ކްރިސްޓޮފާ ނޯލަން: އަންނަ އަހަރު އައު ފިލްމެއް ގެނެސް ދޭނެ.
27 ޖެނުއަރީ 2019 - 07:20
މޮޅު އަދި ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޑައިރެކްޓަރު ކްރޮސްޓޮފާ ނޯލަންގެ އައު ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.
ވޯނާ ބްރޮސް އިން އެކަން ކަށަވަރުކޮށް ދިން ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ. އެ ސްޓޫޑިއޯ އިން ބުނީ 2017 ގައި ގެނެސްދިން "ޑަންކާކް" އަށް ފަހު، ނޯލަން ގެނެސްދޭ ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި، 17، 2020 ގައި ކަމަށެވެ.
ވޯނާ ބްރޮސް އިން 2002 އިން ފެށިގެން ނޯލަންގެ ފިލްމުތަކުގެ ޑިސްޓްރިބިއުޝަނާ ހަވާލުވިވެފައި ވާއިރު، މީގެ ކުރިން އެ ސްޓޫޑިއޯ އިން ވަނީ އޭނާގެ އިންސޯމިއާ، ދަ ޕްރެސްޓީޖް، އިންޓަސްޓެލާ، ބެޓްމޭން ބިގިންސް، އިންސެޕްޝަން، ޑާކް ނައިޓް އަދި ޑާކް ނައިޓް ރައިޒެސް ފަދަ ފިލްމުތައް ޑިސްޓްރިބިއުޓްކޮށްފަ އެވެ.
ނޯލަން އެންމެ ފަހުން ގެނެސްދިން، ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެއް ކިޔައި ދިން "ޑަންކާކް" އަކީ ބޮކްސް އޮފީހުގައި 526.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މިދިޔަ އަހަރު ބޭއްވި 90 ވަނަ އޮސްކާ އެވޯޑްސްގައި "ޑަންކާކް" 8 ކެޓަގަރީއަކުން ނޮމިނޭޓްވެ، ތިން އެވޯޑް ވެސް ގެންދިޔަ އެވެ. އެއީ ބެސްޓް ސައުންޑް މިކްސިން، ބެސްޓް ސައުންޑް އެޑިޓިން އަދި ބެސްޓް ފިލްމު އެޑިޓިން އެވެ.
"ޑަންކާކް" އިން އަލަށް ނޯލަން އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމަށް ނޮމިނޭޓް ވެސް ވި އެވެ.
އޭނާ އައު ފިލްމެއް އަންނަ އަހަރު ގެނެސް ދޭން ނިންމާފައިވާ އިރު، ޔަގީނުން ވެސް ނޯލަންގެ ސިނަމާ އަށް ލޯބި ކުރާ މީހުން މި ފިލްމަށް ވަރަށް އިންތިޒާރު ކުރާނެ އެވެ.
އޭނާގެ ފިލްމު ރިލީޒް ކުރަން ތާވަލު ކުރި ތާރީހުގައި ސިނަމާތަކަށް ގެންނަން ނިންމާފައި ހުރި ފިލްމުތަކުގެ ތެރޭގައި ފޮކްސްގެ "ބޮބްސް ބާގާ" އާއި ޕެރަމައުންޓްގެ "ސްޕޮންޖް ބޮބް މޫވީ" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy