މުނިފޫހިފިލުވުން / ވާހަކަ

ހުޅަނގު ފުޅަމަތި

މާލޭ ހުޅަނގު ފަރާތު މޫދަކީ ހަލަބޮލި ތަނެކެވެ. އެންމެ ގިނައިން މީހުން މޫދަށްއެރޭ ދިމާއެވެ. ފަޅު ރީތިވެފައި ބޮޑުކަމުންނެވެ. ހެނދުނުގެ ހިކިދިޔައިގައި ފަރުހިލަން އެ ތަނަށް އެރުނު މީހުން މުޅި ހިސާބަށް ފެތުރިފައިވެއެވެ. އަންހެނުންނާއި، ފިރިހެނުންނާއި، ކުޑަކުދީން ވެސްމެއެވެ. ފަޅުގެ އެންމެ ދެކުނަށް އޮންނަނީ ރާވެރިބެ ނެރެވެ. އެއީ އަލިރަސްގެފާނު ޒިޔާރަތާ ދިމާގައި އޮންނަ ނެރެވެ. ރާވެރި ނެރުގެ އުތުރުން އޮންނަނީ ދެގާފުނި ނެރެވެ. ވަރަށް ބޮޑު ދެ ގާ ނެރުގެ ދެ ފަރާތުގައި އޮވެއެވެ. އެ ނެރުގެ އުތުރުން އޮންނަނީ ގެރިކޮށިގަނޑު ނެރެވެ. އެހެން ކިޔަނީ ނެރާ ދިމާ އަތިރިމަތީގައި ހުންނަ ހިރުނދުގަސްތަކުގެ އެއްގަމުގައި ގެރިކޮށްޓާއި ބަކަރިކޮށިތައް އޮންނާތީއެވެ. ގެރިކޮށިގަނޑު ނެރާ ދިމާ ފަޅުމަތީގައި ބޮނބިފައުތައް އޮވެއެވެ. އެ ތަނުން ބޮނބި ނަގައިގެން ބޮނބިތެޅުމަށް ޓަކައި ހިރުނދުގަސް ކައިރިއަށް އަންހެނަކު އައެވެ. ގާތުގައި އޭނަގެ ދަރިފުޅު ހަލީމާ ހުއްޓެވެ. ދެމައިން ބޮނބިތަޅަމުންގެންދިޔައިރު ހަމަ އެ ހިރުނދުގަހުގެ ހިޔަލުގައި ދޮންމަނިކު ހުއްޓެވެ. ދެމައިންގެ މަސައްކަތަށް ބަލައިލުމުން އެ ތަނުން ކުޅަދާނައީ ކާކުކަމެއް ދޮންމަނިކަށް ބުނާކަށް ނޭނގެއެވެ. އެކަމަކު ބޮނބިތަޅާ އަޑަށް ވުރެ ދޮންމަނިކުގެ ހިތުގެ ވިންދު ބާރުހެން ހީވެއެވެ. ދޮންމަނިކު ހީކުރަނީ އެއީ ބޮނބިތަޅާ އަޑުގެ ޖާދޫކަމަށެވެ.

ދިޔަވަރު ހިކި ދުވަސްދުވަހު ހުޅަނގު ފަޅުމައްޗަށް އެކި ވައްތަރުގެ ދޫނި އާދެއެވެ. އިރުވާހުދާއި، ތޭރަވައާއި، ބުޅިތުންބެވެ. މާކަނައާއި، ފިނދަނައާއި، ރަތަފައެވެ. ބޮނޑަނައާއި، ރާބޮންޖާއި، ވައްލައާއި، ކިރުދޫންޏެވެ. މަޅިފަތިޖަހައިގެން ދޫންޏަށް ފާރަލުމަކީ ދޮންމަނިކު އެންމެ ކުރާހިތްވާ ކަންތަކެވެ. އެކި އުމުރުގެ އަންހެނުން ބޮލިހިލަން ފަރުމަތީގައި އުޅުނެވެ. މޫދުގެ ވިނަގަނޑު ތެރެއިން މާކަނާތެޔޮފުޅި ނަގައިގެން އެއްކުއްޖަކު އަނެއްކުއްޖެއްގެ މޫނަށް ފެން ދުއްވުމާއި، ރާކަންޏާއި، ދޮންއަނގައިގެ މަސްގަނޑު ފިހެގެން ކެއުމަކީ ދޮންމަނިކުގެ އެކުވެރިން ފޯރީގައި ކުރާ ކަމެކެވެ. މި ކެއުމުގައި އެ ފުރައިގެ އަންހެންކުދިން ވެސް ބައިވެރިކުރެއެވެ. އެ ފަދަ ވަގުތުގައި ވެސް ދޮންމަނިކުގެ ހިތުގެ ވިންދު އަވަސްވެއެވެ. ދޮންމަނިކު ހީކުރަނީ އެއީ ރާކަނިމަހުގެ ޖާދޫކަމަށެވެ.

ދޮންމަނިކުގެ އެކުވެރިން ވަރަށް ހުނަރުވެރިއެވެ. ކުޅަދާނައެވެ. އޭގެތެރެއިން އެކަކީ މޮޅަށް ތިންހަމަކުޅޭ ކުއްޖެކެވެ. އަނެކަކު އެކޮޅުކޮޅުން ހިނގައެވެ. އާދަޔާޚިލާފަށް ނޭވާ ދިގު ކުއްޖަކު ވެސް އުޅެއެވެ. ވަރަށް ގިނަ ވައްތަރުގެ އަޑުލައްވާ ކުއްޖަކާއި، ހިސާބަށް ވަރަށް މޮޅު ކުއްޖަކު ވެސް އުޅެއެވެ. ދޮންމަނިކަކީ އެ ކަހަލަ އެއްވެސް ހުނަރެއް ހުންނަ ކުއްޖެއް ނޫނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ދޭތެރެދޭތެރެއިން އެ ސުވާލު އުފެދެއެވެ. ބަހުސަކަށް ނުވެ ނިމެއެވެ. އެއްދުވަހަކު ތަންކޮޅެއް ފުންކޮށް އެ ވާހަކަ ދެކެވުނެވެ.

"ކޮންމެވެސް އެކަކު އެބަޖެހޭ ދޮންމަނިކު ގާތުގަ އެ ވާހަކަ ބުނަން." ސައުދު ބުންޏެވެ.

ދޮންމަނިކަށް ލިބުނީ ހައިރާންކަމެކެވެ. އެކި ކުދިންގެ މޫނަށް ވަކިވަކިން ދޮންމަނިކު ބެލިއެވެ. އެ ވާހަކަދައްކާކަށް އެކަކަށް ވެސް ނުކެރުނެވެ.

"މަށަކަށް ނުކެރޭނެ. އޭރުން ދޮންމަނިކު ދެރަވާނެ." ޖައުހަރީ ޖަވާބުދިނެވެ.

"ކޮންކަމަކާ މަ ދެރަވާންވީ؟" ދޮންމަނިކު ބުންޏެވެ. "ބުނެބަލަ!"

ޖައުހަރީ ވިސްނައިލިއެވެ. އެންމެން ތިބީ ހަމަހިމޭންވެފައެވެ.

"ދޮންމަނިކުގެ ނެތެއްނު ހިޔަމިތުރެއް!" ބުނަން ކެރުނީ ސައުދަށެވެ.

ދޮންމަނިކުގެ ރައްޓެހިންގެ ނަޒަރުގައި ދޮންމަނިކަށް ހުނަރެއް ލިބިފައި ނެތީ ދޮންމަނިކު ލޯބިވާ އަންހެންކުއްޖަކު ނުހުންނާތީއެވެ. އޭގެ ސަބަބުން ދޮންމަނިކު ތަސައްރަފު ނުފުދެނީޔޯލައެވެ. ތޫނުފިލިވަނީ ލޯބީގެ ޖަޒުބާތު ހިތުތެރޭގައި އުތުރެން ފެށުމުންނެވެ. އެއީ ތެދަކަށް ވެދާނެ ހެއްޔެވެ؟ ދޮންމަނިކު އެ ކަމާ ވިސްނަން ފެށިއެވެ. ދޮންމަނިކުގެ އުމުރުން ފަނަރަ އަހަރެވެ. އެކުގައިއުޅޭ އެންމެންގެ އުމުރަކީ ވެސް އެއީއެވެ. އެކަމަކު ލޯބިވެރިއެއް ނުލިބެނީ ދޮންމަނިކަށް އެކަންޏެވެ. ދެން ހެދޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ ދޮންމަނިކުގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ދޮންމަނިކުގެ ސިކުނޑިއަށް ސުވާލުތައް ޖަމާވެފައިވަނީ ގުޅަކުޅޭ ފަސްގަނޑަށް ހަވަރު ޖަމާވެފައި އޮންނަހެންނެވެ. ހަޅޭއްލަވާ އަޑު ގަދަކަމުން ކިޔާނުކިޔާ އެއްޗެއް ނޭނގެއެވެ. ހިތުން ފޮނުވާ ލޯބީގެ މެސެޖު ސިކުނޑިއަކަށް ނުލިބެއެވެ. ލޮލަށް ލިބޭ ޖަޒުބާތުގެ ސިގުނަލު ސިކުނޑިއަކަށް ނުވިސްނެއެވެ.

ދޮހުއްތަކީ އަލިރަސްގެފާނު ޒިޔާރަތް ބަލަހައްޓާ މީހާއެވެ. ދޮންމަނިކު މާ އިތުބާރުކުރާ އެކުވެރިއެކެވެ. ދޮހުއްތުގެ ވަޒީފާއަކީ ޒިޔާރަތުގައި ދިދަނެގުމާއި، ލަންޓަން ބައްތި ދިއްލުމާއި، ފޮޅައިސާފުކުރުމެވެ. ޒިޔާރަތުގެ ވަށާ ފަޑިމަތީގައި ޖަހައިފައިހުރި ހުދުކުލައި ކުދި ދިދަތައް ވަޔާ ވިހުރެމުންދިޔައެވެ. އޭގެ ތެރެއިން ދެ ދިދައެއް ހުރީ ވީދިފައެވެ. ދޮހުއްތު އެ ދިދަތައް ނަގައިގެން އެނބުރިލިއިރު ދޮރުމަތީގައި ދޮންމަނިކު ހުއްޓައި ފެނުނެވެ.

"ދޮހުއްތުބޭ!" ދޮންމަނިކު ފިސާރި ކަންބޮޑުވެފައި ބުންޏެވެ. "ލޯބި މީ ކޯޗެއްތަ އަޅެ ފަހެ؟"

ދޮހުއްތަކީ ތަންކޮޅެއް ސަމާސާ މިޒާޖުގެ މީހެކެވެ. ކޮންމެ އުމުރަކާ ވެސް ގުޅޭގޮތަށް މައްލަވަކުރުމަކީ ދޮހުއްތުގެ އާދައެކެވެ.

"އެއީ އެއްޗަކީ،" ކުނިކަހަން ފަށަމުން ދޮހުއްތު ބުންޏެވެ. "އަހަރުމެންގެ ތި އުމުރުގަ ކައިވެނިކޮށް ދަރިން ވެސް ހޯދައިފިން. މަ ބުނާނެ ވާހަކައެއް ނެތް މި ރޭ މި ޒިޔާރަތަށް ނަދުރުބުނޭ. އޭރުން ހިޔަމިތުރެއް ލިބިދާނެ. އަމާ ގާތު ބުނޭ ލާރިއެއް ދޭށޭ. ރާވެރިބޭ ބިސްތާނަށް ކުޑަލާރިއެއް ލިޔަސް ނަދުރު ފުދޭނެ. މިރެއަކީ ވަރަށް ފައްކާ ރެޔެއް. ހަނދުވަރު ވަރަށް ރީތިވާނެ."

"އެއޮތީ ކުޑަލާރިއެއް،" ދޮންމަނިކު އިޝާރާތްކޮށްލައިފައި ބުންޏެވެ. "އެ ނަގައިފަ އަލުން ލިޔަސް ރަނގަޅުވާނެތަ!"

"އޭގަ އަތްލާކަށް ނުވާނެ. އަތްވާވެދާނެ." ލިބުނު ޖަވާބަކީ އެއީއެވެ.

މަންމަޔާ ވާހަކަދައްކައިގެން އެންމެ ފައިސާފޮއްޗެއް ވެސް ދޮންމަނިކަކަށް ނުލިބުނެވެ. ދޮންމަނިކަށް އެހީވީ ހިރުނދު ފިހާރައިގެ ބޮޑުސޭޓެވެ. ފިހާރަ ބިތްގަނޑުގައި އުވަލުމާއި، ތަނަށް ދޮންވެލިލުމުގައި ދޮންމަނިކު އެހީވެދިނީތީއެވެ. އަމުދަކުން ބޮޑުސޭޓަކީ މާ ދީލަތި މީހެއް ނޫނެވެ. މަސައްކަތްކުރާ އެކަކަށް ވެސް ބޮޑުސޭޓު ލާރިއެއް ނުދެއެވެ. ދެނީ ކާޑުގެ އެތިކޮޅެކެވެ. ހަނޑޫކޮޅެއް، ހަކުރުކޮޅެއް ނުވަތަ ފުށްކޮޅެކެވެ. އެހެންނަމަވެސް ދޮންމަނިކާއި ބޮޑުސޭޓާ ދެމެދުގައި އޮންނަނީ މާ ގާތް ގުޅުމެކެވެ.

ދޮހުއްތު ބުނިހެން އެ ރެޔަކީ ހަނދުވަރު ރީތި ރެޔެކެވެ. ކުޑަކުދީން ގޮވައިގެން ބޮޑެތި މީހުން ފިނިކޮށްލަން ބައިބަޔަށް ޒިޔާރަތް ކައިރިއަށް އައެވެ. ކަނޑުން އަރައިގެން އައި ނަލަ ރޯޅިއަށް ޒިޔާރަތުގެ ބޮޑުދިދަ ބަޑިތަޅާ އަޑަކީ، އިވޭ ކޮންމެ މީހެއްގެ ހިތަށް ފިނިކަމާއި ޖޯޝް ގެނެސްދޭ މިޔުޒިކެކެވެ. އޭގެތެރެއިން އެކަކީ ދޮންމަނިކެވެ. ނަދުރުބުނުމަކީ ދޮންމަނިކު ދުވަހަކު ކުރިކަމެއް ނޫނެވެ. އެހެންނަމަވެސް، ލާރި އޮތް އަތް ފިސާރި ބާރަށް މުށްކަވައިގެން ދޮންމަނިކު ދަނޑިވަޅަކަށް އިންތިޒާރުކުރިއެވެ. ދޮންމަނިކުގެ އަމާޒަކީ ރާވެރިބޭ ބިސްތާނެވެ. ދޮންމަނިކު އަޑުއަހައިފައިވާ ގޮތުން ރާވެރިބެއަކީ، ހަނގުރާމަހިނގަމުން ދަނިކޮށް ރާބަދި ހިފައިގެން ވިލިނގިލިން ފަތައިފައި އައި މީހެކެވެ. އެ ފަދަ ބުންވަރަކާއި ބުއްދިއެއް ދޮންމަނިކު ވެސް ބޭނުމެވެ. ލާރި އެއްލާ ތަން އެހެން މީހަކަށް ފެނުނަނުދިނުމަށް ޓަކައި، ދެ އަތް ފުރަގަހަށް ލައިގެން ބިސްތާނަށް ފުރަގަސްދީގެން ހުރެފައި ލާރި އެއްލިއެވެ. އަދި ވަރަށް ނޭނގޭކަމަށް ހެދިފައި ބިސްތާނަށް ކުރިމަތިލިއެވެ. ހިތްހަމަޖެހޭ ހިސާބެއްގައި ލާރި އޮތްތޯ ބަލައިލުމަށް ޓަކައެވެ. ދޮންމަނިކަކަށް އެ ލާރިއެއް ނުފެނުނެވެ. އެ ތަނުގައި ހުރި ލާރި ގިނަކަމުންނެވެ.

"ދޮންމަނިކާ!" އަންހެން އަޑެއް އިވުނެވެ.

ސިއްސައިގެންގޮސްފައި ދޮންމަނިކު އެނބުރުނެވެ. ކުރިމަތީގައި ހުރީ ހަލީމާއެވެ. ދޮންމަނިކާ އެއް އުމުރުގެ އަންހެން ކުއްޖެކެވެ. ހަލީމާގެ ހެދުމަށް ޖަހައިފައިހުރީ ބޮކަރުއަތަރެވެ. ދޮންމަނިކަށް އެ ވަރުގެ ވަހެއް ނެތެވެ. ހަލީމާ ފެންނައިރަށް ދޮންމަނިކުގެ ހިތް އުކުނޑިކޮށްޓަން ފަށައެވެ. ދެން މައިތިރިއެއް ނުވެއެވެ. ދޮންމަނިކު ހީކުރަނީ އެއީ ބޮކަރު އަތަރުގެ ޖާދޫކަމަށެވެ. އެ ކަމަކާ ހުރެ ހަލީމާއަށް ނުފެނި އުޅެން ދޮންމަނިކު ވަރަށް މަސައްކަތް ކުރެއެވެ. ކުޑަބެމެން ގެއަށް ހަލީމާ އައި ފަހުން އެ ގެއަށް ދިޔުން ދޮންމަނިކު ހުއްޓައިލިއެވެ.

"މިރޭ ގޯތީގަ ބިލެތްދަފިނެގުން އެބަ އޮތް،" ހަލީމާ ވަރަށް ގަޔާވެފައި ބުންޏެވެ. "ކުޑަބެ ބުނީ އަންނައްޗޯ!"

ކުޑަބެގެ ދަރިފުޅު އޮތީ ހިތާނުކޮށްފައެވެ. ގެއަށް އަންނަ ކޮންމެ މީހަކަށް ސައިލިބެއެވެ. ގަބުޅިމެޓައަކީ ދޮންމަނިކަށް މާ މީރު އެއްޗެކެވެ. ކުޑަބެ ގެއިން އެ ވެސް ލިބެއެވެ. ވީމާ، ޒިޔާރަތުން ނުކުމެގެން ދޮންމަނިކު ދިޔައީ ކުޑަބެ ގެއަށެވެ. އެންމެ ފުރަތަމައިނުން ވެސް ޖެހުނީ ސައިބޯށެވެ. ބޮޑު ގަބުޅިމެޓާގަނޑެއް ދޮންމަނިކަށް ލިބުނެވެ.

"ހުނިހަކުރު ބޭނުން؟" ހަލީމާގެ އަޑުއިވުނެވެ.

ދޮންމަނިކުގެ ހިތް ތެޅިގަތެވެ. އެ ފަހަރު ދޮންމަނިކު ހީކުރީ އެއީ ގަބުޅިމެޓާގެ ޖާދޫކަމަށެވެ. ހުވަނދުމަލުގެ ކަޅުސައިގެ އިތުރުން ހޫނު ހުނިހަކުރު ދޮންމަނިކަށް ލިބުނެވެ. ދޮންމަނިކު ގެއަށް ދިޔައީ، މަގުމަތީގައި ސަކަރާތްޖަހަން އެތައް އިރަކު އުޅެފައެވެ. ނަދުރުބުނީމައި ލޯބިވެރިޔަކު އެރޭ ލިބޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް ދޮންމަނިކަށް އޮތެވެ. އެހެންނަމަވެސް ދޮންމަނިކަށް ލިބުނީ މާޔޫސްކަމެވެ. ހީކުރި ގޮތެއް ނުވިއެވެ.

ލޯތްބަކީ ކޮބައިކަމެއް ދޮންމަނިކަކަށް ނޭނގެއެވެ. މީހަކު ބުނެއެއް ވެސް ނުދެއެވެ. ރައްޓެހިންގެ ފަރާތުން ދޮންމަނިކަށް އެނގޭ ވަރަކީ ލޯބި ކިޔާ ޖަޒުބާތެއް އޮންނަ ކަމެވެ. ލޯބިވާންޖެހޭ ކަމެވެ. ހިޔަމިތުރެއް ހުންނަންޖެހޭ ކަމެވެ. ލޯބިވީމައި ވަނީ ކިހިނެއްކަމެއް، ކުރެވޭނީ ކޮންކަހަލަ އިހުސާސެއްކަމެއް ނޭނގެއެވެ.

އާދައިގެމަތިން ދޮންމަނިކު އިނީ މާލޭގެ ހުޅަނގު ފަރާތު ފަޅުމައްޗަށް ނަޒަރުހުއްޓައިލައިގެންނެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. ހިކި ދިޔަވަރެވެ. ދޮންމަނިކުގެ ހިތުވިންދު ހުރީ އަވަސްވެފައެވެ. ދޮންމަނިކު ހީކުރީ އެއީ އިރުއޮއްސޭ ވަގުތުގެ ޖާދޫކަމަށެވެ. ހަލީމާ ހުރީ ބޮލިހިލަން ފަރުމަތީގައެވެ. ދޮންމަނިކާ ދާދި ގާތުގައެވެ. ދޮންމަނިކުގެ ހިތުވިންދާއި ހަލީމާއާ ގުޅުވާކަށް ދޮންމަނިކަކަށް ނޭނގެއެވެ. ހިތުގެ ބަހުރުވަ ސިކުނޑިއަކަށް ނުވިސްނެއެވެ. ބޮނބިތަޅާ އަޑު އިވުނު ދުވަހު އެ ތަނުގައި ހަލީމާ ހުއްޓެވެ. ރާކަނިމަސް ކެއިއިރު އެ ތަނުގައި ވެސް ހުއްޓެވެ. ބޮކަރުއަތަރު ވަސްދުވިއިރު އެ ތަނުގައި ވެސް ހުއްޓެވެ. ގަބުޅިމެޓާ ކެއިއިރު އެ ތަނުގައި ވެސް ހުއްޓެވެ. ނިކަމެތި ދޮންމަނިކުގެ ހިތުން ފޮނުވި ސިގުނަލު ދޮންމަނިކަށް ތަރުޖަމާކުރަން ނޭނގުނީއެވެ. ދޮންމަނިކު ހިތުން ލޯބިވެވުނީމަ ދޮންމަނިކަށް އެނގޭނެއެވެ. ދޮންމަނިކުގެ ނަޒަރުގައި ލޯބިވެރިޔަކު ހޯދުމަކީ ދޮންމަނިކު ކުރަންޖެހޭ ކަމެއް ވެސްމެއެވެ. އެކަމަކު އެ ކަން ކުރާނީ ހިތޭ ބުނާހިތެއް ދޮންމަނިކު ނުވެއެވެ. ހިތަކަށް އެހެން ނުވެސް އަރައެވެ.

ނިމުނީ

24 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 11%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުއާ

20 April 2019

ހިޔަމިތުރެއް ނޫން ރަނގަޅު ގޮތަކީ ހިއަމިތުރު

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

17 March 2019

މި ވާހަކަ ކިއުމަށްފަހު އެނގުނީ ކޯޗެއް އަދި ނޭގެނީ ކޯޗެއް! މިކަހަލަ ތާކުން ތާކު ނުޖެހޭ ވާހަކަ ބިންމާ އަކަސް ލިއަންވާނެތަ!

The name is already taken The name is available. Register?

ާއައިކާ

20 March 2019

ކަލޯ ފުރަތަމަ ދަތް ޖަހަންވީނު

The name is already taken The name is available. Register?

ކައުންސެލަރު

17 March 2019

ހަގީގީ ހާދިސާއެއްވިޔަސް ގެނެސްދީފައޮތްގޮތް ވަރަށް ހަބޭސް ވާހަކައެއް ބިންމާގެ "އަހަންނަކީ ޖިންނިއެއް". އެކަހަލަ އޮބިވާހަކައެއް ނެތްތަދެން؟

The name is already taken The name is available. Register?

ބިންމާބެ ފޭން.

17 March 2019

"މިހާރު"ން ބިންމާބެގެ ވަރަށް ފުރިހަމަ އިންޓަރވިއުއެއް ގެނެސްދޭންްވީ ނޫންތޯ؟

The name is already taken The name is available. Register?

‫ފޫޅުމަތި

17 March 2019

ފ‫ުޅަމައްޗޭ! ފަޅުމަތި އޯތަރ މި ވާހަކައިގެ ނަމަކަށް ދީފައެއޮތީ. މިހާރުމެން ކޯއްޗެއް ތިޔަ ހަދަނީ. އެނނނނ?

The name is already taken The name is available. Register?

ސައީ

17 March 2019

ލޮލް...

The name is already taken The name is available. Register?

އީނު

17 March 2019

އަޅެ މިދޮންމަނިކު ހާދަ ހީކުރެއޭ ކަންތައްތައް.. ޖާދޫގެ ދޮންމަނިކު..

The name is already taken The name is available. Register?

ނޯ ނޭމް

17 March 2019

އީނު ކެބިންކްރޫ؟

The name is already taken The name is available. Register?

އީނު

17 March 2019

އާން އެ އީނު މީ.. ކުރަފަތްބޭބެ ގެއްލުނީމަ ދެން ނަން ވެސް ކުރުކޮއްލީ

The name is already taken The name is available. Register?

ދޮންދައްތަ

17 March 2019

ކޮބާތަ އެއްކަލަ ދޮންބޭބެ މިއަދު؟

The name is already taken The name is available. Register?

އިހޫ

17 March 2019

ވަރަށް ސަޅި ސާދާ ވާހަކައެއް!

The name is already taken The name is available. Register?

ކަދުރު

17 March 2019

މި ވާހަކަ ހަބޭސް! ވ.ފުރިހަމަ ވާހަކައެއް މީ! ޝުކުރިއްޔާ ބިންމާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454