ފިލްމު އެސޯސިއޭޝަންގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާ އިންތިހާބު މި މަހު 27 ގައި ބާއްވަން ނިންމައި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.


އެމްއެފްއޭގެ އިންތިހާބު މި ބާއްވާނީ އެންމެ ފަހުން އިންތިހާބު ކުރި އެކްސްކޯގެ ދައުރު ހަމަވުމާ ގުޅިގެން، އާ އެކްސްކޯއެއް އިންތިހާބު ކުރަން އާންމު ޖައްސާއަކުން މީގެ މަހެއްހާ ދުވަސް ކުރިން ފަސް މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރުމަށް ފަހު އެވެ.

އެ ކޮމިޓީގައި ހިމެނެނީ ފިލްމީ ތަރި މުހައްމަދު ރަޝީދު (ދަރާ) އާއި މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އާއި އިބްރާހީމް ރަޝީދު (ބުރޯ) އާއި ނިޝާން އަދި ކަޅުއޮށް ނަސީރެވެ.

ބުރޯ ބުނީ އެމްއެފްއޭގެ އެކްސްކޯ އަށް ހަތް މެމްބަރުންގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ މެމްބަރުންނަށް އެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. މިކަމަށް އެދޭ ފޯމް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން އައްޔަން ކުރި ފަސް މެމްބަރުންގެ އަތުން ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެމްއެފްއޭގެ އެކްސްކޯ އަށް އިންތިހާބު ކުރާނީ ޗެއާ، ވައިސް ޗެއާ، ހަޒާންދާރު ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ތިން މެމްބަރުންނެވެ.

އެންމެ ފަހުން އިންތިހާބު ކުރި އެމްއެފްއޭގެ ޗެއާއަކީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމީޑިއަން މުހައްމަދު (މުހައްމާ) އަބްދުﷲ އެވެ. ވައިސް ޗެއާއަކީ އެކްޓަރު އަބުދުﷲ (މުއާ) މުއާޒެވެ.

އެކްސްކޯގައި ދެން ހިމެނުނީ ހުސައިން (ނޫރު) ނޫރައްދީ އާއި އެކްޓަރު މުހައްމަދު މަނިކާއި ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި އެކްޓަރު އަބްދުﷲ މާހިރު (މައްޓޭ) ގެ އިތުރުން އެކްޓަރު އިބްރާހީމް ރިޔާސް އެވެ.

މުއާ ވައިސް ޗެއާއަކަށް އިންތިހާބުވީ އެ މަގާމުގައި ކުރިން ހުރި މަޝްހޫރު ބަތަލާ ނިއުލާ މުހައްމަދަށް ވަގުތު ދެވެން ނެތިގެން އިސްތިއުފާ ދިނުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބައި އިލެކްޝަނަށް ހުޅުވައިލުމުން މުއާ އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ވާދަކުރުމަށް ފަހު، ފަހުން ނަހުލާ އަނބުރާ ނަން ނެގުމުން އިންތީހަބާ ނުލަ އެވެ.

ފިލްމީ ދާއިރާ ތަރައްގީކޮށް ކުރިއެރުމުގެ މަގުސަދުގައި އުފައްދާފައިވާ އެމްއެފްއޭގެ އެންމެ ފަހުގެ ދައުރުގެ ތެރޭގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވި، އެސޯސިއޭޝަން ނުހިނގާތީ މެމްބަރުންތަކެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.

ބުރޯ ބުނީ އަލަށް އިންތިހާބު ކުރެވޭ އެކްސްކޯއާ އެކު އެމްއެފްއޭގެ މަސައްކަތްތައް ކުރިއަށް ވުރެ ބޮޑަށް ހިނގައިގަންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ