އަރުޖުން އާއި މަލައިކާ: ދެ މީހުން އަންނަ އަހަރު ކައިވެނި ކުރާނެ ކަމަށްވޭ.
26 ނޮވެމްބަރ 2018 - 07:40
އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ކައިވެނީގެ ވާހަކަތަކުގެ ތެރެއިން މި ފަހަރު އޮތް ހޫނު ޚަބަރަކީ ދެ މީހުން ހިއްސާވާ ގޮތަށް މުމްބާއިން ފްލެޓެއް ގަތް ވާހަކަ އެވެ. އެއީ ކައިވެންޏަށް ފަހު ދެ މީހުން އެކީގައި ދިރިއުޅޭށެވެ.
ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން އަރުޖުން އާއި މަލައިކާ ހިއްސާވާ ގޮތަށް، އަގުބޮޑު ރީތި ފްލެޓެއް ގަތީ މުމްބާއީގެ ލޯކަންދްވާލާ ކޮމްޕްލެކްސްއިންނެވެ. ދެ މީހުން އެއްވަރަކަށް ހިއްސާވާ ގޮތަށް އިންވެސްޓް ކުރި ފްލެޓްގެ އަގެއް މީޑިއާތަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު ބުނީ ދެ މީހުން ވެސް ބޭނުންވާ ގޮތަށް އެތަނުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މަލައިކާ އާއި އަރުޖުން ރައްޓެހިންތަކަކާ އެކު.
ރިޕޯޓްތައް ބުނާ ގޮތުން އަރުޖުން، 33، އާއި މަލައިކާ، 45، އަންނަ އަހަރުހެ ކުރީކޮޅު ކައިވެނި ކުރާނެ އެވެ. ދެ މީހުން ހިތާވެގެން އުޅޭކަން ރަސްމީކޮށް މިހާތަނަށް އެއްބަސް ނުވިޔަސް، ފެންނަ ފޮޓޯތަކާއި ވީޑިއޯތަކުން އެކަން ސިއްރެއް ނޫނެވެ.
މިހާރު ހުރީ ހުސްކޮށް ނޫން ކަމަށާއި ކައިވެންޏަށް ވެސް ތައްޔާރު ކަމަށް އަރުޖުން ވަނީ ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަނުގައި ބުނެފަ އެވެ. ގިނަ ބަޔަކު އެ ވާހަކަ މާނަކުރީ އެއީ މަލައިކާއާ ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށް ދިނުންގެ ގޮތުގަ އެވެ.
އަރުޖުން އާއި މަލައިކާ.
މަލައިކާއަކީ ސަލްމާން ހާންގެ ކޮއްކޮ އަރުބާޒު ހާންގެ ކުރީގެ އަންހެނުންނެވެ. ދެ މީހުންގެ ކައިވެނި ރަސްމީކޮށް މިދިޔަ އަހަރު ނިމުމަކަށް އައި އިރު، 15 އަހަރުގެ ދަރިއަކު ވެސް އެބަ ހުއްޓެވެ.
އަރުޖުންއަކީ އެކްޓަރު އަނިލް ކަޕޫރުގެ ބޭބެ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ހަތަރު ކުދިންގެ ތެރޭގައި ހުރި ހަމައެކަނި ފިރިހެން ދަރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy