ބުލްބުލް ކޭން ސިންގް" ގެ ޕޯސްޓަރެއް.
24 ޑިސެމްބަރ 2018 - 07:14
ރަންވީރު ސިންގާއި އާލިއާ ބަޓް ލީޑް ރޯލަށް ލައިގެން ޒޯޔާ އަހްތަރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ގަލީ ބޯއި" އަންނަ ފެބުރުއަރީ މަހު ބާއްވާ 69 ވަނަ ބާލިން އިންޓަނެޝަނަލް ފެސްޓިވަލް (ބީއައިއެފް) ގައި ދައްކައިލަން ފުރުސަތު ހޯދާފައި ވަނިކޮށް އިންޑިއާގެ އެހެން ފިލްމަކަށް ވެސް އެ ފެސްޓިވަލުން ފުރުސަތު ލިބިއްޖެ އެވެ.
ފެބްރުއަރީ މަހުގެ 7-17 އަށް ކުރިއަށް ގެންދާ ބީއައިއެފުން ފުރުސަތު ލިބިފައި ވަނީ އައްސާމީ ބަހުން އުފައްދާފައިވާ ފިލްމު "ބުލްބުލް ކޭން ސިންގް" އެވެ.
މި ފިލްމަކީ އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑްސްގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން މި އަހަރު ފޮނުވި ފިލްމު "ވިލެޖް ރޮކްސްޓާޒް" ގެ ޑައިރެކްޓަރު ރީމާ ދާސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އެ ފިލްމު ވަނީ އެ ކެޓަގަރީ އަށް ޝޯޓްލިސްޓް ކުރި ފިލްމުތަކުގައި ވެސް ލައްވައި ނުލައި ކަޓައިގެން ގޮސްފަ އެވެ.
"ބުލްބުލް ކޭން ސިންގް" ގެ ޕޯސްޓަރެއް.
އައްސާމްގައި ދިރިއުޅޭ ފުރާވަރު އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ "ބުލްބުލް ކޭން ސިންގް" އަކީ މި އަހަރުގެ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) އާއި ބުސާން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގެ އިތުރުން ސިންގަޕޫރް އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (އެސްޖީއައިއެފްއެފް) ގައި ވެސް ޕްރިމިއާކޮށްފައިވާ ފިލްމެކެވެ.
މި ފިލްމު ބީއައިއެފްގައި ދައްކައިލަން ހަމަޖެހިފައި ވަނީ ޖެނެރޭޝަން 14 ޕްލަސް ކެޓަގަރީގަ އެވެ.
ރީމާ ބުނީ އެ ފެސްޓިވަލުން އޭނާގެ ފިލްމަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ވިލެޖް ރޮކްސްޓާޒްއަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެއް. އެހެންވެ އިތުރު ފިލްމެއް ގެނެސް ދޭން އަހަރެން ކުރި މަސައްކަތަކީ ޕްރެޝަރު ބޮޑު އަދި ގިނަ ބައެއްގެ އުންމީދާ ގުޅިފައި އޮންނާނެ އެއްޗެއްކަން އެނގޭތީ ބުލްބުލް ކޭން ސިންގްއަކީ އަނެއްކާ ވެސް ހަމަ ވަރަށް އާދަޔާހިލާފު ތަޖުރިބާއެއް،" އޭނާ ބުންޏެވެ.
ޕީރިއަޑް" މި ފިލްމު ވަނީ އޮސްކާގެ ޝޯޓް ޑޮކިއުމަންޓްރީ އަށް ޝޯޓްލިސްޓްވެފައި.
"ވިލެޖްރޮކްސްޓާޒް" އޮސްކާގެ ފޮރިން ލެންގްއޭޖް ކެޓަގަރީގައި އަށް ހުށަހަޅައިގެން ލައްވައި ނުލި ނަމަވެސް އޮސްކާގެ ޝޯޓް ޑޮކިއުމަންޓްރީގެ ކެޓަގަރީ އަށް ޝޯޓްލިސްޓް ކުރި 9 ފިލްމުގެ ތެރޭގައި އިންޑިއާގެ "ޕީރިއަޑް. އެންޑް އޮފް ސެންޓެންސް" ހިމެނެ އެވެ.
އިރާން ދަރިކޮޅުގެ އެމެރިކާގެ ޑައިރެކްޓަރު ރޭކާ ޒެހްތަބްޗީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ ރަށްފުށުގެ އަންހެނުންގެ މައްސަރުގެ މައްސަލަތަކަށް ހައްލެއް ހޯދައި ދޭން ސެނިޓަރީ ނެފްކިން ފޯރުކޮށް ދޭން ކުރާ މަސައްކަތް ދައްކުވައިދޭ 26 މިނިޓްގެ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy