ދިނޭޝް ވިޖަން: މި މަހުގެ 14 ގައި ކައިވެނި ކުރާނެ.
01 ޑިސެމްބަރ 2018 - 09:05
ބޮލީވުޑަށް މިހާރު މިއޮތީ ކައިވެނީގެ މޫސުމެއް އައިސްފަ އެވެ. ފުލުފުލުގައި އަންނަނީ މަޝްހޫރު މީސްމީހުންގެ ކައިވެނިތައް ކުރަމުންނެވެ. ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގްގެ ބޮޑު ކައިވެންޏަށް ފަހު ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލޯބިވެރިކާ ނިކް ޖޯނަސް ވެސް މި މަހު ދެމަފިރިންނަށް ބަދަލުވެގެން ދާނެ އެވެ.
ކުރިއަށް އޮތް ބޮޑު ކައިވެނީގެ ތެރޭގައި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ ކައިވެނި ވެސް ހިމެނެ އެވެ. އޭނާ ކައިވެނި ކުރަނީ މި މަހު 12 ވަނަ ދުވަހު އެވެ.
އަނެއްކޮޅުން މި މަހުގެ 14 އަކީ ވެސް ހާއްސަ ދުވަހަކަށް ވާނެ އެވެ. އެއީ ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު ދިނޭޝް ވިޖަން ވެސް ކައިވެނި ކުރާތީ އެވެ.
"ސްތުރީ" އާއި "ހިންދީ މީޑިއަމް" އަދި "ކޮކްޓެއިލް" ފަދަ ކާމިޔާބު އެތައް ފިލްމެއް ހެދި ދިނޭޝް ވިޖަން ކައިވެނި ކުރަނީ ޕްރަމީތާ ތަންވަރު ކިޔާ މީހަކާ އެވެ. އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ ކުރިއަށް ގެންދާނީ ދެ ފަރާތުގެ އާއިލާ އާއި ވަރަށް ގާތް ރަހުމަތްތެރިންނަށް ދައުވަތު ދީގެންނެވެ.
ނަމަވެސް ކައިވެނީގެ ހަފުލާ އަށް ފަހު، ބޮލީވުޑްގެ ގިނަ ފަންނާނުންނަށް ދައުވަތު ދީގެން ހާއްސަ ރިސެޕްޝަނެއް ކައިވެނި ކުރާ ހަފުތާގެ ތެރޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ހަފުލާގައި ބައިވެރިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލު، ރާޖްކުމާރު ރާއޯ އޭނާގެ ލޯބިވެރިޔާ އަދި ބަތަލާ ޕަޓްރަލޭކާ، ސުޝާންތު ސިންގް ރާޖްޕޫތު، ކިރިތީ ސެނަން އަދި ކާތިކް އާރިޔަން ފަދަ ޒުވާން ތަރިން ހިމެނެ އެވެ.
ދިނޭޝް "ސްތުރީ" ގެ ޑައިރެކްޓަރު އަމަރު ކޯޝިކްއާ އެކު.
މެޑޮކް ފިލްމްސްގެ ނަމުގައި ފިލްމު ކުންފުންޏެއް ވެސް ހިންގަމުން އަންނަ ދިނޭޝްއަކީ މިހާރު ހަމައެކަނި ފިލްމު ޕްރޮޑިއުސަރެއް ނޫނެވެ. އޭނާއަކީ ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނާގެ އަލަތު ޑައިރެކްޝަނަކީ މިދިޔަ އަހަރު ރިލީޒް ކުރި "ރާބުތާ" އެވެ.
ދިނޭޝް ޕްރޮޑިއުސްކޮށް ގެނެސް ދޭން ހުރި ފިލްމުތަކުގެ ތެރޭގައި "އަރުޖުން ޕަޓިއާލާ"، "މޭޑް އިން ޗައިނާ"، "ލުއްކާ ޗުއްޕީ" އަދި "ގޯ ގޯއާ ގޯން" ގެ ދެވަނަ ބައި ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy