ވިދިޔާ: "ޕިންކް" ގެ ތަމަޅަ ރިމެކުން ފެންނާނެ.
08 ޖެނުއަރީ 2019 - 07:44
ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކޮށް، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ޕިންކް" ގެ ތަމަޅަ ފިލްމުގެ ރޯލަކަށް ބޮލީވުޑްގެ ބަތަލާ ވިދިޔާ ބަލަން ހަމަޖައްސައިފި އެވެ،
އެކަން ކަށަވަރުކޮށް ދެމުން ޕްރޮޑިއުސަރު ބޯނީ ކަޕޫރު ބުނީ ކުރިން އަޑު އަރާފައިވާ ގޮތާ ހިލާފަށް ފިލްމުން ވިދިޔާ ފެނިގެން ދާނީ ހާއްސަ ފެނިލުމަކުން ނޫން ކަމަށެވެ. އެގޮތުން ތަމަޅަ އޯޑިއަންސަށް "ޕިންކް" ގެނެސްދޭ އިރު، ފިލްމުގެ ބައެއް ކެރެކްޓާތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުންޏެވެ.
"އެހެންވީމާ ހަމަ މުހިއްމު ވަރުގަދަ ރޯލަކުން ވިދިޔާ ފެނިގެން ދާނީ،" މިޑް-ޑޭ އަށް ބޯނީ ބުންޏެވެ.
އަނިރުދާ ރޯއި ޗައުދަރީ ޑައިރެކްޓް ކުރި "ޕިންކް" ކިޔައި ދެނީ އުމުރުން ދުވަސްވީ ވަކީލަކާއި ޒުވާނުން ތިން އަންހެނެއްގެ ވާހަކަ އެވެ. މިއީ ސޯޝަލް ތުރިލާއެކެވެ. މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އަމީތާބް ބައްޗަން އާއި ތާޕްސީ ޕައްނޫ އާއި ކިތިރީ ކުލްހާރީގެ އިތުރުން އެންޑްރިއާ ޓަރިއަންގެވެ. އަދި "ޕިންކް" ގެ ރޯލެއް އަންގަދު ބޭދީ ވެސް ކުޅެފައިވެ އެވެ.
އަޖިތު: "ޕިންކް" ގައި އަމީތާބް ކުޅުނު ރޯލުން ފެންނާނެ.
މި ފިލްމަކީ ނެޝަނަލް އެވޯޑްސްގެ ބެސްޓް ފިލްމު އޮން ސޯޝަލް އިޝޫގެ އެވޯޑް ވެސް ލިބިފައިވާ ފިލްމެކެވެ.
"ޕިންކް" ގެ ތަމަޅަ ފިލްމުގައި އަމީތާބްގެ ރޯލުން މަޝްހޫރު ތަމަޅަ އެކްޓަރު އަޖިތު ކުމާރު ފެނިގެންދާ އިރު، ފިލްމުގެ ޑައިރެކްޓަރަކީ އެޗް ވިނޯތު އެވެ.
ބޯނީ ބުނި ގޮތުގައި އަޖިތުއާ އެކު އޭނާ ކުރިން ހަދަން އުޅުނީ އެހެން ފިލްމެކެވެ. އެކަމަކު "ޕިންކް" އަކީ މުޖުތަމައަށް ކިޔައި ދޭން ވަރަށް މުހިއްމު ވާހަކައަކަށްވާތީ ފިލްމު އަޖިތާ އެކު ހަދަން ބޭނުންވީ ކަމަށް ބުންޏެވެ.
"އަންނަ މެއި މަހުގެ އެއް ވަނަ ދުވަހު ޕިންކްގެ ތަމަޅަ ވާޝަން ސްކްރީނަށް ގެނައުން ޓާގެޓަކީ،" ބޯނީ ބުންޏެވެ. "އަދި އަޖިތާ އެކު ހަދާ އަނެއް ފިލްމުގެ ޝުޓިން އަންނަ ޖުލައޮި މަހުގެ ތެރޭގައި ފަށައި އަންނަ އަހަރު އެޕްރީލް މަހުގެ ދިހައެއްގައި ރިލީޒް ކުރާނަން."
ހިންދީ ފިލްމު ކުޅެމުން އިންޑިއާގެ ސައުތުގައި އެކި ބަހުރުވަތަކުން ހަދާ ފިލްމުތަކަށް ވެސް ވިދިޔާ، 40، ވަގުތު ދެމުން އަންނަ އިރު، ކުރީގެ މަޝްހޫރު ތެލެގޫ ސްޕަސްޓާ އެންޓީއާރްގެ ބައޮގްރަފިކަލް ޑްރާމާ "އެންޓީއާރް" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
ވިދިޔާގެ ކުރިއަށް އޮތް ހުރި ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ އަކްޝޭ ކުމާރު ވެސް މުހިއްމު ރޯލެއް ކުޅޭ "މިޝަން މަންގަލް" އެވެ. އެ ފިލްމު ރިލީޒް ކުރާނީ އޮގަސްޓް، 15، 2019 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލްބުލްޗ
08 January 2019
ރަގަޅު. މިހާރު ވަރަށް ފަލައެއްނުން. ތަމަޅަ މީހުން ލައިކު ވާނީ ފަލަވިވަރަކަށް.