ރަަންވީރާއި ދީޕިކާ.
06 ޖެނުއަރީ 2019 - 08:02
އަންހެނުން އަދި ކުޅަދާނަ ބަތަލާ ދީޕިކާ ޕަދްކޯންއާ އެކު އަލުން ފިލްމެއްގެ މަސައްކަތް ކުރަން ކެތްމަދުވެފައިވާ ކަމަށާއި އެކަމަކު އެކަހަލަ ފިލްމެއް މި ވަގުތު ނެތް ކަމަށް ރަންވީރު ސިންގް ބުނެފި އެވެ.
އޭނާ ބުނީ މި އަހަރަކީ އަނެއްކާ ވެސް ވަރަށް ބުރަ އަހަރަކަށް ވާނެ ކަމަށާއި އެކަމަކު ދީޕިއާ އެކު ފިލްމެއް ކުޅެން ވަރުގަދަ ސްކްރިޕްޓެއް ލިބިއްޖެ ނަމަ އެއަށް އެއްބަސް ވާނެ ކަމަށެވެ.
"އަހަރެން މިހުރީ ހަމަ ވަރަށް ކެތްމަދުވެފައި ދީޕިކާއާ އެކު ފިލްމެއްގެ މަސައްކަތް އަލުން ކުރަން. އެކަމަކު މި ދަނޑިވަޅުގައި އެކަން ވާނެ ކަމަކަށް ނުބެލެވޭ،" ރަންރީރް ބުންޏެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމު "ސިމްބާ" މިހާރު ވަރަށް ކާމިޔާބުކަމާ އެކު ހިނގަމުން އަންނަ އިރު، ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ "ގަލީ ބޯއި" އެވެ. އޭނާ ދެން އެންމެ އަވަހަށް ޝޫޓިން ފަށާނީ ކަބީރު ހާންގެ "83" އެވެ. މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ކެޓްޕަން ކަޕިލް ދޭވްގެ ރޯލުން ރަންވީރު ފެނިގެން ދާނެ ފިލްމެކެވެ.
ރަންވީރާއި ދީޕިކާ.
މީގެ އިތުރުން މި އަހަރުގެ ތެރޭގައި ކަރަން ޖޯހަރުގެ "ތަހުތު" ގެ ޝޫޓިން ވެސް ރަންވީރު ފަށާނެ އެވެ. އެ ފިލްމަކީ އަންނަ އަހަރަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.
ރަންވީރާއި ދީޕިކާ މިހާތަނަށް ވަނީ އެކީގައި ހަތަރު ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ރިލީޒް ކުރި ޕަދްމާވަތު އާއި ބަޖިރާއޯ މަސްތާނީ (2015) އާއި ރާމް-ލީލާ (2013) ގެ އިތުރުން ފައިންޑިން ފެނީ (2014) އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން 2010 ގައި ފިލްމު "ބޭންޑް ބާޖާ ބާރާތު" އިން ރަންވީރު ބޮލީވުޑަށް ތައާރަފު ކުރި ޑައިރެކްޓަރު މަނީޝް ޝަރުމާ ދެން ހަދާ ފިލްމުގެ ލީޑް ރޯލުން ދީޕިކާ އާއި ރަންވީރު އެކީގައި ފެނުމުގެ ފުރުސަތު ބޮޑެވެ. މި ދެ ތަރިންގެ ޖޯޑަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ސްކްރީން ޖޯޑެވެ.
އެހެންވެ ކައިވެންޏަށް ފަހު ދެ ތަރިން ސްކްރީނުގައި އެކީގައި ފެނިގެން ދިއުމަކީ އަދި މުޅި ތަފާތު ކެމިސްޓްރީއެއް ބެލުންތެރިންނަށް ތަޖުރިބާކޮށްލަން ލިބޭނެ ކަމަކަށް ވެދާނެ އެވެ.
ރަންވީރު ބުނި ގޮތުގައި ކައިވެންޏަށް ފަހު ދީޕިކާ ވެސް އަލުން މަސައްކަތަށް ނުކުތުމަކީ އޭނާ އެންމެ އެދޭ ކަންތަކެވެ. އެގޮތުން މެގްނާ ގުލްޒާރު ޑައިރެކްޓްކޮށް، ދީޕިކާ ކުޅޭ "ޗަޕާކް" އަކީ ވަރަށް ވެސް ހާއްސަ ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ. މި ފިލްމުގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ.
އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ "ޗަޕާކް" އަކީ ދީޕިކާ ޕްރޮޑިއުސް ވެސް ކުރާ ފިލްމެކެވެ. މި ފިލްމުގެ ބަތަލަކީ ވިކްރަންތު މަސޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިމާރުލް ވަތަން
07 January 2019
ދެން ކީއްކުރަން ދެމީހުން ގައިގޯޅިވާ މަންޒަރުތައް އެހެންމީހުންނަށް ދައްކަނީ.