24 އޯގަސްޓް 2016 - 06:33
(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
އެއް ކަމަކީ، ލޯގަނޑު ކުރިމަތީގައި ހުރެގެން ވައްތަރުޖެއްސުމެވެ. ދޫ ނެރިގެން އެކި އަޑުއަޑު ލައްވަމެވެ. އަނގައަށާއި ބުމައަށް އެކި ގޮތްގޮތް ހަދަމެވެ. އެއް ލޯ މަރައިގެން ހުރެ ހެމެވެ. އޭރު އަހަރެން ދެކެނީ އެއީ ވަރަށް މަޖާކަމެއްގެ ގޮތުގައެވެ. ތަފާތު، ގިނަ ވައްތަރުޖެއްސުމަކީ އަހަރެން ދުށް ގޮތުގައި މޮޅު ކަމެކެވެ. "ކޫލް" ކަމެކެވެ. އަނެއް ކަމަކީ، އިށީނދެގެން އިންނައިރު ފައި ތެޅުވުމެވެ. ބައެއް ފަހަރު ފަޔެވެ. އަނެއްބައި ފަހަރު ފައިތިލައެވެ. އިނގިލި ވެސް ތެޅުވެއެވެ. ދެ އިނގިލިން އެއްފަހަރާ ވެސް ގޮތްގޮތް ހަދަން އިނދެވެއެވެ. އަހަރެން އެކަންޏެއް ނޫނެވެ. ވަރަށް ގިނަ މީހުން އެ ކަން ކުރެއެވެ. އެ ކަމަކީ ގަސްތުގައި އިންސާނާ ކުރާ ކަމެއް ނޫނެވެ. ކުރުމުން އިތުރު ހިތްހަމަޖެހުމެއް ލިބޭނެކަމެއް ވެސް ނޫނެވެ. ހުއްޓައިނުލައި އަތް ތެޅުވުމުން ލިބޭނީ ވަރުބަލިކަމެކެވެ. ފަސޭހަވާނީ އެ ކަން ނުކޮށް ހުންނާށެވެ. ކުރުމުގައި ދެމިހުންނާކަށް ނޫނެވެ. އިންސާނާ ފައި ތަޅުވައިލާނީ އެއް ފަހަރުއެވެ. ދެން އެ ބައި ކުރިއަށް ގެންދާނީ ޖިންނިއެވެ. ނުވަތަ ޖިންނި އެއް ފަހަރު ތަޅުވައިލާނެއެވެ. އެ ހިސާބުން ދެން އެ ކަން ކުރާނީ އިންސާނާއެވެ. އަހަންނަށް ފަހުން އެނގުނު ގޮތުގައި އެ ކަމަކީ އެހެން ބާރަކުން ކުރުވާ ކަމެކެވެ. އެ ބާރު ހަށިގަނޑުގެ ތެރެއަށް ވެރިވާން އުޅޭކަމުގެ އަލާމާތެކެވެ. ޖިންނީންނަކީ ވަރަށް ކޮޕީކުރާ ހިތްވާ މަޚްލޫޤެކެވެ.
ކުޑައިރުއްސުރެ އަހަންނަށް ވަރަށް އާންމުކޮށް ފެންނަ ހުވަފެނެއް އޮވެއެވެ. އެ ހުވަފެނުގައި ފެންނަނީ، ވަރަށް މުސްކުޅި މީހެކެވެ. އޭނަގެ އެއް ލޯ ހުންނަނީ ރަތްކޮށެވެ. އިސްކޫލުގައި އުޅުނުއިރު އެއް ހާދިސާ ހިނގިއެވެ. ޖިންނީގެ ފަރާތުން އަހަންނަށް ދިމާވި ދުއްތުރާތަކާއި މި ހާދިސާތަކާ ދެމެދު ގުޅުމެއްވާކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. އެ ދުވަސްވަރު އަހަރެންގެ ގޭގެ މަތީބުރި ހަދައިފައި ހުރީ ގޮނގުރެޓަކުން ނޫނެވެ. ލަކުޑިންނެވެ. އަހަރެން ނިދާ ކޮޓަރީގައި ކުޑަދޮރެއް ހުރެއެވެ. އެނދުގައި އަހަރެން އޮންނައިރު އެ ކުޑަދޮރު ހުންނާނީ ކުރިމަތީގައެވެ. ކުޑަދޮރު ހުޅުވެނީ ވައިގޮޅިއަށެވެ. އެ ރޭ އަހަރެން ނިދަން އޮއްވައި، އެ ގޮޅިން އަރާ ހުރި ކަޅު މީހަކު ފެނުނެވެ. އޭނަ ހުރީ އޭނަގެ ރަތް އަނގުރުގަނޑެއް ކަހަލަ ދެ ލޮލުން އަހަންނަށް ބަލަހައްޓައިގެންނެވެ. އެހެން ހުރެފައި ކުއްލިއަކަށް އޭނަ އަޅިއަށް ވެގެން ބުރައިގެން ދިޔައެވެ. އެ އަޅިކޮޅުން ބައެއް، ކުޑަދޮރުން އެތެރެއަށް ވެސް އައެވެ. އަހަރެން އެ ދޮރު ކައިރިއަށް ގޮސް ތިރި ބެލީމެވެ. އެއްވެސް މީހަކު ނެތެވެ. މީހަކަށް އެ ގޮތަށް އަރާ ހުރެވޭ ވަރަށް ވުރެ އެ ގޮޅި ފުޅާވެފައި އުހެވެ. އަހަރެންގެ އުމުރުން އޭރު ފަސްވަރަކަށް އަހަރެވެ. މަންމަ ގާތުގައި އެ ވާހަކަ ބުނީމެވެ. އަހަރެން ކުޑަކަމުން ހުރިހާ އެއްޗެއް ހަނދާނެއް ނުހުރެއެވެ. އެކަމަކު، މީހަކު ގެނެސްގެން ކޮންމެވެސް ކަމެއް މަންމަ ކުރުވިއެވެ. މި ކަންކަން ހިނގަން މެދުވެރިވި ސަބަބު އެނގުނީ މާ ފަހުންނެވެ.
މަންމަ ވަރިކޮށްފައި ބައްޕަ ޒުހުރީ ދިޔައިރު އަހަރެން އުޅެނީ ކިޔަވާށެވެ. ވަޒީފާއެއް އަދާކުރެވޭ ވަރަށް ވުރެ އޭރު ކުޑައެވެ. ގޯތި ވަރަށް ބޮޑެވެ. އެއްބައި އޮންނަނީ ކުއްޔަށް ދީފައެވެ. އޭރު ވެސް ގޭތެރެއިން މަދުމަދުން ބިރުވެރި އެއްޗެހި އަހަންނަށް ފެނެއެވެ. ގޮތް ނޭނގޭ ހިޔަންޏެއް ހުރަސްކޮށްފާނެއެވެ. ފިޔަވަޅެއްގެ އަޑު އިވިދާނެއެވެ. އަލިގަނޑެއް ފެނިދާނެއެވެ. އެހެން މީހުންނަކަށް ނުފެނެއެވެ. އަހަރެން އެ ވާހަކަ މަންމަ ގާތުގައި ބުނުމުން ކޮންމެވެސް މީހަކު ގެއަށް ގެނެސް ކޮންމެވެސް އެއްޗެއް ކިޔަވާލައިފައި އެ ކަން ނިންމައިލަނީއެވެ. އަހަރެން އަބަދު ވެސް ދީނީ ކަންކަމަށް ސަމާލުކަން ދެމެވެ. ބަރާބަރަށް އަޅުކަންކޮށް، ޤުރުއާން ކިޔަވަމެވެ. އިސްކޫލު ނިންމިތާ ކައިރީގައި ނަމާދާ ދުރަށް ދެވުނު ދުވަސްކޮޅެއް ދިޔައެވެ. އެހެންނަމަވެސް އެކުވެރިން އަހަންނަށް މަގު ދެއްކިއެވެ. އެކުވެރިންގެ ގޮތުގައި ގިނަވާނީ ފަސް ވަގުތު ނަމާދު ކުރާ ކުދިންނެވެ. އެކުގައި މިސްކިތަށް ދާނެ ކުއްޖަކު ނެތިއްޔާ އަހަރެން މިސްކިތަށް ގެންދާނީ މަންމައެވެ. ޖަމާޢަތް ނިމޭހާއިރު ކޮށްފައި މަންމަ ބަލާ ވެސް އާދެއެވެ. ވީމާ، ޖިންނި ޝައިތާނުންގެ ފަރާތުން އެއްވެސް އުނދަގުލެއް އަހަންނަށް ކުރިމަތިވެދާނެ ކަމަކަށް ހިއެއްނުކުރަމެވެ. ޚާއްޞަ ގޮތެއްގައި، ސިހުރުގެ ސިކާރައަކަށް އަހަރެން ވެދާނެކަމަކަށް އަމުދުން ވެސް ހިއެއް ނުކުރަމެވެ.
އިރު އޮއްސޭ ވަގުތަކީ ޖިންނީން ފެތުރިގަންނަ ވަގުތެވެ. އެ ގަޑީގައި ގޭގެ ދޮރުތައް ލައްޕައި، ކުޑަކުދީން ގޭތެރެއަށް ވައްދަންޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ފަތިސްނަމާދަށް ބަންގި ގޮވާ ވަގުތު، ބަންގީގެ އަޑު އިވޭ ހިސާބުގަ ތިބޭނީ މުސްލިމް ޖިންނިން އެކަންޏެވެ. ބަންގީގެ އަޑު އިވެން ބޭނުން ނުވާތީ، ޖިންނީންގެ ތެރޭގައި ހިމެނޭ ޝައިތާނުން ބަލާނީ ވީހާ ވެސް ފަޅު ހިސާބުތަކަށް ދެވޭތޯއެވެ. ދަމުނަމާދާއި ފަތިސްނަމާދާ ދޭތެރެއަކީ، ސިހުރު ލުމަށްޓަކައި އެންމެ ގިނައިން ޖިންނިޝައިތާނުން ހަރަކާތްތެރިވާ ވަގުތެވެ. ކުރިން އަހަންނަކަށް އެ ކަމެއް ނޭނގެއެވެ. ވަގުތަކީ އެ ވަގުތެވެ. އަހަރެންގެ އުމުރުން ސައުވީހަކަށް އަހަރެވެ. ގެ ހަދާތީ އަހަރުމެން އޭރު ދިރިއުޅެމުންދިޔައީ ބޮޑުބޭބެގެ ގޭގައެވެ. މަގެއްގެ ކަނެއްގައި ހުންނަ އެ ގެ އުސްކޮށް ހަދައިފައި ހުއްޓަސް، ކޮޓަރިތައް ވަރަށް ކުއްޖެވެ. އަހަންނާއި ދޮންބެ ނިދީ ހަވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައެވެ. ދޮންބެ އޮންނަނީ އެނދުގައެވެ. އަހަރެން އޮންނަނީ ތަޅުންގަނޑުގައި ގޮދަޑިއެއް އަޅައިގެންނެވެ. އެނދުގެ ފައިލާކޮޅުގައި ހުންނަނީ އަލަމާރިއެކެވެ.
ފުރަތަމަ ރޭ ނިދަން އޮއްވައި އަހަންނަށް އިވުނީ ހޯނު ޗަސްކަނޑާ އަޑެވެ. އާންމު ގޮތެއްގައި ހޯނު އެ އަޑު ގޮއްވާނީ ފައްޗަކަށް، އެއްފަހަރުއެވެ. އެކަމަކު، އެ ރޭ އިރުއިރުކޮޅާ އެ އަޑު އިވެން ފެށިއެވެ. ފަހަރަކަށް ވުރެ ފަހަރެއް އަޑު ގަދަވިއެވެ. ހިތަށްއެރިއެވެ. އެއީ ހޯނެއްބާއެވެ؟ އަހަރެންގެ މިޒާޖު ހުންނަ ގޮތުން އަޑެއް އިވެންޏާ ބަލަންޖެހޭނެއެވެ. އަހަންނާއި ދޮންބެ ނިދީ އެއް ކޮޓަރިއެއްގައެވެ. އެ ކޮޓަރީގައި ކުޑަ ބެލްކަންޏެއް ހުރެއެވެ. އަޑު އައީ ބެލްކަންޏާ ދިމާއިންނެވެ. ދޮންބެއަކީ ނިދާގޮތަށް "މަރުވާ" މީހެކެވެ. އަހަންނަކަށް ނުނިދުނެވެ. ބެލްކަންޏަށް ނުކުންނަން ހުރި ދޮރުގައި ހުރީ ދޮރުފޮތި ދަމައިފައެވެ. އަހަރެން ގޮސް އެ ފޮތިގަނޑު ކަހައިލީމެވެ. އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އަޅައިލިހެންނެވެ. ބެލްކަނީގެ ޗެންޗޭނު މަތީގައި އުޑަފައިން ކަހަލަ ގޮތަކަށް އިށީނދެލައިގެން އިނީ ކުރު އަންހެނެކެވެ. އޭނަ ލައިގެން ހުރީ ކަޅު ކުލައިގެ ލިބާހެކެވެ. އަނދެގެން ހުރީ ރަތްކުލައިގެ ފޮތިގަނޑެކެވެ. ބުޅި އިސްތަށިގަނޑު ދިގުކަމުން މުޅި ބެލްކަނި އޮތީ ފުރިފައެވެ. މޫނުގެ ހަންގަނޑު ހީވަނީ ސިމެންތިޖަހައި އޮމާން ނުކޮށް ހުރި ފާރެއްހެންނެވެ. ބޮޑު ދެ ލޮލުގެ ކަޅި ހުރީ ރީނދޫކުލައިގައެވެ. ކަޅީގެ ވަށައިގެން ކަޅު ކުލައިގެ ވަށްބޮޅެއް ހުއްޓެވެ. އަނގައިގައި ވަރަށް ދިގު ދަތްތަކެއް ހުއްޓެވެ. އިށީނދެގެން އިނީ ބޮކެއްހެންނެވެ. ބަލަހައްޓައިގެން އިން ގޮތުން ހީވަނީ ދެންމެދެންމެ އަހަންނާ ދިމާއަށް ފުންމައިގަންނަން އުޅޭހެންނެވެ. އެ ރެއަކީ އާދައިގެ ވަރަށް ވުރެ ތަންކޮޅެއް ބާރަށް ރޯޅިޖެހޭ ރެއެއް ނަމަވެސް އެ އިސްތަށިގަނޑުން އެންމެ އިސްތަށްޓެއް ވެސް ނުހެލެއެވެ. އެ ސިކުންތުގައި އަހަރެން ހަނދާންވީ ކާފަ ބުނެފައި އޮންނަ އެއްޗެކެވެ. ކާފައަކީ ފަންޑިތަވެރިއެކެވެ. ކާފަ ބުނެފައި އޮންނަ ގޮތުން، އަނދިރި ތަނެއްގައި ހުއްޓައި މީހަކު ގޮވާ އަޑު އިވުނަސް ބަލައިގެން ނުވާނެއެވެ. އޮޅިގެން ވެސް ބަލައިލާއިރު ބިރުވެރި އެއްޗެއް ފެނިއްޖެ ނަމަ، ތެޅިފޮޅިގަނެގެން ނުވާނެއެވެ. ބިރުގެންފިކަން އެނގިއްޖެ ނަމަ، އެ އެއްޗެއް ގަޔާ ދިމާއަށް އަންނާނެއެވެ. އެހެންނަމަވެސް، އަހަންނަށް ދުއްވައި ނުގަނެވުނީ ފައި ގަނޑުވެފައި ހުރީމައެވެ. ހުރި ގޮތަށް ހުރެފައި މަޑުމަޑުން އަހަރެން އެނބުރިލީމެވެ. އޭރު އަހަރެން ހުރީ މޭބޮޑުވެފައެވެ. ހިނގާނެ ބާރު ފަޔަށް ލިބުމުން، މަޑުމަޑުން ހިނގައިގަތީމެވެ. އަހަރެން އޮށޯވެގެން އޮތް ގޮދަޑިއާ ހަމައަށް ދެވުނީ ކިރިޔާއެވެ. ގޮދަޑިމައްޗަށް ވެއްޓިގަތީމެވެ. އެ އޮތްގޮތަށް އޮތީއެވެ. ޖެހިގެން ހުރި އެނދުގައި އޮތް ދޮންބެއަށް ގޮވާނެ ހިތްވަރު ވެސް އަހަންނަކަށް ނުލިބުނެވެ. ހުއްޓައި ނުލައި އަހަރެން ކުރުސި ކިއީމެވެ. ލޯމަރައިލީމެވެ. އެއްވެސް ހަރަކާތެއް ނުކުރަމެވެ. ވެގެންވާ ނަމަ އަހަރެން ނޭވާ ވެސް ނުލީމުހެވެ. ގައިގެ ލޭނާރުތަކުތެރޭގައި ވައިބޮކިތަކެއް ދުވާ ކަހަލައެވެ. ހިތުގެ ހިނގުން އަވަސްވިއެވެ. ދެން ވީގޮތެއް ނޭނގުނެވެ. ނިދުނީއެވެ. ނުވަތަ އަނބުރައިގަތީއެވެ. ނުވަތަ ހޭނެތުނީއެވެ.
ހެނދުނު ހޭލައިފައި ވެސް އޮވެވުނީއެވެ. އެއްވެސް މީހެއް ގާތުގައި އެ ވާހަކަ ބުނާކަށް ނުކެރުނެވެ. އަހަރެން ހުރީ ބަސް މަދުވެފައެވެ. ހަރަކާތް ލަސްވެފައެވެ. ބަލިކަމަށް ހީކޮށް މަންމަ ސުވާލު ވެސް ކުރިއެވެ. ކޮންމެވެސް ޖަވާބެއްދީގެން ފުއްދައިލީއެވެ. އިތުރު ބިރަކާ ކުރިމަތި ނުވެ ދެތިން ރޭ ވެއަތުވިއެވެ. ކޮންމެ ރެއަކު ވެސް އަހަރެން ނިދަނީ، ދަންނަ ހުރިހާ ހެޔޮއެއްޗެއް ކިޔައިގެންނެވެ. ވަރަށް އަމާންކޮށް ހަފުތާއެއް ވެއަތުވެފައި، އެއް ރޭ ދަންވަރު، އަނެއްކާ ވެސް ހޭލެވުނެވެ. ހީވީ މީހަކު ގޮވިހެންނެވެ. އަހަރުމެން އޮށޯވެގެން ތިބި ގޮތުން، ކޮޓަރިއަށް ވަންނަ ދޮރު ފެންނަނީ އަހަންނަށެވެ. އަހަރެންގެ ބޯކޮޅު އޮތީ، ދޮންބެ ފައިލައިގެން އޮތް ކޮޅަށެވެ. ދޮންބެ އޮތީ އެނދުގައެވެ. ކޮޓަރިއަށް ވަންނަ ދޮރުގެ މަތީގައި ފެންލައިޓެއް ހުރެއެވެ. އެ ފެންލައިޓުގައި ހުރީ ފިލާ ޖަހައިފައެވެ. ކޮޓަރިއަށް ވައި ވެއްދުމަށްޓަކައި ފިލާގައި ބޮޑެތި ލޯވަޅުތަކެއް ކަނޑައިފައި ހުއްޓެވެ. އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ވިސްނަން އިރުކޮޅަކު އޮތީމެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ. އޮވެވުނު ގޮތުން އަހަރެންގެ ކަޅި ސީދާވެފައި ހުރީ ފެންލައިޓަށެވެ. އެ ދިމާ ބޭރުގައި ބޮތްކެއް ހުއްޓެވެ. ފިލާގަނޑުގައި ކަނޑައިފައިވާ ބޮޑެތި ލޯވަޅުތަކުން ބޮކީގެ އަލި އެތެރެއަށް ވަދެފައި ހުއްޓެވެ. ކޮޓަރިއަކު އެއްވެސް ބޮތްކެއް ނުދިއްލައެވެ. އަހަންނަށް ފެނުނީ އަތެކެވެ. އަތުގެ އިނގިލިތައް ހިމަވެފައި، ވަރަށް ދިގެވެ. އިންސާނުންގެ އިނގިލީގައި ހުންނަ ކަހަލަ ބަދަ ވެސް ހުއްޓެވެ. ކަށިތަކެއް ފަޅައިފައި ހުރިކަން ވެސް އެނގެއެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަމަމަމަސލސލސ
25 August 2016
ސޯ ބިރުުުުވެރި !
ހާސަރު
25 August 2016
އެނދުރުބޭ ގެންދިޔައީތަ؟ ވާހަކައަށް އިންތިޒާރުކޮށް އިންނަތާ ކޮން އިރެއް.
ދަރި
24 August 2016
ސަލި
ސަޢިީދު
24 August 2016
އިގިރޭސި ފިލްމެއް ބަލާފަ އެސޮޓޯރީ ލިޔެލާފަ ހުރިވައްތަރު ބޮޑީ
އަލީ
25 August 2016
ސައީދުއަށް އެނގޭނެ ކޮންފިލްމެއްކަންވެސް. މަމް ބުނެލަންވީނު.
އިހަވަންދޫ
24 August 2016
ޢަނެއްކާ މިވާހަކަ ޖިންނި ޝައިތާނުން ނުކިޔާނެބާ. ޢެސޮރުމެން ވަރަށް ހުޝިޔާރުވާނެ. ޖިންނި ޝައިތާނުން ކިބައިން އަޅަމެން ސަލާމަތް ކޮންދެއްވާންދޭވެ
އިދުރީސް ދޮންބެ
24 August 2016
މިވާހަކައިގެ ކުރީބައި ކިޔާފައި އިދުރީސް ދޮންބެއަށް ހުއްޓާނުލާ ހަމަ އައޫޒު ކިޔުނީ! މިފަހަރުގެ ބައި ތަންފުކެއް ކުރުވެފައި އެހާ ޝައުގުވެރިކަމެއް ނެތް! ދެން އަންނަބައި މިއަށްވުރެ ރަނގަޅުވާނެކަމަށް މި ބަލަނީ..!
ނަން ނުޖަހާތި
24 August 2016
މީ ހަމަ ހަގީގަތްބާ!
ހާސަރު ގިނަ!
24 August 2016
ވަރަށް ފޫހި!
ހުނަރުކުޑަބެ
24 August 2016
މިވާހަކަ ކުރިންބައި ކިޔައިފައި އެކަނި ހުންނައިރު ބިރުން އުޅުނީ ކޮންބައެއް
ތުއްތު
24 August 2016
އަމައްޔާއި. ބިރު ގަނެއްޖެ