09 ފެބުރުއަރީ 2019 - 08:16
ސޮނީ ޓީވީން މިހާރު ގެނެސްދޭ ކަޕިލް ޝަރުމާގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ވެސް ޕްރޮޑިއުސަރެއްގެ ޒިންމާ ނަގަމުން އަންނަ ސަލްމާން ހާން ޓީވީ ސިލްސިލާއެއް ހަދަން ނިިންމައިފި އެވެ.
މުމްބާއީ މިރާ އިން ބުނި ގޮތުގައި ސަލްމާންގެ ފިލްމު އެސްކޭއެފުން ޕްރޮޑިއުސްކުރާ މި ސިލްސިލާއަކީ އިންޑިއާގެ ކުރީގެ ވަރުގަދަ ރެސްލިން ޝަހުސިއްޔަތު ގުލާމް މުހައްމަދު ބަކްޝް ބަޓް (ގަމާ ޕެހެލުވާން/ދަ ގްރޭޓް ގަމާ) ގެ ވާހަކަ ކިޔައިދޭ ސިލްސިލާއެކެވެ.
ގާތްގަނޑަކަށް 52 އަހަރަށް ރެސްލިން ތެޅުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ގަމާ މަރުވީ އުމުރުން 82 އަހަރުގައި 1960 ގަ އެވެ. އޭނާ ރެސްލިން އިން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވެ އެވެ.
މުމްބާއީ މިރާ އިން ބުނި ގޮތުގައި ސަލްމާންގެ ހަގު ކޮއްކޮ ސޮހައިލް ހާން ގަމާގެ ކެރެކްޓާ އިން ފެނިގެންދާ ސިލްސިލާ ޑައިރެކްޓްކޮށް ދޭނީ ޕުނީތު އިއްސާރު އެވެ. އޭނާ ވަނީ ސަލްމާން 2004 ގައި ކުޅުނު ފިލްމު "ގަރްވް: ޕްރައިޑް އެންޑް އޮނާ" ވެސް ޑައިރެކްޓްކޮށްފަ އެވެ.
މުމްބާއީ މިރާ އިން ބުނި ގޮތުގައި ޕަންޖާބާއި ލަންޑަނުގައި މަންޒަރުތައް ނަގާ ސިލްސިލާ އިން ސްޓާ ޕްލަސް އިން ކުރިން ގެނެސް ދިން ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގައި އެހެމްގެ ރޯލް ކުޅުނު މުހައްމަދު ނާޒިމް ވެސް ފެނިގެން ދާނެ އެވެ.
މުހައްމަދު ނާޒިމް (އެހެމް).
ދެހާސް ސޯޅައިގައި "ސުލްތާން" ގައި ރެސްލިން ތެޅުންތެރިއެއްގެ ރޯލް ކުޅެފައިވާ ސަލްމާން ޕްރޮޑިއުސް ކުރާ ފުރަތަމަ ސިލްސިލާ އަންނަ ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް ލޯންޗް ކުރާނެ އެވެ.
ސަލްމާންގެ އެސްކޭއެފުން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ މިދިޔަ އަހަރު އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާ ބޮލީވުޑަށް ތައާރަފު ކުރި ފިލްމު "ލަވް ޔާތުރީ" އެވެ.
ގަމާ ޕެހެލުވާން: އޭނާ މަރުވީ 82 އަހަރުގައި 1960 ގައި.
ފިތުރު އީދުގައޮ ރިލީޒް ކުރާ "ބާރަތު" ގެ މަސައްކަތް މިހާރު ކުރަމުން އަންނަ ސަލްމާން ޕްރޮޑިއުސްކޮށް ދެން އެންމެ އަވަހަށް ގެނެސް ދޭނީ އަންނަ މަހުގެ 29 ގައި ރިލީޒް ކުރާ "ނޯޓްބުކް" އެވެ. މި ފިލްމަކީ އެކްޓަރު މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން އާއި ސަލްމާންގެ ޒަމާންވީ ގާތް ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށްވާ ޒަހީރު އިގްބާލް ބޮލީވުޑަށް ނެރޭ ފިލްމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy