02 ފެބުރުއަރީ 2019 - 07:08
ދުވަސްވީ އެކްޓަރު އާމިރު ހާނާ އަޅުވާ ކިޔާތީ ދެރަވާ ކަމަށާއި ހަގީގަތެއް ނެތް އެފަދަ ވާހަކަތައް މީޑިއާތަކުން ދައްކާތީ އެކަމުގެ ނޭދެވޭ އަސަރު އާއިލާ އަށް ވެސް ކުރަމުންދާ ކަމަށް، ޒުވާން ބަތަލާ ފާތިމާ ސަނާ ޝެއިހް ބުނެފި އެވެ.
ދެހާސް ސޯޅައިގައި ފިލްމު "ޑަންގަލް" ގައި އާމިރު، 53، ގެ ދަރިއެއްގެ ރޯލް ކުޅުމަށް ފަހު، މިދިޔަ އަހަރު "ތަގްސް އޮފް ހިންދުސްތާން" ގައި އާމިރުއާ އެކު ލޯބީގެ ރޯލެއް ކުޅެފައިވާ ފާތިމާ، 27، ބުނީ އޭނާ މެންޓޯއެއްގެ ގޮތުގައި ދެކޭ މީހަކާ އަޅުވާތީ އެއީ ލަދުވެތި ކަމެއް ކަމަށެވެ.
"އަނެއްކާ އާމިރު އާއި އޭނާގެ އާއިލާއާ ވެސް އަހަންނާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވޭ، އާމިރު ސާއަކީ އަބަދު ވެސް އަހަރެން މެންޓޯއެއްގެ ގޮތުގައި ދެކޭ އަދި ވަރަށް އިހުތިރާމް ވެސް އެކްޓަރެއް،" ފިލްމުފެއާ އޭނާ ބުންޏެވެ. "ބަޔަކު މީހުނން ހީކުރާ ކަހަލަ ގުޅުމެއް އެއް އިރެއްގައި ވެސް އަހަރެމެންގެ ދޭތެރެއަކު ނެތް."
ފާތިމާ ބުނި ގޮތުގައި މީހުން އޭނާއާ ދޭތެރޭ ދެކޭ ގޮތް ވެސް ބަދަލުވެގެން ހިނގައި ދާނެ ގޮތަކަށް ވާހަކަތައް ފަތުރަނީ، ދުވަހަކު ދިމާ ވެސް ނުވާ އަދި ވާހަކަ ވެސް ދެކެވިފައި ނުވާ ބަޔަކު މީޑިއާ މެދުވެރިކޮށެވެ. އެހެންވެ ގޮތަކަށް ކަންކަން ނުކޮށް، ކަމުގެ ހަގީގަތް ސާފު ނުކޮށް، މީހުންގެ ޒާތީ ވާހަކަތައް ނޫސްތަކުގައި ނުލިޔުމަށް ފާތިމާ ވަނީ އެދިފަ އެވެ.
ފާތިމާ އާމިރާ އެކު ސެލްފީއެއް ނަގަނީ.
"އެންމެ ފުރަތަމަ މިކަހަލަ ވާހަކަތައް ދެކެވުނު ނަމަވެސް މާ ބޮޑު ކަމަކަށް ނަހަދަން ހުންނަނީ. އެކަމަކު ތަކުރާރުކޮށް، ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާތީ މިކަމުގެ އަސަރު އަހަންނާއި އާއިލާ އަށް ވެސް އެބަ ކުރޭ،" އަނޫރާގް ބާސޫގެ ފިލްމެއްގެ މަސައްކަތް މި ވަގުތު ކުރަމުން ފާތިމާ ބުންޏެވެ. "އަހަންނަށް މިހާރު ގަބޫލު ކުރެވެނީ މިއި އަހަރެންގެ އިމޭޖް ހަރާބުކޮށްލަންވެގެން ފަތުރާ ވާހަކަތަކެއްގެ ގޮތުގައި."
އާމިރު އާއި އޭނާއާ އެކީގައި ފިލްމު ކުޅުނު އެހެން ބައެއް ބަތަލާއިންނާ ވެސް މީގެ ކުރިން އަޅުވާ ކިޔާފައިވެ އެވެ. އެގޮތުން އެންމެ ހޫނުކޮށް ދެކެވުނު އެއް ވާހަކައަކީ ފިލްމު ދިލް ޗާހަތާ ހޭ (2001) ގައި ކުޅުނު އިރު، ބަތަލާ ޕްރިތީ ޒިންތާ އާއި އާމިރު ރައްޓެހިވެގެން އުޅުނު ވާހަކަ އެވެ.
ރީނާ ދައްތާއާ އާމިރު ކުރި ފުރަތަމަ ކައިވެންޏަށް ދެ ދަރިން ލިބިފައި ވަނިކޮށް، އެ ކައިވެނި ރޫޅުމުން 2005 ގައި ކައިވެނި ކުރީ 2001 ގައި ކުޅުނު ފިލްމު "ލަގާން" އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ކިރަން ރާއޯ އެވެ.
އެ ދެ މީހުންގެ މިހާރު އާޒާދު ރާއޯ ހާން ކިޔާ 7 އަހަރުގެ ފިރިހެން ކުއްޖަކު ވެސް އެބަ ހުއްޓެވެ. އާމިރުގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު، 26 އަހަރުވެފައިވާ އިރު، އަންހެން ދަރިފުޅު އިރާ އަށް މިހާރު 22 އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy