03 ފެބުރުއަރީ 2019 - 07:15
ބުދަ ދުވަހާ ގުޅޭ
އަހަރެން ހިތުން ރަށުގެ ހުރިހައި ކަމެއް ވެސް ދިޔައީ ރަނގަޅަށެވެ. އަމްޖަދަކީ ޒިންމާދާރު ފިރިއެކެވެ. ދަރިންނަށް ފާރަވެރިވުމުގައި ފަރުބަދައެއް ފަދަ ލާމަސީލު މިސާލެކެވެ. ހުންނަ ފިޔަވަޅުމަތިން ގުޑައިނުލައި އުމުރުދުވަހު ހުންނަންޖެހުނަސް އަމްޖަދު ހުންނާނެއެވެ. އަހަންނަށް ނޭނގުނުކަމަކީ، އެ ފަރުބަދައިގެ އެތެރޭގައި އަނދަމުންދިޔަ އަލިފާންގަނޑު ބޭރަށް ހުޅުފަޅައިގެންދާން ކިހާ ކައިރިވެފައިވާކަމެވެ.
ކޮލެޖުގައި ޖަލްސާއެއް އޮތް ދުވަހެކެވެ. އެ ދުވަހުގެ ހެނދުނުއްސުރެ އަހަރެންގެ ބޮލުގައި ޒާތެއްގެ ތޫނު ރިހުމެއް ހަރުލައިފައި ހުއްޓެވެ. ހޮސްޕިޓަލަށް ދާކަށް ވަގުތެއް ނުލިބުނެވެ. އެ ކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް އަހަރެންގެ ބޫޓުގެ ފުންނާބު ނެއްޓުނެވެ. ހިތަށްއެރިއެވެ. ރިހޭ ފައި މައްޗަށް ނޫން ތާކަށް ފޮއި ވެއްޓެން ނޭނގެނީ ކީއްވެގެން ހެއްޔެވެ؟ ބޮލުގަރިހުމަށް ކެތްކުރެވިދާނެއެވެ. އެކަމަކު ޖަލްސާއަށް ދަންޏާ ބޫޓެއް ގަންނަން ފިހާރަތަކުގައި އެނބުރެން ޖެހޭނެއެވެ. އެ ކަން ވޭތޯ ޖެހޭނީ ބަލާށެވެ.
ޓޭޕުކޮޅަކުން ބޫޓުގެ ފުންނާބު ތަތްކޮށްލައިގެން ބޫޓެއް ހޯދަން ނުކުތީމެވެ. ހިނގަންޖެހުނީ ވަރަށް ވިސްނައިގެންނެވެ. ކައިރީގައިހުރި ދެތިން ފިހާރަޔަކަށް ވަނީމެވެ. ކަމުދާ ބޫޓެއް ނުފެނުނެވެ. އަހަރެން އެރި ބޫޓުގެ ފުންނާބު ހުންނަނީ ކުޑަ ތަންކޮޅެއް އުސްކޮށެވެ. ހިނގަން ފަސޭހައީ ވެސް އެ ކަހަލަ ބޫޓެކެވެ. އަހަރެން ގަޔާވާ އެ ކަހަލަ ބޫޓެއް ލޮލަކު އަޅައެއްނުގަތެވެ. މުޅީން ވެސް ފެންނަނީ މާ ޒުވާން ކުދީން އަރާ ކަހަލަ ބޫޓެވެ. އަހަރެންގެ އުމުރަކާ ނުގުޅެއެވެ. ފިހާރަތަކަށް ވަންނަމުން ކޮލެޖާ ދުރަށް އަހަރެން ހިނގީމެވެ. ވަގުތެއް ނެތެވެ. ޖަލްސާއަށް ތަން ތައްޔާރުކުރުމުގައި ވެސް އުޅެންޖެހެއެވެ. އެއަށް ފަހު ހުޅުމާލެއަށް ގޮސް ފެންވަރައިގެން ޖަލްސާއަށް އަންނަން ވެސް ޖެހެއެވެ. ކިރިޔާ ވެސް ހިތްހަމަޖެހޭ ބޫޓަކަށް ފެނުނު ބޫޓުގެ ފުންނާބު އެއްވެސް ވަރަކަށް އުހެއް ނޫނެވެ. ހިތަށްއެރިއެވެ. އެހެންވިޔަސް އެ ބޫޓު ގަންނާނީއެވެ.
މެންދުރުއް ސުރެން އަހަރެން އަރައިގެންއުޅުނީ އާ ބޫޓަށެވެ. ފުރަތަމަ ހިނގައިލި ވަގުތު ފުންނާބަށް ކުޑަކޮށް ތަދުވިއެވެ. ފަހުން ރަނގަޅުވެދާނޭ ހީކޮށް އަޅައެއްނުލަމެވެ. ޖަލްސާ އޮތީ ރޭގަނޑުއެވެ. ތަން ތައްޔާރުކުރުމުގެ ކަންތަކުގައި ވަރަށް ގިނައިން ކޮޅުކޮޅުމައްޗަށް ހިނގަންޖެހުނެވެ. ހުޅުމާލެއަށް ދާން ބަހާ ހަމައަށް ދިޔައީ ވެސް ހިނގައިފައެވެ. ހުޅުމާލެއިން ޝަރީފު ފެނިގެން އޭނައަށް ނުފެނި ގެއަށް ވަންނަންހަދައިގެން ވެސް ބޭކާރު އެތައް ތަނެއްގައި ހިނގަންޖެހުނެވެ. ފުންނާބުގެ ތަދު ކުޑަވުމުގެ ބަދަލުގައި ހައްތަހާ ވީ ބޮޑެވެ.
ޖަލްސާ ނިމުނުއިރު ރޭގަނޑު ދިހަގަޑި ބައިވެއްޖެއެވެ. އޭރު ތަދު ވަރަށް ބޮޑެވެ. ފުންނާބުގެ ބަދަލުގައި އޭރު ތަދުވީ ފައިތިލައިގެ ކުޑަހުޅަށެވެ. ދެން ވެސް ހިތަށްއެރީ ފަހުން ރަނގަޅުވާނެ ކަމަށެވެ. ބޫޓު އާވީމައި ފަޔަށް ނުހޭނެނީ ކަމަށެވެ. އެކަމަކު ދެ ފަޔަކަށް ތަދެއް ނުވެއެވެ. ތަދުވަނީ ވައަތު ފައިތިލައިގެ ކުޑަހުޅަށް އެކަންޏެވެ. ހުޅުމާލެއަށް ދެވުނުއިރު ފައި ކިރިޔަކިރިޔާ އެޅޭކަމެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތްގޮތަށް ދެން ފައި ތިރިއެއް ނުކުރެވުނެވެ. ފައިތިލަ އެއްކޮށް އޮތީ ދުޅަވެއެވެ. ތަދުވާ ވަރުން ފައި ހިއްލައެއް ނުލެވެއެވެ. ޖެހިގެން އަންނަ ދުވަހު ޓެސްޓަށް ދާންޖެހެއެވެ. އެއީ ތިންވަނަ ހަފުތާގެ ޓެސްޓެވެ. ޖުމުލަ ހަތަރު ޓެސްޓު އޮވެއެވެ. ހިތަށްއެރިއެވެ. ޝަރީފު ބުނި ކަހަލަ ދަނޑިވަޅެއް އައީއެވެ. މާލޭގައި ރައްޓެއްސަކު ހުރި ނަމަ އެހީއަކަށް އެދެވުނީހެވެ. ފޯނު ނެގީމެވެ. ޝަރީފަށް ގުޅާލަން ނަންބަރުގައި އިނގިލި ވެސް ޖައްސައިލެވުނެވެ. އެ ކަން ނުކުރުމަށް ދެވަނަ ސިކުންތުގައި އަހަރެންގެ ސިކުނޑި އިންޒާރުދިނެވެ. ކޮލެޖުން ދަންނަ ދެ ކުއްޖަކަށް ގުޅީމެވެ. ކާމިޔާބެއް ނުވިއެވެ. ވަރަށް ހާލުން ކޮރެއްޖަހަމުން ހުޅުމާލެ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކީމެވެ. ޑޮކްޓަރު ދިނީ އުނގުޅާ ބޭހެކެވެ. އެ އުނގުޅައިލުމުން ތަދު މަޑުވިހެން ހީވެއެވެ. އަމްޖަދަށް ގުޅައިފައި ބޫޓު ގަތް ވާހަކައާއި ދެން ވީ ގޮތުގެ ވާހަކަ ބުނީމެވެ. އަހަރެން ގުޅީ އެހެންޏާ ދުވަހަކު ވެސް ނުގުޅާ ގަޑިއެއްގައެވެ.
"ފައި ދުޅަވެގެން ތިރިކޮށްލަން ވެސް ނުކެރިގެން މި އުޅެނީ،" ހިތްވަރާ އެކުގައި އަހަރެން ބުނީމެވެ. "މިހާރު ހުޅުމާލެ ހޮސްޕިޓަލަށް ގޮސް އެ މީހުން ދިން އެއްޗެއް ހާކައިގެން މި އޮންނަނީ. ރަނގަޅެއް ނުވޭ! މާލެ ގޮސް ޑޮކްޓަރަށް ދައްކަންވީ ކަންނޭނގެ. އެކަމަކު މާލެދާހާ ހިތްވަރެއް ނެތް."
އަމްޖަދު އެއްޗެއް ނުބުނެ އިރުކޮޅަކު ހުއްޓެވެ. ނީޒާ އެއްޗެއް ބުނިހެން އަހަންނަށް ހީވިއެވެ. އެއީ ހަގު ދަރިފުޅެވެ. ނީޒާގެ އަޑު މަޑުވި ގޮތުން ބޮޑަށް ހީވީ ފޯނުގައި އަމްޖަދު އަތްއެޅިހެންނެވެ.
"އެބަ ގުޅާލަން އިނގޭ!" އަމްޖަދު ދިނީ އެހެންޏާ ނުދޭ ކަހަލަ ޖަވާބެކެވެ.
އަހަރެން ހާސްވިއެވެ. އެ ވަރު ބޮޑުކަމެއް ފަޔަށް ވެގެންއުޅޭ ވާހަކަ ބުނީމައި، އަހަރެން ދަންނަ އަމްޖަދު ވަރަށް ގިނަ ވާހަކަދައްކާނެއެވެ. ސުވާލުތައް ކުރާނެއެވެ. އޭގެ ބަދަލުގައި ޖަވާބު ކުރުކޮށްލައިފައި ފޯނު ބޭއްވީ ކީއްވެގެން ހެއްޔެވެ؟ އިރުކޮޅެއް ވަންދެން މަޑުކޮށްފައި އަނެއްކާ ގުޅީމެވެ. ޖަވާބެއް ނުދެއެވެ. އަހަރެންގެ ފަޔަށް ވުރެ އެ މައްސަލަ އަހަންނަށް މާ ބޮޑުވިއެވެ. ތަކުރާރުކޮށް އެތަކެއް ފަހަރަކު އަހަރެން އަމްޖަދަށް ގުޅީމެވެ. ފަހު ތިން ފަހަރު އަމްޖަދު ފޯނު ކަނޑައިލީއެވެ. ވަރަށް ގިނަ ފިކުރުތައް ސިކުނޑީގައި އެނބުރުނެވެ. ޝަރީފު ކޮންމެވެސް އެއްޗެކޭ ކިޔައިގެން ދޭތެރެޖެއްސީ ހެއްޔެވެ؟ ނުވަތަ ޝަރީފަކީ އަމްޖަދު ބުނެގެން އަހަރެންގެ ގޮތްބަލަން އައި މީހެއް ހެއްޔެވެ؟ އެހެންކަމަށް ވިޔަސް އަހަރެން ހުރީ ރައްކާތެރި ފަޅީގައެވެ. ޝަރީފު ތެދަށް ބުނެފި ނަމަ އަހަރެން ބަދުނާމުވާ ކަހަލަ އެއްޗެއް ނުބުނެވޭނެއެވެ. ދޮގުހަދައިފި ނަމަ ދެން ކުރާނެކަމެއް ނެތެވެ. ހަދާނެގޮތެއް ވިސްނަން އޮއްވައި އަމްޖަދު ގުޅިއެވެ. ކޮންމެ ފަދަ އެއްޗެއް ވެސް އަމްޖަދު ބުނެފާނެކަމަށް ތައްޔާރުވެގެން ހުރެ ފޯނު ނެގީމެވެ.
"ކީއްތަތިކުރަނީ؟" އަހަރެން އެހީމެވެ.
އަމްޖަދު އެއްޗެއް ނުބުނެ އިރުކޮޅަކު މަޑުކޮށްލިއެވެ.
"ވަރަށް ބޮޑުކަމެއް ޖެހިގެން މި އުޅެނީ،" އަމްޖަދުގެ ރާގުގައި ހުރީ ނުތަނަވަސްކަމެވެ. "އާދޭ ރަށަށް."
އަހަންނަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. ވީ ކީއްކަން ނުބުނެ ކުއްލިއަކަށް އަހަރެން ރަށަށް ގެންނަނީ ކީއްކުރަން ހެއްޔެވެ؟ އެ ވަރު ބޮޑު ކުށެއް އަހަރެން ނުކުރަމެވެ. އަހަންނަށް ވިސްނުނީ އެންމެ ގޯސްގޮށެވެ. ޝަރީފު ހަގީގަތުގައި ވެސް ކެމެރާ ބަހައްޓައިގެން މަންޒަރުތަކެއް ރެކޯޑުކުރީއެވެ. ބަދަލުގައި ފައިސާތަކަކަށް އެދުނީއެވެ. ހުޅުމާލެއަށް ޝަރީފު އައީ އަހަރެން އެ ތަނުގައި އުޅޭކަން އެނގިގެންނެވެ. އުޅޭ ގެ ޝަރީފަށް ނޭނގުނީއެވެ. އެހެންވީމައި އަހަންނަށް ދޭން ބޭނުންވި އިންޒާރު އަމްޖަދަށް ދިނީއެވެ.
"ކިހިނެއްވީތަ؟" އަހަރެން ސުވާލުކުރީމެވެ. "ރަށަށް ނުދާކަށް ނޫން. އެކަމަކު ތިހެން ޓަސްލާފަ ބުނީމަ.."
"އާދެބަލަ މިކޮޅަށް،" އަމްޖަދު އެދުނެވެ. "ތިކޮޅުގަ ދެން ހުންނާނެކަމެއް ނެތް. މާ މުހިންމުކަމެއް ޖެހިގެން މި އުޅެނީ."
އަމްޖަދު ހުރީ ރުޅިއައިސްފައެއް ނޫނެވެ. ހާސްވެފައެވެ. ކޮންމެވެސް ކަމަކާ ކަންބޮޑުވެފައެވެ.
"އަޖައިބެއްނު! ކިހިނެއްހޭ ވީ؟" އަހަރެން އަނެއްކާ ވެސް އެހީމެވެ.
ދެން އަހަރުމެންގެ ދެމެދަށް ވެރިވި ހަމަހިމޭންކަމުގެ އަޑު ހޮނުގުގުރިއަކަށް ވުރެ އަހަންނަށް ގަދައެވެ.
"ނީޒާ މީހަކާ ހިތާވެގެން މި އުޅެނީ،" އަމްޖަދު ބުންޏެވެ. "އަހަރެން ގެއަށް އައިއިރު... ފޯނަކުން ނުކިޔޭނެ. ވީހާ އަވަހަކަށް މިކޮޅަށް އައިސްބަލަ އިނގޭ!"
އަމްޖަދު ފޯނު ކަނޑައިލިއެވެ. އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. ތަދުވާ ވަރުން ނޭޅުނު ފައިމަތިން ހަނދާންނެތުނެވެ.
"މާތްކަލާކޯ!" ހިތާހިތުން އަހަންނަށް ބުނެވުނެވެ.
ނީޒާއަކީ އެންމެ ހަލަނި ކުއްޖާއެވެ. އުމުރުން އެންމެ ތޭރަ އަހަރެވެ. ކިޔަވަނީ ގުރޭޑު ހަތެއްގައެވެ. މީހަކާ ހިތާވާން އެއީ ކޮން އުމުރެއް ހެއްޔެވެ؟ އެކަމަކު، އޭނައަކީ ކުރަން ބޭނުންވާ ކަމެއް ކޮށް ނިންމައިފައި އެ ކަމުން ނުކުމެދާނެ ނަތީޖާއާ މެދު ވިސްނާ މިޒާޖުގެ ކުއްޖެކެވެ. އުޅޭނީ ކުޑަކުއްޖަކު އުޅޭހެންނެވެ. ދައްކާ ވާހަކައިގައި ވެސް ހަރުދަނާކަމެއް ނުހުންނާނެއެވެ. އޭނަ ބޮޑުކުއްޖަކަށްވިތާ އޭރު އަހަރު ވެސް ނުވާނެއެވެ. އަހަންނަށް އެނގެއެވެ. މީހަކާ ހިތާވެގެންނޭ އަމްޖަދު ބުނާނީ ކޮންމެވެސް ކަމެއް ވެގެންނެވެ. ކޮންމެވެސް މަންޒަރެއް ފެނިގެންނެވެ. އެ ވަގުތު ހިތުގެ ވިންދު ދެގުނައަށް އަވަސްވިއެވެ. އަނެއްކާ އަމްޖަދަށް ގުޅީމެވެ.
"ހަމަ މިހާރު ޓިކެޓު ނަގަންވީތަ؟" އަހަރެން އެހީމެވެ.
"އަހަރެން ބޭނުން ކޯސް ނިންމަން ނާސިހާ ތި ކޮޅުގަ ބަހައްޓަން،" ނުތަނަވަސް ރާގެއްގައި އަމްޖަދު ބުންޏެވެ. "އެކަމަކު އަހަރުމެންނަށް އެންމެ މުހިންމުވާނީ ދަރިން. އަހަރުމެންގެ އާއިލާ. އެ ފިރިހެން ސޮރަކީ ހަރުދަނާ، ޒިންމާދާރު ސޮރެއް ނަމަވެސް ރަނގަޅު. އެކަމަކު ބޮލުރޮދި ކެނޑިފަ ހުރި، ތާކުންތާކުނުޖެހޭ މަޖުނޫނެއް. ގައިމު ވެސް މި ރަށު ކުއްޖެއް ނޫން."
"ކިހިނެއް އެނގުނީ؟ އަހަރެން އެހީމެވެ. "މީހަކު ބުނީތަ؟"
"ތި ވާހަކަ ނާހާ!" އަމްޖަދު ބުންޏެވެ. "އަޑުއަހާކަށް ކުޅަދާނައެއް ނުވާނެ. ވީހާ ވެސް އަވަހަކަށް ރަށަށް އާދޭ! މަގޭ ބޯފަޅައިގެން ހިނގައްޖެ! ދައްކާ އެއްވެސް ވާހަކައެއް އޭނަ ގަބޫލެއްނުކުރޭ. ނާސިހާ ގުޅިއިރު އެ ކަންތައްގަނޑުގައޭ އަހަރެން އުޅުނީ."
"އެކަމަކު ތިހެން ބުނީމަ މާ ބިރުގަނެއްޖެ!" އަހަރެން ހާސްވެގެން ތެޅިގަތީމެވެ. "ކިހިނެއްތަ އެނގުނީ؟ ބުނެބަލަ!"
"އަހަރެން ގޭގަ ނޫޅޭ ވަގުތު ބަލާފަ އެ ސޮރު ގެއަށް ވައްދަނީ. ކޮޓަރިތެރޭގަ ތިއްބާ ފެނުނީ." މަޑުމަޑުން އަމްޖަދު ބުންޏެވެ.
"އޭނ؟" އަހަންނަށް ބުނެވުނެވެ.
"އާނއެކޭ!" އަމްޖަދު އަޑަށް ބާރުލައިފައި ބުންޏެވެ. "މަ ކިރިހާ ހޭނެތިގެން ނުވެއްޓުނީ. ޑިއުޓީގަ އިނދެފަ ހަމަ ކުއްލިއަކަށް ހިތަށްއެރީ ގެއަށް ވަދެލަންވެއްޖޭ! އާންމުކޮށް އެ ގަޑިއަކީ އަހަރެން ގެއަށް އަންނަ ގަޑިއެއް ވެސް ނޫން. ރޭގަނޑު ފިހާރަ ހުޅުވައިފަ ދެން އަހަރެން ގެއަށް އަންނާނީ ފިހާރަ ބަންދުކޮށްފައެއްނު. ރޭގަ ހަމަ ޓަސްލާފަ ހިތަށްއެރީ ގޭގެ ޚަބަރުދަބަރު ބަލައިލަންވެއްޖޭ! ދެން ކަމެއް ފެންނަންވީމަ ފެނުނީއޭ ބުނެވޭނީ. އަހަރެން ގެއަށް އައިއިރު ދޮށީ މަންޖެމެން ތިބީ ނިދާފަ. ނީޒާ މި އުޅެނީ ކޮޓަރިއަށް ފިރިހެނަކު ވައްދައިގެން. ކުއްލިއަކަށް ދޮރު ހުޅުވާލިތަނާ އަހަންނަށް ފެނުނީ. ލަދުން މަރުނުވީ ކިރިޔާ. ކީކޭ ބުނާނީ."
"ދެން އަމްޖަދު ކިހިނެއްހެދީ؟" އަހަރެން އެހީމެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތު
10 April 2019
ކޮބައިބާ މީގެ އެހެން ބައިތައް.
އާހިރާ
04 February 2019
މަޝަކަށް ނޭންގެ! ކޮންއިރަކުން މި ވާހަކަ ނިމޭނީ؟ މިހާރު ދެން 1 މަސްދުވަހުގެ ކޯހަކަށް ދިޔަމީހާ 1 އަހަރު ވާންވަނީއެއްނު ތި؟
ހަޤީޤީވާހަކަ
03 February 2019
ބިރުވެރި ސިނަމާލޭ ބްރިޖު ދަތުރު
ޙިހި
03 February 2019
ޞެރުވެރީ މާލެ ދަތުރު
ޝިފޫ
03 February 2019
“އަހަންނަށް ނޭނގުނު ކަމަކީ، އެ ފަރުބަދައިގެ އެތެރޭގައި އަނދަމުން ދިޔަ އަލިފާންގަނޑު ބޭރަށް ހުޅުފަޅައިގެންދާން ކިހާ ކައިރިވެފައިވާ ކަމެވެ”.. ވަރަށް މާނަ ފުން ޖުމްލައެއް.. މި ޖުމުލައިން މި ބުނާ ވާހަކަ އަދި ފަހުން އެނގޭނެހެން ހީވަނީ..
ލިޒީ
03 February 2019
އެ ބުނަނީ ނީޒާ ބަނޑުބޮޑު ވާހަކަ...
ޒޭން
03 February 2019
އެމަންޖެ ބަނޑުބޮޑުވި ވާހަކަ
ހީވުން
04 February 2019
މަށަށް ހީވަނީ ބަފާ ދަރިޔާ ބެހެނީހެން . . .
ޣގފދދ
03 February 2019
ނާސިހާގެ ފިރިހެން ކޮއްކޮއާކަންނޭނގެ އެހިތާވީ
ސިއްތި
03 February 2019
ނާސިހާ ކޮއްކޮ ގެއަށް ގެނެސްގެންއުޅޭ ފަތްބޯ ސޮރަކަށް ތިޔަވާނީ. އެހެންނޫނީ އަމްޖަދުގެ ޚިޔާލީ ފަތްބޯސޮރެއް
ލިޒީ
03 February 2019
ހީވާގޮތުގައި ނީޒާ ކުޑަކުޑަ އިރުއްސުރެ އަމްޖަދު އައީ އެކުއްޖާއާ އެކި ކަލަ ގޯނާ ކުރަމުން.... މިގޮތުން ނާސިހާ އޮފީހުގައި އުޅޭ ވަގުތު ތަކަކީ އަމްޖަދު އަބަދުވެސް އިންތިޒާރު ކުރަމުންދާ ވަގުތު.... ނީޒާއަށް ހެޔޮނުބައި ވިސްނޭވަރު ވީއިރުގައި އަމްޖަދު އައީ ތަފާތު ގޯނާތައްކޮށް ކުއްޖާ އެކަމަށް އޮޅުކުރަމުން.... މިހާރު ނީޒާ ވަނީ އެކަމުގެ މަސްތުގައި ރަނގަޅަށް ދެވިހިފާފައި.. އެހެންކަމުން އެހެން ފިރިހެނުން ގޮވައިގެން އުޅެންފެށުމުން އަމްޖަދުގެ ހެޔަށް ގޮތްވާގޮތްވީ
ނީޒާ
03 February 2019
އާ މަށަށް ވެސް ހީވަނީ ތިހެން. މިހާރު ބަސްޓް ވެދާނެތީ އުޅެނީހެން.
ބިޒީ
03 February 2019
އެހެން ފިރިހެނުން ގޮވައިގެނެއް ނޫން. ބައްޕަ އާއި ދަރި ރުހިގެން ކުރަނިކޮށް ބަނޑުބޮޑުވީ. ދެން ވާހަކަ އެއް ހަދާލީ އެހެން މީހަކު މަތިއަޅުވަން. "ގައިމުވެސް ރަށު ކުއްޖެއް ނޫން" ވީމަ ދެން އެ ކުއްޖާ ނުވެސް ފެންނާނެ. ދެން ނީޒާ ގޮވައިގެން އެކަމަށް ދާނީ އަމްޖަދު. ނާސިހާ އަށް ކިރިޔާވެސް ވާނުވާ އިނގޭނީ ރާޝިދުގެ ފަރާތުން ހެން ހީވަނީ.
މުތީ
05 February 2019
މުތީއަށްވެސްސ ވަރަށް ބޮޑަށް ތިހެން ހީވޭ. އަމްޖަދު އޭނާގެ ދަރިފުޅު ގަޔަށް އަރާފައި ހުރީމަ ނީޒާ އެކަމުގަ ދެވިހިފީ ތޯއްޗެއް.
ތުނަ
03 February 2019
މަށަށް ހާދަ ހީވެޔޭ އެއަންހެން ކުއްޖާ އަމްޖަދު އެކުއްޖާޔާ ބެހޭ ވާހަކަ ބުނެފާނެތީ އަމްޖަދު ވާހަކަ އެއް ހަދާލީހެން.
މަރިޔާ
03 February 2019
ބިރުވެރި މާލެއަށް ވުރެ އަމިއްލަ ރަށް ބިރުވެރިވެފަ މިއޮތީ..