ފޮކްސްގެ މަޝްހޫރު ޓީވީ ސިލްސިލާ "އެމްޕަޔާ" ގެ ކާސްޓްގައި ކުރިން ހިމެނުނު އެކްޓަރު ޖަސީ ސްމޮލެޓަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު އެމެރިކާގެ ޝިކާގޯގެ މަގެއްގެ މަތީގައި ދިމާކޮށް، ކެމިކަލަކުން ހަމަލާ ދިން ކަމަށް ބުނެ ފުލުހުންނަށް ދޮގު ބަޔާން ދިން މައްސަލާގައި އޭނާގެ މައްޗަށް 16 ދައުވާއެއް އުފުލައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފއިވާ ގޮތުގައި، 36 އަހަރުގެ އެކްޓަރު/ލަވަކިޔުންތެރިޔާގެ މައްޗަށް އުފުލި 16 ދައުވާގެ ތެރެއިން އަށް ދައުވާއަކީ ފުލުސް އޮފިސަރު މުހައްމަދު ބެއިގަށް ދިން ބަޔާނާ ގުޅިގެން ކުރާ ދައުވާތަކެވެ. އަނެއް އަށް ދައުވާކުރަނީ "ހާދިސާއާ" ގުޅޭ ގޮތުން ޑިޓެކްޓިވް ކިމް މުރޭ އަށް ދިން ބަޔާނާ ގުޅިގެންނެވެ.
ބަޔަކު ހަމަލާ ދިން ކަމަށް ބުނެ ޖަސީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށް ބަޔާން ދިން ނަމަވެސް ތަހުގީގަށް ފަހުން އެނގުނު ގޮތުގައި އެއީ ދެ މީހަކަށް 3،500 ޑޮލަރު ދީގެން އޭނާ އަމިއްލަ އަށް ރާވައިގެން ކުރުވި ކަމެކެވެ. އަދި އެއީ ކެރިއަރު ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހިން ޖަސީ "ކެރިއާ ބޫސްޓް ކުރަން ޖެއްސި ސްޓަންޓެއް" ކަމަށް ފުލުހުން ވަނީ ކޯޓްގައި ބުނެފަ އެވެ.
ދޮގު ބަޔާން ދިން މައްސަލާގައި ޖަސީ މިދިޔަ މަހު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ އެމެރިކާ އިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފަހެއްޓުމަށް ފަހު އެވެ.
މި މައްސަލަގަނޑުގެ ތެރެއިން ފޮކްސް އިން ވަނީ "އެމްޕަޔާ" ގެ ފަހު ސީޒަނުގެ އެޕިސޯޑްތަކުން ޖަސީ ކުޅެފައިވާ ޖަމާލް ލިއޯންގެ ކެރެކްޓާ ވެސް އުނިކޮށްފަ އެވެ. ނަމަވެސް ހޮލީވުޑްގެ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ ޖަސީ ވަނީ ފުލުހުންގެ އޭނާއާ ބެހޭ ގޮތުން ހާމަކުރި ވާހަކަތައް ދޮގުކޮށްފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މައްސަލައިގެ ތަހުގީގަށް ފަހުން، އޭނާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ވެސް ނުލިބެ އެވެ.