ޖޯން: ނޯލަން އަންނަ އަހަރު ގެނެސްދޭ ފިލްމުން ފެންނާނެ.
23 މާޗް 2019 - 07:46
ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން އަންނަ އަހަރު ނެރޭނެ ކަމަށް ބުނާ ފިލްމަށް ކާސްޓުންތަކެއް ހަމަޖައްސައިފި އެވެ.
ފިލްމުގެ ރޯލަކަށް އެންމެ ފުރަތަމަ ސޮއިކޮށްފައި ވަނީ ޖޯން ޑޭވިޑް ވޮޝިންޓަނެވެ. އޭނާއަކީ މިދިޔަ އަހަރު ރިލީޒްކޮށް، މި އަހަރުގެ އެންމެ ވަރުގަދަ އެވޯޑްސްތަކުގައި ވާދަކުރި ސްޕައިކް ލީގެ ބައޮގްރަފިކަލް ކްރައިމް ޑްރާމާ "ބްލެކްކްލަންސްމަން" ގައި މުހިންމު ރޯލެއް ކުޅުނު އެކްޓަރެކެވެ.
ޖޯންއާ އެކު ނޯލަންގެ ފިލްމުގެ ކާސްޓުން ދެން ފެންނާނެ މުހިއްމު ތަރިންނަކީ "ޓްވައިލައިޓް" ގެ ފިލްމުތަކުން ވިދައިލި އެކްޓަރު ރޮބަޓް ޕެޓިންސަން އާއި މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ވިޑޯސް" ގެ ބަތަލާ އެލިޒަބަތު ޑެބިކީ އެވެ.
ރޮބަޓް ޕެޓިސަން އަދި އެލިޒަބަތު ޑެބީކީ.
ވެރައިޓީން ބުނި ގޮތުގައި ވާނާ ބްރަދާޒްއާ ގުޅިގެން ނޯލަން އަންނަ އަހަރުގެ ޖުލައި 17 ގައި ގެނެސްދޭ ފިލްމުގެ ސްކްރީންޕްލޭގެ ފައިނަލް ޑްރާފްޓް މިހާރު ނިންމާލައި، ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފެށުމަށް ތައްޔާރީތައް ވާން ވަނީ ފަށައިފަ އެވެ.
ނަމަވެސް މި ފަހަރު ނޯލަން ކިޔައިދޭނީ ކޮން ކަހަލަ ވާހަކައެއް ކަމެއް އަދި ނޭނގެ އެވެ. އޭނާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެއް ކިޔައި ދިން 2017 ގެ "ޑަންކާކް" އެވެ.
Christopher Nolan ge au film anna aharu
The most trusted news source in the Maldives
Mihaaru
ނޯލަން އެންމެ ފަހުން ގެނެސް ދިނީ "ޑަންކާކް".
ވޯނާ ބްރޮސް އިން ގެނެސް ދިން އެ ފިލްމަކީ ބޮކްސް އޮފީހުގައި 526.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމަށް ހަރަދު ކުރީ ގާތްގަނޑަކަށް 150 މިލިއަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy