ރަހްމާން: "ދަ ވޮއިސް އިންޑިއާ" ގެ އާ ސީޒަނުގެ ޖަޖުންގެ ޕެނެލުން ފެންނާނެ ކަމަށް ބެލެވޭ.
03 ޖެނުއަރީ 2019 - 08:06
އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިޝަން އޭއާރް ރަހުމާން އިންޑިއާގެ ޓީވީ ޝޯއެއްގެ ޖަޖެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ނޫސްތަކުން ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެންޑް ޓީވީން ގެނެސް ދިން "ދަ ވޮއިސް" ގެ އިންޑިއާ ވާޝަނުގެ ތިން ވަނަ ސީޒަން ގެނެސްދޭން ސްޓާ ޕްލަސް އިން މިހާރު ތައްޔާރުވަމުން އަންނަ އިރު، ޝޯގެ ޖަޖެއްގެ ގޮތުގައި ބައިވެރިވުމަށް ރަހުމާނަށް ވަނީ ހުށަހަޅައިފަ އެވެ.
އެކަމަކު އާންމުކޮށް އެމެރިކާގައި މިހާރު އުޅޭ މިއުޒިޝަން ޝޯ އިން ފެންނާނެކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. މި އަހަރު ކުރީކޮޅު "ދަ ވޮއިސް އިންޑިއާ" ގެ ތިން ވަނަ ސީޒަން ފެށުމަށް ސްޓާ ޕްލަސް އިން އަންނަނީ ތައްޔާރުވަމުންނެވެ.
މި ޝޯގެ ފުރަތަމަ ދެ ސީޒަން އެންޑް ޓީވީން ގެނެސް ދިން އިރު 2015 ގެ ސީޒަންގެ ޖަޖުންނަކީ ހިމޭޝް ޜޭޝަމިއާ، ޝާން، ސުނީދީ ޗޯހަން އަދި މިކާ ސިންގެވެ. ދެހާސް ސޯޅައިގައި ގެނެސް ދިން ދެވަނަ ސީޒަނުގެ ޖަޖުންނަކީ ސާލިމް މާޗަންޓް، ނީތީ މޯހަން، ބެނީ ދަޔާލް އަދި ޝާން އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ތިން ވަނަ ސީޒަނުގައި ރަހުމާނާ އެކު، ޖަޖުންގެ ގޮތުގައި ފެންނާނެ ފަންނާނުންގެ ތެރޭގައި ސޮނީ ޓީވީން ދާދި ފަހުން ނިންމައިލި އިންޑިއަން އައިޑޮލް 10 ގެ ޖަޖުންގެ ތެރޭގައި ހިމެނުނު ވިޝާލް ދަދްލާނީ އާއި މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރް ހިމެނެ އެވެ.
ރަހުމާނަކީ އިންޑިއާގެ އެތައް ފިލްމަކަށް މަގުބޫލު އެތައް ލަވައެއް ހަދައި ދީފައިވާ ފަންނާނެކެވެ. މިއުޒިކް ޑައިރެކްޓަރެއްގެ އިތުރުން އޭނާއަކީ އެހާމަ ކުޅަދާނަ ލަވަކިޔުންތެރިއެއް ވެސް މެ އެވެ.
"ދަ ވޮއިސް އިންޑިއާ" އަކީ ނެދަލެންޑްސްގެ މަޝްހޫރު ޝޯ "ދަ ވޮއިސް" ގެ އިންޑިއަން ވާޝަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy