ލޫކަސް: އޭނާގެ "ގާލް" ހޮލީވުޑް ރިމެކް ވެސް ޑައިރެކްޓް ކުރާނެ.
27 ޑިސެމްބަރ 2018 - 08:17
އަންނަ އަހަރު ރިލީޒްވާން ހުރި ހޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީ ފިލްމަކީ ޖޯޑަން ޕީލްގެ ބިރުވެރި ފިލްމު "އަސް" އެވެ.
މިއީ މި އަހަރުގެ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ގެންދިޔަ ބިރުވެރި ފިލްމު "ގެޓްއައުޓް" އަށް ފަހު ޖޯޑަން ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ. ފިލްމުގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. ވަރަށް ބިރުވެރިވާނެހެން ހީވެ އެވެ.
Here we go.#WatchYourself#UsMovie@UsMovie pic.twitter.com/rWev0UjgEv
— Jordan Peele (@JordanPeele) December 25, 2018
އަންނަ މާޗް މަހުގެ 15 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ކާސްޓުންނަކީ އެލިޒަބަތު މޮސް، ލުޕިޓާ ނިއޮންގޯ، ވިންސްޓަން ޑޫކް އަދި ޓިމް ހެއިޑެކާ އެވެ.
ދެހާސް ވިހީގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމު "ވޮންޑަ ވުމަން" ގެ ދެވަނަ ބައި "ވޮންޑަ ވުމަން 1984" ގެ ޝޫޓިން ނިންމާލައިފި އެވެ.
ފިލްމުގެ ޝޫޓިން ނިންމައިލުމަށް ފަހު، ފިލްމުގެ ޓައިޓްލް ރޯލް ކުޅޭ ބަތަލާ ގަލް ގެޑޯ ވަނީ ޝޫޓިންގެ ތަޖުރިބާތައް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި މި ފިލްމުގެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ހިތްހަމަޖެހޭ ގޮތަށެވެ. އަދި ކްރޫގައި މި ފަހަރު 1،000 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރި ކަމަށާއި "ވޮންޑަ ވުމަން 1984" ގެ ޝޫޓިން ނިންމައިލި އިރު، އިހުސާސް ކުރެވުނީ މީގެ ފުރަތަމަ ބަޔަށް ވެސް ކުރި ހިތްވަރު ކަމަށް ގަލް ބުންޏެވެ.
ގަލްގެ އިންސްޓަގްރާމް ޕޯސްޓް.
ޕެޓީ ޖެންޖިންސް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޝޫޓިން މި ފަހަރު ތިން ގައުމެއްގެ ހަތަރު ލޮކޭޝަނެއްގައި ކުރިއަށް ގެންދިޔަ އެވެ.
"ވޮންޑަ ވުމަން 1984" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން، 5، 2020 ގަ އެވެ.
އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭ އެނިމޭޓެޑް ފިލްމު "އެންގްރީ ބާޑްސް 2" އަށް އަޑު އަޅައިދޭ ފަންނާނުންގެ ލިސްޓަށް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ވެސް އިތުރުވެއްޖެ އެވެ.
.@NICKIMINAJ joins the "Angry Birds Movie 2" voice cast (EXCLUSIVE) https://t.co/NcWXDaiS9m
— Variety (@Variety) December 25, 2018
ތުރުޕް ވެން އޯމަން ޑައިރެކްޓް ކުރާ ފިލްމަށް އަޑު އަޅައިދޭ ފަންނާނުންގެ ތެރޭގައި ބޮލް ހޭޑާ، ޖޭސަން ސުޑެއިކިޒް، ޖޯޝް ގެޑް، ޑެނީ މެކްބްރައިޑް، ޕީޓާ ޑިންކްލޭޖް ހިމެނެ އެވެ. މި ފަންނާނުން ވަނީ 2016 ގައި ރިލީޒް ކުރި "އެންގްރީ ބާޑްސް" އަށް ވެސް އަޑު އަޅައި ދީފަ އެވެ.
ސޮނީ ޕިކްޗާޒްގެ "އެންގްރީ ބާޑްސް 2" ސިނަމާތަކަށް އަންނާނީ އޮގަސްޓް، 16، 2019 ގަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އެ ތާރީހަކީ "އެންގްރީ ބާޑްސް" ގޭމް ވުޖޫދަށް އައިތާ 10 އަހަރު ފުރޭ ދުވަސް ވެސް ކަމެވެ.
އަންނަ އަހަރު ބާއްވާ 76 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ބެލްޖިއަމުން ހުށަހަޅައި ނޮމިނޭޓްވި ފިލްމު ފިލްމު "ގާލް" ގެ ހޮލީވުޑް ރިމެކެއް ހަދަން ނިންމައި އޭގެ ޑައިރެކްޓަރަކަށް އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓް ކުރި ލޫކަސް ދޯންތު ހަމަޖައްސައިފި އެވެ.
މި ފިލްމުވެގެން ދާނީ 27 އަހަރުގެ ޑައިރެކްޓަރު އެމެރިކާގެ ސްޓޫޑިއަކާ އެކު މަސައްކަތް ކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ. "ގާލް" ހޮލީވުޑްގެ ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މި ފިލްމުގައި ކިޔައި ދެނީ ބެލެރީނާއަކަށްވާން މަސައްކަތް ކުރާ ޓްރާންސްޖެންޑާ އަންހެން ކުއްޖެއްގެ ވާހަކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy