އަނިލް: އޭނާއަކީ އަބަދު ވެސް ވަރަށް ފިޓްކޮށް ހުންނަ އެކްޓަރެއް.
13 ޑިސެމްބަރ 2018 - 07:38
ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އަނިލް ކަޕޫރަކީ އުމުރުން ކިތަންމެ ދުވަސް ވިޔަސް އެންމެ ފިޓްކޮށް، އެންމެ ޒުވާންކޮށް ހުންނަ އެއް އެކްޓަރެވެ. ގިނަ ބަޔަކު އޭނާ ސިފަ ކުރަނީ ވެސް މުސްކުޅިވުމެއް ނެތް މީހެއްގެ ގޮތުގަ އެވެ.
ފިޓްނެސް އާއި ކެއުމަށް ވެސް ވަރަށް ބޮޑަށް ބަލައިގެން އުޅޭ 61 އަހަރުގެ އެކްޓަރަށް މިހާރު ޖެހިފައި ވަނީ އޭނާގެ "ލީން ލުކް" ދޫކޮށްލައި ތަންކޮޅެއް ބޮޑަށް ފަލަވެލާށެވެ. މިއީ ކަރަން ޖޯހަރުގެ ފިލްމު "ތަހުތު" ގައި ކުޅެން ޖެހޭ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަމެކެވެ.
މުގާލް ރަސްކަމުގެ ޒަމާނުގެ ވާހަކައެއް ކިޔައިދޭ ފިލްމުގައި އަނިލް ފެނިގެން ދާނީ ތާޖް މަހަލް ބިނާ ކުރި ޝާހް ޖަހާންގެ ރޯލުންނެވެ. ޑީއެންއޭ އިން ބުނި ގޮތުގައި "ތަހުތު" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ކަރަން މިހާރު ވަމުން އަންނަ އިރު، ފަލަވުމަށްޓަކައި އަނިލްގެ ޑައެޓަށް ފެށޭ އަހަރުގެ ކުރީކޮޅު ބޮޑު ބަދަލެއް ގެނެސް، ކަރަން ބޭނުންވާ ބައްޓަމަށް އޭނާ ބަދަލު ވާނެ އެވެ.
"ތަހުތު" ގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަނިލް އަށް ބޮޑުބޭބެ ކިިޔާ ޖާންވީ ކަޕޫރާއި ރަންވީރު ސިންގް އާއި ކަރީނާ ކަޕޫރާއި ވިކީ ކޯޝަލް އާއި އާލިއާ ބަޓްގެ އިތުރުން ބޫމީ ޕެޑްނޭކަރް އެވެ.
އަނިލް ކަސްރަތު ކުރުމުގައި.
ކަރަން ޑައިރެކްޓް ކުރާ ފުރަތަމަ ތާރީހީ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ 2020 ގަ އެވެ. އަދި މި ފިލްމުވެގެން ދާނީ ކަރަންގެ ފިލްމެއްގައި އަނިލް މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ.
އޭނާ މިހާރު އަންނަނީ އަނީސް ބަޒްމީ ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އަށް ތައްޔާރުވަމުންނެވެ.
މިދިޔަ އޮގަސްޓް މަހު ރިލީޒް ކުރި "ފަނޭ ހާން" ގެ އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ފެބުރުއަރީ 1 ގައި ރިލީޒް ކުރާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އިންނެވެ. މި ފިލްމުން ފުރަތަމަ ފަހަރަށް އަނިލް، ދަރިފުޅު ސޯނަމް ކަޕޫރާ އެކު ބޮޑު ސްކްރީނުން ފެނިގެން ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy