - 07:20
"ލައިފް އިން އަ...މެޓްރޯ" އާއި "ގުޒާރިޝް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ ކުރީގެ ބަތަލާ ނަފީސާ އަލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.
އުމުރުން 61 އަހަރުގެ ބަތަލާ، ކޮންގްރެސް ޕާޓީގެ ކުރީގެ ރައީސާ އަދި ގާތް އެކުވެރިޔާ ސޯނިއާ ގަންދީއާއެކު ނަގާފައިވާ ފޮޓޯއަކާ އެކު އިންސްޓްގަރާމްގައި ބުނީ އޭނާ މިހާރު ހުރީ ކެންސަރުގެ ތިން ވަނަ ސްޓޭޖްގައި ކަމަށެވެ. ބައްޔާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނަފީސާ ހިއްސާކޮށްފައެއް ނުވެ އެވެ.
ފިލްމުތަކުގައި މަސައްކަތް ކުރުމުގެ އިތުރަށް ސިޔާސީ/އިޖުތިމާއީ އެކްޓިވެސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ނަފީސާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ ޖުލައި މަހު ރިލީޒްކުރި ސަންޖޭ ދަތުގެ "ސާހިބު ބީވީ އޯރް ގޭންގްސްޓާ 3" އިންނެވެ.
ނަފީސާގެ އިންސްޓަގްރާމް ޕޯސްޓް.
ކުރީގެ ޕޯލޯ ކުޅުންތެރިޔާ ރިޓަޔާޑް ކާނަލް އާރްއެސް ސޯދީއާ ކައިވެނިކޮށްގެން ތިން ދަރިން ވެސް ތިބި މަންމަ ކުޅެފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ޔަމްލާ ޕަގްލާ ދީވާނާ (2010)، ބޭވަފާ (2005) އަދި މޭޖާ ސާހަބް (1998) ހިމެނެ އެވެ.
ނަފީސާގެ އިތުރުން ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން މިހާރު ކެންސަރަށް ފަރުވާ ހޯދާ މީހުންގެ ތެރޭގައި އިރުފާން ހާން، ސޮނާލީ ބެންޑްރޭ އަދި އެކްޓަރު އަޔޫޝްމަން ކުރާނާގެ އަންހެނުން/ލިޔުންތެރިޔާ ތާހިރާ ކޭޝަޕް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރިޝީ ކަޕޫރަކީ ވެސް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy