ފިލްމު "40+" ގެ ޕޯސްޓަރެއް: ފިލްމު އަޅުވާނީ އަންނަ މަހުގެ 5 ގައި.
12 ފެބުރުއަރީ 2019 - 14:02
މި އަހަރު އަޅުވާ ތިން ވަނަ ފިލްމު ކަމަށްވާ "40+" ގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.
މި ފިލްމު ޕްރިމިއާ ކުރާނީ އަންނަ މަހުގެ 5 ގަ އެވެ.
ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ އޮލިމްޕަހުން ޓިކެޓް ވިއްކުން ކުރިއަށް ދާނީ ކޮންމެ ދުވަހަކު މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކަމަށެވެ. ޓިކެޓް ވިއްކަނީ 100ރ. އަށެވެ.
"ފިލްމު އަޅުވާ ދުވަސް ކައިރިކޮށްފައި އަހަރެމެން އަދި ހެނދުނު ވެސް ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާނަން. މިއަދު ޓިކެޓް ވިއްކަން ފެށި ނަމަވެސް، ފޯޓީ ޕްލަސްގެ ހޮޓްލައިނަށް ގުޅައިގެން ޓިކެޓް ބުކް ވެސް ކުރެވޭނެ،" ޝަފީގް ބުންޏެވެ.
އޭނާ ބުނީ އޮލިމްޕަހުގައި 20 ޝޯ ދައްކަން އަމާޒު ހިފާފައިވާ އިރު، މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް "40+" އަޅުވަން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަތޮޅު ތެރެއިން އެންމެ ފުރަތަމަ ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުށީގަ އެވެ. އެއީ އަންނަ މަހުގެ 17 ގަ އެވެ.
"40+" އަކީ 2016 ގައި ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅުނު ކޮމެޑީ ފިލްމު "ނޯޓީ 40" ގެ ދެވަނަ ބައެވެ. އެކަމަކު މި ފަހަރު މިއީ ހޮރޯ ކޮމެޑީއެކެވެ.
ތ. ބުރުނީގައި މަންޒަރުތައް ނަގާފައިވާ "40+" އިން "ނޯޓީ 40" ގެ މައިގަނޑު ތަރިން ކަމަށްވާ ޔޫއްޕެ، އަލީ ސީޒަން، މުހައްމަދު މަނިކް، އަހުމަދު ސައީދާއި އޭނާގެ އަންހެނުން ފާތިމަތު (އަޒޫ) އަޒީފާ އަދި އަލީ (ދޮންއައްޔަ) އާޒިމް ފެނިގެން ދާނެ އެވެ. މީގެ ކާސްޓާ އަލަށް ގުޅުނު މަޝްހޫރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ އަދި އަހުމަދު (އާނަންދު) އީސަ ހިމެނެ އެވެ. އަދި ފިލްމުން އާ އެކްޓަރުންތަކެއް ވެސް ފެނިގެން ދާނެ އެވެ.
މި އަހަރުގެ ފުރަތަމަ ފިލްމަކީ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އެވެ. އޮލިމްޕަހުގައި މިހާރު ދައްކަނީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުމާާ
13 February 2019
ޝަކީލާ 40+؟ މޯރ ލައިކް 60+
ހަރީނާ
12 February 2019
ހޫ ކެއާސް؟؟
ހަސީނާ
13 February 2019
ޔޫ ކެއަރޑް. އެހެންވެ ޚަބަރުކިޔާފައި ކޮމެންޓުވެސް ތިޔަ ކުރީއެއްނު.
ހަރީނާ
13 February 2019
ވައި އާރ ޔޫ ކެޔަރިން ސޯ މަޗް އެބައުޓްމީ ހަސީނާ؟؟