ވަރުން ބައްޕަ ޑޭވިޑްއާ އެކު އައިއެފްއެފްގައި.
27 ނޮވެމްބަރ 2018 - 07:02
އާމިރު ހާނު ވެސް މުހިއްމު ރޯލެއް ކުޅެ، އޭނާގެ އަންހެނުން ކިރަން ރާއޯ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމު "ދޯބީ ގާތު" އަށް އޮޑިޝަން ހެދި ކަމަށާއި އެކަމަކު ފިލްމުން ފުރުސަތު ލިބޭ ގޮތް ނުވި ކަމަށް ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރުން ދަވަން ބުނެފި އެވެ.
"ދޯބީ ގާތު" އަކީ 2011 ގައި ރިލީޒް ކުރި ފިލްމެކެވެ. އެ ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނީ އާމިރުގެ އިތުރުން ޕްރަތީކް ބައްބަރު، މޮނިކާ ޑޮގްރާ އަދި ކިރިތީ މަލްއުތުރާ އެވެ. މިއީ ކްރިޓިކުންގެ ލޯބި ހޯދި ފިލްމަކަށް ވިޔަސް، ބެލުންތެރިންނަށް ކަމަކުނުދިޔަ އެވެ. އެހެންވެ ވިޔަފާރީގެ ގޮތުން "ދޯބީ ގާތު" އަކީ ބޮޑު ފްލޮޕެކެވެ.
ގޯއާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި) ގައި ވާހަކަދައްކަމުން ވަރުން ބުނީ "ދޯބީ ގާތު" ގެ އޮޑިޝަނުން ފެއިލްވިޔަސް ހިތްވަރު ދޫކޮށް ނުލާ ކަމަށެވެ.
ވަރުން އައިއެފްއެފްއައިގައި.
"އޮޑިޝަނުން އަހަރެން ވަގުތުން ރިޖެކްޓްކޮށްލީ،" އޭގެ އެއް އަހަރު ފަހުން 2012 ގައި ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ބުންޏެވެ.
"ދޯބީ ގާތު" އަށް އޮޑިޝަން ހެދި ވާހަކަ ވަރުން، 31، ހިއްސާ ކުރުމުން ފެސްޓިވަލްގައި ބައިވެރިވާ އޭނާގެ ބައްޕަ އަދި މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ވަނީ ދަރިފުޅުގެ އެ ހޮވުމަށް ފާޑު ވެސް ކިޔައިފަ އެވެ. އޭނާ ބުނި ގޮތުގައި "ދޯބީ ގާތު" ކަހަލަ ފިލްމެއްގެ އޮޑިޝަނަށް ދާނީ މޮޔައެކެވެ.
"އެކަހަލަ ފިލްމަކުންނެއް ނޫން ވަރުން ކެރިއާ ފަށައި ގަންނަން ވާނީ. ނަސީބެއް އެ ފިލްމުގެ އޮޑިޝަނުން ރިޖެކްޓްކޮށްލިކަން،" ސަމާސާއަކަށް ހަދާފައި ޑޭވިޑް ބުންޏެވެ.
އައިއެފްއެފްއައިގައި ވަރުން ބައިވެރި ވަނީ މި އަހަރު ރިލީޒް ކުރި އޭނާގެ ފިލްމު "އޮކްޓޯބާ" ޕްރިމިއާ ކުރާތީ އެވެ.
ވަރުންގެ ކުރިއަށް ހުރި ފިލްމުތަކަކީ "ކަލަންކް" އާއި ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމެއްގެ އިތުރުން ޝަޝަންކް ކައިތާން ހަދާ ސަސްޕެންސު ތުރިލާއެކެވެ.
ސެޕްޓެމްބަރު މަހު ރިލީޒް ކުރި ވަރުންގެ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy