ކޫޕާ އާއި ގާގާ އޮސްކާ އެވޯޑް ހަފުލާގައި ފަޕޯމް ކުރަނީ.
02 މާޗް 2019 - 07:58
ހޯމަ ދުވަހު 91 ވަނަ އޮސްކާ އެވޯޑް ހަފުލާ ނިންމައިލި އިރު، މީޑިއާތަކުގައި އެންމެ ހޫނުކޮށް ދެކެވުނީ ބްރެޑްލީ ކޫޕާ އާއި ލޭޑީ ގާގާގެ ވާހަކަ އެވެ. އެ ދެ ތަރިން ސްޓޭޖް މަތީގައި ހުށަހަޅައި ދިން ލަވަ "ޝެލޯ" ގެ ތެރެއިން އެންމެ ބޮޑަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ގާގާ އާއި ކޫޕާގެ ބޮޑީ ލެންގްއޭޖް ހުރި ގޮތެވެ.
ގިނަ ބަޔަކު އޭރު ވެސް ބުނަމުން ދިޔައީ މި ދެ މީހުންގެ ހަރަކާތްތައް ހުރި ގޮތަށް ބަލާއިރު، އެކަކު އަނެކަށް ހިތްކިޔާ ކަހަލަ ގޮތެއް ދައްކުވައި ދިން ކަމަށެވެ. އޮސްކާގެ އެންމެ މޮޅު އޮރިޖަނަލް ސޯންގްގެ އެވޯޑް ވެސް ލިބުނު "ޝެލޯ" އަކީ ކޫޕާ އާއި ގާގާ އެކުގައި މިދިޔަ އަހަރު ކުޅުނު ފިލްމު "އަ ސްޓާ އިޒް ބޯން" ގެ ލަވައެކެވެ.
މި ލަވައަށް ލިބުނު އޮސްކާއާ ހަވާލުވާން ސްޓޭޖަށް އަރާފައި ގާގާ ދެއްކި ވާހަކައިގައި "ޝެލޯ" އެހާ ފުރިހަމަ ލަވަކައަކަށް ކޫޕާގެ އަޑު ނުހިމެނުނު ނަމަ ނުވީސް ކަމަށް ވެސް ބުންޏެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން މިހާރު ބުނަމުން އަންނަ ގޮތުގައި އޮސްކާ އެވޯޑް ހަފުލާ ނިންމައިލަންދެން ކޫޕާ އާއި ގާގާގެ އަޑި ނޭނގޭ ގުޅުން ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ފަހު، އެ ދެ ތަރިން މިހާރު ތިބީ ހިތާވެގެން އުޅޭކަން ހާމަކުރަން ތައްޔާރަށް ތިބި ހިސާބެއްގަ އެވެ.
އޮސްޓްރޭލިއާގެ މަޖައްލާއެއް ކަމަށްވާ ވިމެންސް ޑޭ އިން ބުނި ގޮތުގައި ކޫޕާގެ ބައިވެރިޔާ، ދަރިފުޅުގެ މަންމަ އަދި މަޝްހޫރު މޮޑެލް އައިރީނާ ޝޭކް ދޫކޮށްލާފައި، ގާގާ އެކު ކުރިއަށް ދާން އޭނާ މިހާރު ހުރީ ތައްޔާރަށެވެ. އަދި ގާގާގެ ހިތުން ވެސް ވަރަށް ހާއްސަ މަގާމެއް ކޫޕާ އަށް ދެވިފައިވާ ކަމަށް އޭނާ، ކޫޕާ ގާތު ވެސް ބުނެފައިވާ ކަމަށްވެ އެވެ. ހަމަމިއާ އެކު ކޫޕާ ޑައިރެކްޓް ވެސް ކުރި "އަ ސްޓާ އިޒް ބޯން" ގެ މަސައްކަތް ފެށި ފަހުން، ގާގާއާ ދޭތެރޭ އޭނާ ސީރިއަސްކޮށް ވިސްނަމުން ދިޔަ ކަމަށްވެ އެވެ.
މި ވާހަކަ އަށް ބާރު ލިއްބައިދޭ އެއް ކަމަކީ މިދިޔަ އަހަރު ކްރިސްޓިއަން ކެރީނޯއާ އެންގޭޖްވި، ގާގާ މިދިޔަ ހަފުތާގެ ތެރޭގައި އެންގޭޖްމަންޓް ވެސް ރޫޅާލާފައި އޮތުމެވެ.
ކޫޕާ އާއި އައިރީނާ އަދި ކޫޕާ އާއި ގާގާ އޮސްކާ އެވޯޑް ހަފުލާ ތެރޭގައި.
ކައިވެންޏަކާ ހަމައަށް ނުގޮސް ގާގާ، 32، ގެ ދެވަނަ އެންގޭޖްމަންޓް ވެސް ރޫޅައިލި އިރު، ކޫޕާ ވަނީ ކުރިން ކައިވެންޏެއް ވެސްކޮށްފަ އެވެ. އޭނާ 2006 ގައި ބަތަލާ އަދި ލިޔުންތެރިޔާ ޖެނިފާ އެސްޕޮސިޓޯއާ ކުރި ކައިވެނި ޖެހިގެން އައި އަހަރު ވަނީ ރޫޅިފަ އެވެ. ކޫޕާ، 44، އާއި އައިރީނާ، 33، ގުޅުނީ 2015 ގަ އެވެ.
ގިނަ ބަޔަކު މިހާރު ތިބީ ކޫޕާގެ ލޯބި ތިނެސްކަން ލޯތްބަކަށް މިސްރާބު ޖަހާފައިވާ ކަމަސް ބުނާތީ ވާނުވާ އެނގެން ވަރަށް ވެސް ބޮޑަށް ބޭނުންވެފަ އެވެ. ސުވާލަކީ ދަރިފުޅުގެ މަންމަ އައިރީނާ ދޫކޮށްލާފައި، އޭނާ ހޮލީވުޑަށް ނެރުނު ބަތަލާ ގާގާއާ ކޫޕާ ހަމަ ސީރިއަސްކޮށް ގުޅިފާނެތޯ އެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy