ކަޕިލް އަލަތު އަނބިމީހާ ގިއްނީއާ އާ އެކު ކައިވެނީގެ ހެދުމުގައި.
14 ޑިސެމްބަރ 2018 - 10:06
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާ ކައިވެނިކޮށްފި އެވެ.
ކަޕިލް އޭނާގެ ޒަމާންވީ ލޯބިވެރިޔާ ގިއްނީ ޗަތުރަތުއާ ކައިވެނި ކުރީ ބުދަ ދުވަހު ޕަންޖާބުގެ އަމްރިތުސާރުގައި ބޭއްވި ކުލަ ގަދަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މީހުންގެ އިތުރަށް ކަޕިލްގެ ވަރަށް ގާތް ރައްޓެހިންނެވެ.
އޭގެ ތެރޭގައި ކަޕިލްއާ އެކު މަސައްކަތްކޮށްފައިވާ މަޝްހޫރު ބައެއް ކޮމީޑިއަނުން ވެސް ހިމެނެ އެވެ. އެގޮތުން އަބީޝެކް ކުރުޝްނާ، ބާރުތީ ސިންގް، ސުމޯނާ ޗަކްރަވަތީ އަދި ރަޖީވް ތާކޫރު ހިމެނެ އެވެ. ކަޕިލްގެ ކައިވެންޏާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާ އަށް ތަހުނިޔާ ކިޔަމުންނެވެ.
ކަޕިލް ބުނިގޮތުގައި އޭނާގެ ކައިވެނީގެ ހަފުލާ އެހާ ކުލަގަދަކޮށް އަމްރިތުސާގައި ބާއްވަން ބޭނުންވީ ދެ ފަރާތުގެ އާއިލާގެ މީހުން އެކަމަށް ވަރަށް ބޮޑަށް ބޭނުންވާތީ އެވެ. ވަކިން ހާއްސަކޮށް ގިއްނީއަކީ އޭނާގެ މައިންބަފައިންގެ ހަމައެކަނި އަންހެން ދަރިއަށްވާތީ، އެ އާއިލާ އިން ކައިވެނީގެ ހަފުލާ ބޮޑުކޮށް ބާއްވަން ބޭނުންވީ ކަމަށް ބުންޏެވެ.
ކަޕިލްގެ ކައިވެނީގެ ހަފުލާގައި ބައިވެރިވި ގާތް ބައެއް މީހުން.
ކައިވެނީގެ ހަފުލާ ބުދަ ދުވަހު ބޭއްވުމަށް ފަހު މިއަދު އަމްރިތުސާގައި ހާއްސަ ރިސެޕްޝަނެއް ބޭއްވުމަށް ފަހު، ކަޕިލްގެ ބޮލީވުޑާއި ޓީވީ އިންޑަސްޓްރީގެ އެކުވެރިންނަށް ހާއްސަކޮށްގެން މި މަހުގެ 24 ވަނަ ދުވަހު މުމްބާއީގައި ހާއްސަ ހަފުލާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ.
ކަޕިލް ކައިވެނި ކުރި އިރު، އޭނާގެ މަގުބޫލު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަހަރު ދުވަހަށް ވުރެ ދިގު މެދުކެނޑުމަކަށް ފަހު، އާ ސީޒަނަކާ އެކު މި މަހުގެ 23 ގައި ސޮނީން ދައްކަން ފަށާނެ އެވެ. ޝޯގެ ޕްރޮމޯ ވެސް އެ ޗެނެލުން މިހާރު އަންނަނީ ދައްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy