ޕްރިންސް: އޭނާ މަރުވީ 2016 ގައި އޯވަޑޯޒްވެގެން.
05 ޑިސެމްބަރ 2018 - 07:33
ދެހާސް ސޯޅައިގައި މަރުވި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕްރިންސްގެ މިއުޒިކް ބޭނުންކޮށްގެން، އޭނާގެ ޝައުގުވެރި މިއުޒިކަށް ހާއްސަ ފިލްމެއް ހަދަން ޔުނިވާސަލް ޕިކްޗާޒް އިން ނިންމައިފި އެވެ.
ވެރައިޓީން ބުނި ގޮތުގައި ޔުނިވާސަލް އިން ވަނީ މި ފިލްމު ހެދުމުގެ ރައިޓްސް ވެސް މިހާރު ހޯދައިފަ އެވެ. މިއީ ޕްރިންސްއާ ބެހޭ ފިލްމެއް ނަމަވެސް ބައޮގްރަފިކަލް ޑްރާމާއެއް ނޫނެވެ.
ފިލްމު ޔުނިވާސަލް އިން ހަދަން ބޭނުން ވަނީ ޕްރިންސްގެ ކްލަސިކް ލަވަތައް ބޭނުންކޮށްގެން، އެހެން އެންގެލަކުން އޮރިޖިނަލް ކޮންޓެންޓަކާ އެކުގަ އެވެ. އެހެންވެ މީގެ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ފިލްމު ގެނެސް ދޭނީ ޔުނިވާސަލްގެ މަޝްހޫރު ފިލްމު "މަމާ މިއާ!" (2008) ކަހަލަ މިއުޒިކުން ވާހަކަ ކުރިއަށް ގެންދާ ކަހަލަ ފިލްމެއްގެ ގޮތުގައި ކަމަށްވެ އެވެ.
މީގެ ކުރިން ވަނީ ފިލްމެއްގައި ޕްރިންސްގެ ވާހަކަ ކިޔައި ދީފަ އެވެ. އެއީ ޕްރިންސް ފެނިގެން ދިޔަ 1984 ގެ "ޕާޕަލް ރެއިން" އެވެ. އެލްބަޓް މެގްނޯލީ ޑައިރެކްޓް ކުރި އެ ފިލްމަކީ ބެސްޓް އޮރިޖަނަލް ސްކޯގެ އޮސްކާ އެވޯޑް ވެސް ހޯދި ފިލްމެކެވެ.
ވެރެއިޓީން ބުނީ ޔުނިވާސަލް އިން ހަދާ ޕްރިންސްގެ ފިލްމުގެ ސްކްރީންޕްލޭ ލިޔާނެ މީހަކާއި ޑައިރެކްޓް ކުރާނެ މީހަކު ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މިއުޒިކް އިންޑަސްޓްރީގެ ޝަރަފުވެރި އެވޯޑްތައް ކަމަށްވާ ގްރެމީ އާއި އެމެރިކަން މިއުޒިކް އެވޯޑްސް ވެސް ހާސިލުކޮށްފައިވާ ޕްރިންސް، 58، އެޕްރީލް، 21، 2016 ގައި މަރުވީ ފެންޓަނީލް އަށް އޯވަޑޯޒްވެގެންނެވެ. އޭނާގެ ކެރިއަރުގައި 39 އަލްބަމް ނެރެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy