ނިއުމާގެ ސަޕްރައިޒަކާ އެކު "ނިވައިރޯޅި" ގެ ޕްރިމިއާ މިރޭ

ބަތަލާ ނިއުމާ މުހައްމަދުގެ ސަޕްރައިޒަކާ އެކު އޭނާގެ ވަދާއީ ފިލްމު "ނިވައިރޯޅި" މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރާނެ އެވެ.


އަހަރުގެ ފުރަތަމަ ފިލްމު ކުލަގަދަ ރެޑް ކާޕެޓް އިވެންޓަކާ އެކު ބާއްވާ އިރު، ނިއުމާ ބުނީ އޭނާ ހުރީ ފިލްމާ ދޭތެރޭ ވަރަށް އުފަލުން ކަމަށެވެ. ދިވެހި ސިނަމާ އަށް މުޅިން އާ ކޮންސެޕްޓެއް ގެނެސް ދޭނެ "ނިވައިރޯޅި" އަކީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ނިއުމާ ބުނީ 2 ގަޑިއިރާއި 7 މިނިޓްގެ ފިލްމު ޕްރިމިއާކުރާއިރު ހުރިހާ މަސައްކަތެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

"އަހަރެންގެ ފަހު ފިލްމަށްވާތީ ވަރަށް ވެސް ރީތި އަދި ފުރިހަމަ ފިލްމަކަށް ނިވައިރޯޅި ހަދަން ވަރަށް މަސައްކަތްކޮށްފައި ހުންނާނެ،" ބޮޑު ކާސްޓެއް ހިމެނޭ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "އަހަރެން އުންމީދުކުރަން ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް."

މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. އިނގުރައިދު އާއި މާލޭގަ އެވެ. އަދި ފިލްމުގެ ލަވައެއްގެ މަންޒަރު ރާއްޖޭން ބޭރުގައި ނަގާފައިވެ އެވެ.

"ނިވައިރޯޅި" މިރޭ އަޅުވާ އިރު، ފިލްމުގެ ޓިކެޓް ވަރަށް ބާރު ސްޕީޑެއްގައި ވިކެމުން އަންނަ ކަމަށް ވެސް ނިއުމާ ބުންޏެވެ. މި ފިލްމުގެ 10 ޝޯ އޮލިމްޕަހުގައި ދައްކަން ވަނީ ނިންމައިފަ އެވެ.

"އެކަމަކު ފިލްމަށް ތަރުހީބު ލިބޭ ވަރަކުން ޝޯތައް އިތުރު ވެސް ކުރާނަން. މި މަހުގެ ނިޔަލަށް އޮލިމްޕަސް ނަގާފައި އޮންނާނީ،" ނިއުމާ ބުންޏެވެ. "އަދި އަހަރެމެން ވަރަށް އެބަ މަސައްކަތް ކުރަން ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް ފިލްމު ދެއްކޭނެ ގޮތެއް ހަމަޖެހޭތޯ."

"ނިވައިރޯޅި" ގެ ޓްރެއިލާއެއް.

"ނިވައިރޯޅި" މި މަހާއި އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށާއި ރިސޯޓްތަކުގައި ވެސް ދައްކަން ހަމަޖެހިފައިވާ އިރު، މި މަހުގެ 5 ވަނަ ދުވަހު ކުލަގަދަ ޕްރިމިއާއަކާ އެކު ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ވެސް ފިލްމު އަޅުވާނެ އެވެ.

ގިނަ ފިލްމުތަކެއް މި އަހަރު ރިލީޒް ވާނެ ކަމަށް ބެލެވޭ އިރު "ނިވައިރޯޅި" ގެ ފަހުން ދެން އޮލިމްޕަސް ސްކްރީނަށް އަންނާނީ އަންނަ މަހުގެ 4 ގައި އަޅުވާ ކްރައިމް ތުރިލާ "ގޮށްރާޅު" އާއި އަންނަ މަހުގެ 27 ގައި އަޅުވާ ހޮރޯ ކޮމެޑީ "40+" އެވެ.