ރާކޭޝް: އޭނާ އަންނަނީ ކެންސަރަށް ފަރުވާ ހޯދަމުން.
09 ޖެނުއަރީ 2019 - 06:23
ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަ އަދި މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ރާކޭޝް ރޯޝަން އަށް ވެސް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ހޯދަން ފަށައިފި އެވެ.
ރިތިކް ބައްޕައާ އެކު ޖިމްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ ރާކޭޝް އަށް ކަރުތެރޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ ސްކްއޭމަސް ސެލް ހާސިނޯމާ (އެސްއެސްސީ) ޖެހިފައިވާކަން އެނގުނީ މީގެ ހަފުތާތަކެއް ކުރިން ކަމަށާއި މިހާރު ހުރީ އެ ބަލީގެ ފުރަތަމަ ސްޓޭޖްގައި ކަމަށެވެ.
ރިތިކް ބުނި ގޮތުގައި ރާކޭޝްގެ އޮޕަރޭޝަނެއް އަންގާރަ ދުވަހު ކުރާނެ އެވެ.
އުމުރުން 69 އަހަރުގެ ރާކޭޝްއަކީ ކުރިން އެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. ބޮލީވުޑްގެ އެންމެ ހުނަރުވެރިން ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރާކޭޝްގެ ކެރިއަރަށް އިންގިލާބެއް ގެނައި ފިލްމަކީ 1988 ގައި އޭނާ ޑައިރެކްޓް ކުރި ކާމިޔާބު ފިލްމު "ހޫން ބާރީ މާންގް" އެވެ.
އޭގެ ފަހުން ވެސް ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓް ކުރުމަށް ފަހު، 2000 ގައި ރިތިކް ބޮލީވުޑަށް ތައާރަފު ކުރި ފިލްމު "ކަހޯ ނާ ޕިޔާރް ހޭ" އިން ރާކޭޝްގެ ކެރިއަރު އަނެއްކާ ވެސް ބަދަލުކޮށްލި އެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު، ރާކޭޝް މުޅިން ވެސް ފިލްމުތައް ޑައިރެކްޓް ކުރަނީ ރިތިކް ލީޑް ރޯލަށް ލައިގެންނެވެ.
ރިތިކްގެ ޕޯސްޓް.
އެގޮތުން ދެބަފައިންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ތާވަލުކޮށްފައިވާ ސުޕަހީރޯ ފިލްމު "ކްރިޝް" ގެ ހަތަރު ވަނަ އެވެ.
ރާކޭޝް އަށް ކެންސަރު ޖެހިގެން ފަރިވާ ހޯދަން ފަށާފައިވާ އިރު، އޭނާގެ އަންހެން ދަރިފުޅު ސުނައިނާ ރޯޝަންއަކީ ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކެންސަރާ ހަނގުރާމަކޮށް މިހާރު ފަސޭހަވެފައިވާ މީހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy